ޗައިނާގެ ވެރިރަށް ބެއިޖިންގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 29 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރެއިން 26 މީހުންނަކީ ބަލި މީހުންނެވެ.
އަލިފާން ރޯވީ ޗަންގްފެންގް ޕްރައިވެޓް ހޮސްޕިޓަލުގަ އެވެ. ރޯވުމާ އެކު މީހުން އިވެކުއޭޓް ކުރި އެވެ. އެހެން ނަމަވެސް ތާށިވި ބައެއް މީހުން ސަލާމަތްވީ ކުޑަދޮރުން ބޭރަށް ފައިބައިގެންނެވެ.
އެ ހާދިސާގައި ނަރުހަކާއި، މެޑިކަލް އެސިސްޓަންޓެއް އަދި ބަލި މީހެއްގެ އާއިލާ މެމްބަރަކު ވެސް މަރުވި ކަމަށް ފެންގައި ޑިސްޓްރިކްޓުގެ ޑެޕިއުޓީ ވެރިޔާ ލީ ޝޮންގްރޯންގް ވިދާޅުވި އެވެ.
އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ތަހުގީގު ވަނީ ފަށައިފަ އެވެ. އެކަމަކު ރޯވީ ހޮސްޕިޓަލުގައި ބަލި މީހުން އެޑްމިޓް ކުރާ ސަރަހައްދުގައި ވެލްޑިން މަސައްކަތް ކުރަނިކޮށް ކަމަށް ބެލެވެ އެވެ.
މިހާތަނަށް 12 މީހުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި ހޮސްޕިޓަލުގެ ބައެއް ވެރިންނާއި ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅުނު ގްރޫޕުގެ ވެރިޔާ ހިމެނެ އެވެ.
ހާދިސާގައި އަނިޔާވި 39 މީހަކަށް ފަރުވާދެމުންދާ އިރު، ތިން މީހެއްގެ ހާލު ސީރިއަސް އެވެ. ޗައިނާގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ނުބަލާތީ ވަރަށް ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަ އެވެ.










