އިންޑިއާގެ ފުރަތަމަ އެޕަލް ރީޓެއިލް ފިހާރަ މުމްބާއި ސިޓީގައި ހުޅުވައިފި އެވެ. އެ ފިހާރަ ރަސްމީކޮށް ހުޅުވައިދިނީ ކުންފުނީގެ ޗީފް އެގްޒެކްޓިވް ޓިމް ކުކް އެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ކަސްޓަމަރުންނާ އެކު ސެލްފީ ނެގުމަށް ޓިމް ކުކް އުޅުނު މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ.
އޭގެ އިތުރުން އަންނަ ބުރާސްފަތި ދުވަހު ވެރިރަށް ނިއު ދިއްލީގައި އެޕަލްގެ ދެ ވަނަ ރީޓެއިލް ފިހާރައެއް ހުޅުވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މުމްބާއީގައި ފިހާރަ ހުޅުވި ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިއާގެ އެކި ހިސާބުތަކުން މީހުން ދަތުރުކުރި އެވެ.
ފިހާރައިގެ ޑިޒައިން ފަރުމާކޮށްފައި ވަނީ މުމްބާއީ ސިޓީގެ ތެރެއިން ފެންނަ ކަޅާއި ރީނދޫ ކުލައިގެ ޓެކްސީ ކާރުތައް ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ.
މިހާތަނަށް އިންޑިއާގައި އެޕަލްގެ އުފެއްދުންތައް ވިއްކަމުން ދިޔައީ އޮންލައިންކޮށް ނުވަތަ ރީސެލް ކުރާ ފަރާތްތަކުގެ ނެޓްވޯކްތަކުންނެވެ.
އިންޑިއާއަކީ ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު ސްމާޓްފޯން މާކެޓެވެ. އެހެންވެ، އެޕަލްއިން މަސައްކަތް ކުރަމުން ދަނީ އިންޑިއާގައި ރީޓެއިލް ވިޔަފާރި ފުޅާ ކުރުމަށެވެ.










