ރިޔާދު، ސައުދީ އަރަބިއްޔާ (އޭޕްރީލް 13) - ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބް، އަލް ނަސްރުގެ ކޯޗަކަށް ހުރި ސްޕެއިނުގެ ރުޑީ ގާސިއާ ވަކިކުރަން އެ ކްލަބުން ނިންމައިފި އެވެ.
އަލް ނަސްރުން ބުނެފައިވަނީ މި ނިންމުމަކީ ދެ ފަރާތް މަޝްވަރާ ކޮށްގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ފާއިތުވި އަށެއްކަ މަސް ދުވަހު ރުޑީ ގާސިއާ، 59، އަލް ނަސްރު ޓީމުގައި ކޮށްފައިވާ މަސައްކަތަށް އެ ކްލަބްގެ ބޯޑު މެމްބަރުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. މީޑިއާގައި ވާހަކަ ދައްކަމުން އަލް ނަސްރުގެ ތަރުޖަމާނު ބުނެފައިވަނީ، ރުޑީ ގާސިއާގެ ބަދަލުގައި އާ ކޯޗެއް ގެނައުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ޖުލައި މަހު، އަލް ނަސްރުގެ ކޯޗަކަށް ގެނައި، ރުޑީ ގާސިއާ، އެ ޓީމުގެ ކޯޗުކަމުން ވަކިވިއިރު، އެ ޓީމު އޮތީ ސައުދީ ޕްރޮފެޝަނަލް ލީގުގެ ދެ ވަނައިގަ އެވެ. އެއީ އެއް ވަނައިގައި އޮތް އަލް އިއްތިހާދަށް ވުރެ ތިން ޕޮއިންޓް ފަަހަތުގަ އެވެ.
ރުޑީ ގާސިއާ އަކީ ޔޫރަޕް ފުޓްބޯޅައިގައި ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ވަނީ އުފަން ގައުމު، ފްރާންސްގެ ލީގުގައި ލިލް، މާސޭ އަދި ލިޔޯނަށް ކޯޗުކޮށްދީފަ އެވެ. ފްރާންސް ލީގުގެ އިތުރުން ދެން ރުޑީ ގާސިއާ މަސައްކަތްކުރި އެއް ލީގަކީ އިޓާލިއަން ލީގެވެ. އެ ލީގުގައި ރޯމާގައި ދެ އަހަރާއި ބައި ހޭދަކުރި އެވެ.
ސައުދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރުޑީ ގާސިއާ މަގާމުން ވަކިކުރަން އެ ކްލަބްގެ ބޯޑުން ނިންމި އެންމެ ބޮޑު ސަބަބަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ރޮނާލްޑޯ ގެނައުމަށް ފަހު ވެސް އެ ޓީމުގެ ނަތީޖާތަށް އެކަށީގެންވާ ވަރަށް ކުރިއަރާފައިނުވާތީ އެވެ. އަލް ނަސްރަށް ޖުމްލަ އެކު 442 މިިލިއަން ޑޮލަރުގެ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރި ރޮނާލްޑޯ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 12 މެޗުން 11 ގޯލު ޖަހައިދީފަ އެވެ.












