އޯޕަންއޭއައިގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމްތަކުގައި ހުރި މައްސަލަތައް ރިޕޯޓް ކުރުމުން 20،000 ޑޮލަރާއި ހަމައަށް އިނާމު ލިބޭ "ބަގް ބައުންޓީ" ޕްރޮގްރާމް އެއް އެކުންފުނިން އިއުލާންކޮށްފި އެވެ.
އޯޕެން އޭއައި އިން ބުނެފައިވަނީ އިނާމުގެ އަދަދު ބިނާވާނީ ހޯދާ މައްސަލައިގެ ސީރިއަސްކަމުގެ މައްޗަށް ކަމަށެވެ. އަދި ކޮންމެ މައްސަލައަކަށް 200 ޑޮލަރުން ފެށިގެން މަތީ އަދަދެއް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
މި ޕްރޮގްރާމަކީ ސޮފްޓްވެއާ ސިސްޓަމްތަކުގައި ހުންނަ މައްސަލަތައް ރިޕޯޓް ކުރުމަށް ޕްރޮގްރާމަރުންނާއި އެތިކަލް ހެކަރުންނަށް ބާރުއެޅުމަށް ޓެކްނޮލޮޖީ އިންޑަސްޓްރީ އަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމެކެވެ.
އޯޕަންއޭއައި އިން ވަނީ ޗެޓްޖީޕީޓީގެ ވަކި ފަންކްޝަނަލިޓީތަކާއި ތާޑް-ޕާޓީ އެޕްލިކޭޝަންތަކާ ޑޭޓާ މުއާމަލާތްކޮށް ހިއްސާކުރާ ސިސްޓަމް ފްރޭމްވޯކް ރިވިއު ކުރުމަށް ދިރާސާވެރިންނަށް ވަކިން ދައުވަތު ދީފަ އެވެ. ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ މި ޕްރޮގްރާމް ތެރޭގައި އޯޕަންއޭއައި ސިސްޓަމްތަކުން އުފައްދާ ގޯސް ނުވަތަ ނުބައި ކޮންޓެންޓް ނުހިމެނޭކަމެވެ.
އޯޕެން އޭއައި އިން މި އިއުލާން ކޮށްފައިވަނީ ޕްރައިވެސީ ގަވާއިދާ ހިލާފު ކަމަށް ތުހުމަތުކުރެވި، އިޓަލީގައި ޗެޓްޖީޕީޓީ މަނާކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެވެ. އެކަމުގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ރެގިއުލޭޓަރުން ޖެނެރޭޓިވް އޭއައިގެ ހިދުމަތްތައް އިތުރަށް ގާތުން ބަލަން ވަނީ ފަށާފަ އެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ތައާރަފްކުރި ޗެޓްޖީޕީޓީއަކީ މިފަހުން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވާ ޓެކްނޮލޮޖީ އެވެ. މި މަގުބޫލު ކަމާއެކު މައިކްރޯސޮފްޓް ކޯޕަރޭޝަން އިން ވަނީ 10 ބިލިއަން ޑޮލަރަށް، ޗެޓްޖީޕީޓީ އުފެއްދި އޯޕެން އޭއައި ކުންފުނި ގަނެފަ އެވެ.








