މި އަހަރުގެ މެއި މަހުގެ ފަހުކޮޅުގައި ކްލަބް މޯލްޑިވްސް ކަޕް ފަށަން ނިންމާފައިވާއިރު، "ކްލެސިކް"ގެ ނަމުގައި ދެ މުބާރާތެއް ފަށަން ނިންމައިފި އެވެ.
އެ ގޮތުން، އަލަށް ފަށާނެ ދެ މުބާރާތަކީ ފިރިހެން ޑިވިޝަނަށް ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް އާއި އަންހެން ޑިވިޝަނަށް 18/30 ކްލަސިކް އެވެ.
ކްލަސިކް، މި ދެ މުބާރާތާ އެކު މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕާއި 18/30 ފުޓްސަލް ފިއެސްޓާ އަށް އިތުރު ފުރިހަމަ ކަމެއް އަންނާނެ ކަމަށް ކްލަބް މޯލްޑިވްސް އިން ގަބޫލުކުރެ އެވެ.
ކްލަބް މޯލްޑިވްސްގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، "ކްލަސިކް" މުބާރާތްތަކުން ޖާގަދޭން ހަމަޖެހިފައިވަނީ ގަދަ 16 ޓީމަށެވެ. އެ ގޮތުން، ކްލަބް މޯލްޑިވްސް ކަޕް ކްލަސިކާއި 18/30 ފުޓްސަލް ފިއެސްޓާ ކްލަސިކްގެ ތެރެއިން ކޮންމެ ޑިވިޝަނެއްގައި ކުޅޭ 16 ޓީމު ބަހާލާފައިވާނީ ހަތަރު ގްރޫޕަކަށެވެ. އެއީ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް ކުޅޭ ގޮތަށެވެ.
ގަވާއިދުގައިވާ ގޮތުން، އަންހެން ޑިވިޝަނުގެ 18/30 ފުޓްސަލް ފިއެސްޓާ ކްލަސިކްގައި ވާދަކުރާ ކުޅުންތެރިން އެ އޮފީހެއްގައި ލަސްވެގެން އެ މުބާރާތް ފެށުމުގެ 90 ދުވަސް ކުރިން މަސައްކަތް ކުރާ ކޮންޓްރެކްޓެއް އޮންނަން ޖެހޭނެ އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގައި ކުޅޭ ކުޅުންތެރިން ރަޖިސްޓްރީ ކުރާ އޮފީހެއްގައި 60 ދުވަސް ކުރިން މަސައްކަތްކުރަން ޖެހޭނެ އެވެ.
ކްލަސިކް މުބާރާތްތަކަކީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ހާއްސަ މުބާރާތަކަށް ވާތީ މި މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. އެ ގޮތުން، ޓީމުގައި ރަޖިސްޓްރީ ކުރާ ކުޅުންތެރިން ބަލާނެ މިންގަނޑަކީ މި އަހަރުގެ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުތަކުގެ ސްކޮޑުތަކުގައި ރަޖިސްޓްރީކުރެވިފައިވާ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މައި މުބާރާތުގައި ކުޅޭ ސަރުކާރުންގެ އޮފީސްތަކަށް ކްލަސިކް މުބާރާތްތަކުގައި ވާދަނުކުރެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، މޯލްޑިވްސް އިމިގްރޭޝަން، ކަސްޓަމްސް މޯލްޑިވްސް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި މޯލްޑިވްސް ކަަރެކްޝަނަލް ސާވިސް އެވެ.
ކްލަސިކް މުބާރާތް ތައާރަފްކުރުމުގެ އެންމެ މައިގަނޑު ބޭނުމަކީ އެއް ލެވަލެއްގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ތަނަވަސްކޮށްދިނުމެވެ.












