ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ފަންގިފިލާގެ ބޮޑު މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް އާއެކު އާބަންކޯއިން މިއަދު ސޮއިކޮށްފި އެވެ.
އެއްފަހަރާ 521 މީހުންނަށް ނަމާދު ކުރެވޭވަރުގެ ބޮޑު އެ މިސްކިތް ބިނާ ކުރާނީ 11،643.74 އަކަފޫޓުގެ ބިމެއްގަ އެވެ. މިސްކިތް ބިނާ ކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ ލޮޓު ނަންބަރު، 20243 ގަ އެވެ.
އެ އެއްބަސްވުމުގައި އާބަނކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އާތިފެވެ. އަދި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފަޔާޒެވެ.
އަލަށް އިމާރާތް ކުރުމަށް ހަވާލު ކުރެވުނު އެ މިސްކިތާ އެކު ފޭސް ދޭއްގައި ގާއިމު ކުރާ ޖުމުލަ ހަތް މިސްކިތެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އޭގެތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.
ހުޅުމާލޭގައި އަލަށް މީހުން އާބާދުވެ ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާބާދީއާ އެކަށީގެންވާ ވަރަށް އެ ސަރަހައްދުގައި މިސްކިތްތައް ނެތް ކަމުގެ ޝަކުވާ އަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.
އެހެންނަމަވެސް އަލަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ މިސްކިތްތައް ނިންމައި ހުޅުވުމުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ އެ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށް އުންމީދު ކުރެވެ އެވެ.









