އެނިމޭޓެޑް ފިލްމެއް ނެރުމުން މީގެ ކުރިން ނުލިބޭ ވަރުގެ ބޮޑު ތަރުހީބަކާ އެކު "ސުޕާ މާރިއޯ ބްރޯޒް މޫވީ" އިން ބޮކްސް އޮފީހުގެ ރިކޯޑުތައް މުގުރާލައިފި އެވެ.
މިއީ ނިންޓެންޑޯ ގޭމު ސުޕާ މާރިއޯގެ މަައްޗަށް އުފެއްދި ހޮލީވުޑްގެ ދެ ވަނަ ފިލްމެވެ. ފިލްމު ނެރުނުތާ ފަސް ދުވަހުގެ ތެރޭގައި 377 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
މީގެ ކުރިން އެ ރިކޯޑް އޮތް "ފްރޯޒަން 2" އަށް ފަސް ދުވަހުގެ ތެރޭގައި ލިބުނީ 358 މިލިއަން ޑޮލަރެވެ. އެނެލިސްޓުން ބުނާ ގޮތުގައި މި އަހަރު އެންމެ ހިނގާ އެއް ފިލްމަށް ސުޕާ މަރިއޯ ވެގެން ދާނެ އެވެ.
ފިލްމުގެ ކެރެކްޓާތަކަށް އަޑުއެޅި ތަރިންގެ ތެރޭގައި ކްރިސް ޕްރެޓް އަދި ޖެކް ބްލެކް ހިމެނެ އެވެ. ބޮކްސް އޮފީހުގައި ކާމިޔާބު ލިބުނު ނަމަވެސް ފިލްމުގެ ރިވިއުތައް ރަނގަޅެއް ނޫނެވެ.
ރޮޓަން ޓޮމާޓޯޒްގައި ފާޑުކިޔާ ފަރާތްތަކުން ފިލްމަށް ދިނީ 56 ޕަސެންޓުގެ ސްކޯއެކެވެ. އެކަމަކު އޯޑިއެންސްގެ ފަރާތުން ލިބުނީ 96 ޕަސެންޓެވެ.











