ރިޔާދު، ސައުދީ އަރަބިއްޔާ (އޭޕްރީލް 10) - ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބް، އަލް ނަސްރުން ރޭ ކުޅުނު މެޗުން އަލް ފައެހާއާ 0-0 އިން އެއްވަރުވުމުގެ ފައިދާނަގައި، އަލް އިއްތިހާދުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އަލް-އިއްތިހާދުން ރޭ ކުޅުނު މެޗުން ވަނީ އަލް ވަހުދާ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.
ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއް ވަނައިގައި އިއްތިހާދު އޮތީ 23 މެޗުން 56 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނަސްރުގެ އޮތީ 23 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ފައެހާ ޑިފެންޑަރުން ވަނީ އަލް ނަސްރުގެ މައިގަނޑު ދެ އެޓޭކަރުން ކަމަށްވާ ރޮނާލްޑޯ، 38، އާއި އެންޑަސަން ޓަލިސްކާ ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޓަލިސްކާ ޖެހި ރަނގަޅު ޝޮޓްތަކެއް ފައެހާ ކުޅުންތެރިން ބްލޮކްކޮށްފައި ވެސް ވެ އެވެ.
ރޮނާލްޑޯ ބޭނުންވާ ވަރަށް އެ ޓީމުގެ ކުޅުންތެރިންނަށް ނުކުޅެވޭތީ އާއި ބޯޅަ ނުލިބޭތީ މެޗަށް ފަހު އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން ރޮނާލްޑޯ ވަނީ ފައެހާ ޓީމުގެ ކުޅުންތެރިން މެޗުގެ ވަގުތު ބޭކާރުކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެ ކަމާ މެޗު އޮފިޝަލުން ގާތުގައި ޝަކުވާކޮށްފަ އެވެ.
ޖެނުއަރީ މަހު އަލް ނަސްރަށް ބަދަލުވި ފަހުން، ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅެދިން 12 މެޗުން 11 ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












