ޕެތޮލޮޖިކަލް ދޮގުހެދުމަކީ ގިނަ ފަހަރަށް ވަކި ސަބަބެއް ނުވަތަ އަމިއްލަ ފައިދާއެއް ނެތި އާދަޔާ ހިލާފަށް ދޮގު ހަދާނަމަ އެކަމަށް ނިސްބަތްކޮށް ކިޔާ އުޅޭ ނަމެކެވެ. އެއީ ކުދިކުދި ދޮގުތަކުން ފެށިގެން ގޮސް އުފައްދާފައިވާ ތަފްސީލީ ވާހަކަތަކަކާ ހަމައަށެވެ. މި އާދައިގެ ސަބަބުން އަމިއްލަ ނަފްސަށާއި ވަށައިގެން ތިބި މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ. އެހެންކަމުން، ޕެތޮލޮޖިކަލް ދޮގުހެދުމުގެ ސަބަބުތަކާއި ފަރުވާތައް ދެނެގަތުން މުހިންމެވެ.
ޕެތޮލޮޖިކަލް ދޮގުހެދުމަށް މެދުވެރިވާ ސަބަބުތައް
ޕެތޮލޮޖިކަލް ދޮގުހެދުމުގެ ސީދާ ސަބަބެއް އަދި ހޯދިފައި ނެތް ނަމަވެސް މިކަމަށް މަގުފަހިވާކަމަށް ބެލެވޭ މަދު ކަންތައްތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ އަނިޔާވެރި މާޒީއެއްގެ ސަބަބުން "ޓްރޯމާ" އެއް ލިބިފައި އޮތުމެވެ. މިއީ މިކަމުގެ ސަބަބުން "ކޯޕިން މެކޭނިޒަމެއް" ގެ ގޮތުގައި ހަގީގަތް އޮޅުވާލާ ވާހަކަތައް އުފެއްދުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ބައެއް ކަހަލަ ޑިސްއޯޑާތަކުގެ ސަބަބުން ވެސް އާދަޔާ ހިލާފަށް ދޮގުހަދަ އެވެ. އޭގެތެރޭ ބޯޑަލައިން ޕާސަނަލިޓީ ޑިސްއޯޑަ، ނާސިސިސްޓިކް ޕާސަނަލިޓީ ޑިސްއޯޑަ، އަދި އެންޓިސޯޝަލް ޕާސަނަލިޓީ ޑިސްއޯޑަ ހިމެނެ އެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑިއަށް ޖިސްމާނީ ގެއްލުމެއް ލިބޭ ހާލަތްތަކަކީ ވެސް ޕެތޮލޮޖިކަލް ދޮގުހެދުން އުފެދުމަށް މެދުވެރިވާ ސަބަބުތަކެކެވެ.
ޕެތޮލޮޖިކަލް ދޮގުހެދުމުގެ އަލާމާތްތައް
ޕެތޮލޮޖިކަލް ދޮގުހެދުމަކީ ދެނެގަތުމަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ސަބަބަކީ މިކަން ކުރާ ފަރާތްތަކަކީ އެހެން މީހުންގެ ލޯ މައްޗަށް އޮޅުވާލާ، އެމީހުން ކުރާ ކަންކަން ފޮރުވުމަށް ވަރަށް ހުނަރުވެރި ބަޔަކަށް ވެދާނެތީ އެވެ. ނަމަވެސް މިފަދަ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ؛
- ގަބޫލުނުކުރެވޭ އަދި ދެކޮޅުނުޖެހޭ ވާހަކަތައް ދެއްކުން
- ބޭނުމެއް ނެތް ކުދިކުދި ކަންކަމާވެސް މާބޮޑަށް ދޮގުހެދުން
- ހިޔާލީ ކަންކަމާއި ހަގީގަތް ވަކިކުރަން ދަތިވުން
- އަމިއްލަ ނަފްސަށް ފޯރުވާ ބާރު ދަށްވުން
- އެހެންމީހުންގެ އިހްސާސްތަކަށް މާބޮޑު ފަރުވާލެއް ނެތުން
- އެމީހުންގެ އަމަލުތަކުގެ ޒިންމާ ނަގަން ނުކުޅެދުން
- ދޮގުހެދުން އާދަވެ ކޮންޓްރޯލް ނުކުރެވުން
ޕެތޮލޮޖިކަލް ދޮގުހެދުމަށް ފަރުވާ ދިނުން
ޕެތޮލޮޖިކަލް ދޮގުހެދުމަށް ފަރުވާ ދިނުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ނަމަވެސް ރަނގަޅު އުސޫލުތަކެއްގެ ތެރެއިން އެއީ ކުރެވިދާނެ ކަމެކެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ ކުރިން ފާހަގަ ކުރި ފަދަ ނަފްސާނީ މައްސަލައެއް ނުވަތަ ޑިސްއޯޑާއެއް ހުރިތޯ ދެނެގަތުމެވެ. މިކަންކަން ދެނެގަތުމަށް ފަހު އެކަންކަމަށް ފަރުވާ ދޭން ފެށުމުން، ދޮގުހެދުމުގެ އާދަ ކޮންޓްރޯލް ކުރެވިދާނެއެވެ.

މިފަދަ ކަންކަމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއަކީ ސައިކޮތެރަޕީ އެވެ. ހާއްސަކޮށް، ކޮގްނިޓިވް-ބިހޭވިއަރަލް ތެރަޕީ ނުވަތަ ސީބީޓީ އަކީ ފައިދާހުރި ފަރުވާއަކަށް ވެދާނެއެވެ. ސީބީޓީ އަކީ މީހުންގެ ނޭދެވޭ ވިސްނުމާއި އަމަލުތައް ދެނެގަނެ ބަދަލުކުރުމަށް އެހީތެރިވެދޭ ފަރުވާއަކަށް ވީއިރު، އޭގެ ތެރޭގައި ދޮގުހެދުމުގެ އަމަލު ވެސް ހިމެނެ އެވެ. މީގެއިތުރުން ގްރޫޕް ތެރަޕީ ނުވަތަ ފެމިލީ ތެރަޕީ ފަދަ އެހެން ގޮތްގޮތުން ވެސް ޕެތޮލޮޖިކަލް ދޮގުހެދުމުގެ އާދަ ހައްލުކޮށް ލޯބިވާ މީހުންނާ ގުޅުންތައް ރަނގަޅުކުރުމުގައި އެހީތެރިވެދޭނެ އެވެ.
އަދި ބައެއް ހާލަތްތަކުގައި ބޭސް ބޭނުންކުރެވިދާނެ އެވެ. އެއީ ޕެތޮލޮޖިކަލް ދޮގުހެދުމުގެ އާދަ މެދުވެރިވެދާނެ ނަފްސާނީ ސިއްހީ މައްސަލަތަކަށް ނުވަތަ ނިއުރޯލޮޖިކަލް ހާލަތްތަކަށް ފަރުވާ ދިނުމަށެވެ. މިސާލަކަށް ދޮގުހެދުމުގެ އާދަ މެދުވެރިވާ ޑިޕްރެޝަން ނުވަތަ ހާސްކަމަށް ފަރުވާ ދިނުމަށް އެންޓިޑިޕްރެޝަން ބޭސްތައް ބޭނުންކުރެވިދާނެ އެވެ.
ވަރަށް ސީރިއަސް ހާލަތްތަކުގައި ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިދާނެ އެވެ. ހާއްސަކޮށް އަމިއްލައަށް ނުވަތަ އެހެން މީހުންނަށް ނުރައްކާތެރި މީހެއް ނަމަ އެވެ. މިފަދަ ހާލަތެއްގައި ހޮސްޕިޓަލުގައި ފަރުވާ ދިނުމަކީ ފަރުވާ ހޯދުމަށް ރައްކާތެރި އަދި އެހީތެރި މާހައުލެއް ލިބިގެންދާނެ ކަމެކެވެ.
ނިންމުން
ޕެތޮލޮޖިކަލް ދޮގުހެދުމަކީ ހައްލުކުރުމަށް ގޮންޖެހުން ތަކެއް ހުރި ކަމެއް ނަމަވެސް އެކަށީގެންވާ ފަރުވާޔާއެކު މިކަން ހައްލުކޮށް އެހެން މީހުންނާ ދުޅަހެޔޮ ގުޅުންތަކެއް ބިނާކުރަން ދަސްކުރެވިދާނެއެވެ. ޕެތޮލޮޖިކަލް ދޮގުހެދާ މީހެއް ކަމަށް ޝައްކު ކުރެވޭނަމަ، އެމީހަކަށް ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މިކަމުގެ ސަބަބުން އެންމެންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އެވެ. މީގެތެރޭގައި އާއިލާއާއި އަނބިދަރިންގެ އިތުރުން ރަހުމަތްތެރިންނާއި ވަޒީފާ އަދާކުރާ މާހައުލުގެ މީހުން ވެސް ހިމެނެ އެވެ. އެކަށީގެންވާ ފަރުވާއާއި އެހީތެރިކަމާއެކު ޕެތޮލޮޖިކަލް ދޮގުހެދުން ހުންނަ ފަރުދުންނަށް ތެދުވެރި އަދި ފުރިހަމަ ދިރިއުޅުމެއް އުޅެން މަގުފަހިކޮށްދޭނެ އެވެ.










