އިންޑިއާގެ ބެންގަލޫރުގައި އޮންނަ އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ އަދި ހަތަރު ވަނަ މުބާރާތުގައި ވެސް ބައިވެރިވާ ގޮތަށް ނިންމައި، އެ މުބާރާތަށް ގައުމީ އެތުލެޓިކްސް ޓީމު އެކުލަވާލައިފި އެވެ.
މި މަހުގެ 10 އިން 15 އަށް ބެންގަލޫރުގައި އޮންނަ އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ އަދި ހަތަރު ވަނަ މުބާރާތަކީ އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން އެ ގައުމުގެ އެކި ސްޓޭޓްތަކުގެ އެތުލީޓުން ވާދަކުރާ މުބާރާތެކެވެ. ގްރޯން ޕްރީގެ ފުރަތަމަ ދެ މުބާރާތުގައި ވެސް ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވާއިރު ކުރިއަށް އޮތް ދެ މުބާރާތަކީ ވެސް މި އަހަރުގެ ފަހުކޮޅު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާން ލިބޭ ރަނގަޅު ފުރުސަތެކެވެ.
އިންޑިއަން ގްރޯން ޕްރީގެ ތިނެއް އަދި ހަތަރު ވަނަ މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނެނީ ސްޕްރިންޓް އަދި މިޑްލް ޑިސްޓަންސް ދުވުންތެރިންނެވެ. އެއީ ފިރިހެން ފަސް ދުވުންތެރިންނާއި އަންހެން ފަސް ދުވުންތެރިންނެވެ. މި ހުރިހާ ދުވުންތެރިންނަކީ ވެސް މި ވަގުތު ބެންގަލޫރުގައި ތަމްރީން ހަދަމުން އަންނަ ދުވުންތެރިންނެވެ. އައިއޯއައިޖީ އަށް ތައްޔާރުވާ ގައުމީ ސްކޮޑުގައި މި ހުރިހާ އެތުލީޓުންވެސް ހިމެނެ އެވެ.

މި ފަހަރު ވެސް މިދިޔަ ދެ މުބާރާތުން މެޑަލް ހޯދި ހަސަން ސާއިދު 100 މީޓަރު އަދި 200 މީޓަރު ރޭހުގައި ވާދަކުރާނެ އެވެ. އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީގެ މި އަހަރުގެ ފުރަތަމަ މުބާރާތުގައި ދެ ރަން މެޑަލް ހޯދައިފަ އެވެ. ދެ ވަނަ މުބާރާތުގައި އޭނާ އަށް ލިބުނީ އެއް ރިހި މެޑައްޔާއި އެއް ލޯ މެޑައްޔެވެ.
ފިރިހެން ޓީމްގައި ދެން ހިމެނެނީ ޒުވާން ދުވުންތެރިޔާ ހުސައިން ޒީކް ސުއާދު އާއި ދާދި ފަހުން އިންޑިއާގެ ބެންގަލޫރުގެ ތަމްރީން ކޭމްޕާ ގުޅުނު ސްޕްރިންޓަރު އާދަމް ރިފްއަތު، 800 މީޓަރު ދުވުމަށް ހާއްސަ ހުސައިން ރިޒާ (ކުޑަ ރިޒާ) އަދި ދާދި ފަހުން ނިމުނު އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ދުވުންތެރިޔާގެ މަގާމް ހޯދި ހުސައިން ފަޒީލް ހާރުން (ފްލޭޝް) އެވެ. ފަޒީލް ވެސް ބެންގަލޫރު ކޭމްޕާ ގުޅުނީ މިދިޔަ ހަފްތާގަ އެވެ.
އަންނަ ހޯމަ ދުވަހު ފަށާ މުބާރާތަށް ނެގި އަންހެން ފަސް ދުވުންތެރިންގެ ތެރެއިން އައިޝަތު ޖައިޝާ ޖުނީޒު ވަނީ އިންޑިއަން ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުގެ 800 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. އޭނާގެ އިތުރުން ދެން ޓީމުގައި ތިބީ ހަތަރު ސްޕްރިންޓަރުންނެވެ. އެއީ މަރިޔަމް އަލްހާ ހުސައިން، އައިޝަތު ޝަބާ ސަލީމް، ޒިވާ މޫސާ ޝަފީއު އަދި ރިފާ މުހައްމަދު އެވެ.
މި ޓީމްގެ އޮފިޝަލުންގެ ގޮތުގައި ބައިވެރިވާނީ ސްޕްރިންޓް ކޯޗު އަހުމަދު ފާއިލް، ޝިފާޒު ރާޝިދު އަދި މަފާޒާ މުސްތަފާ އެވެ.











