ރިޔާދު، ސައުދީ އަރަބިއްޔާ (އޭޕްރީލް 5) - ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް އަަދަލާ އަތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 5-0 އިން އަލް ނަސްރު މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ސައުދީ ޕްރޮފެޝަނަލް ލީގުގެ ރޭހުގައި އަލް ނަސްރުން ވަނީ އަލް އިއްތިހާދު ފަހަތުގައި ވިއްދާފައި އޮތް އޮތުން ދަމަހައްޓައިފަ އެވެ. އިއްތިހާދަށް 22 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، އަލް ނަސްރަށް ވަނީ 22 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.
އަލް އަދަލާ ދަނޑު ގައި ކުޅުނު މެޗުގެ 40 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އަލް ނަސްރަށް ރޮނާލްޑޯ ލީޑުނަގައިިދިނެވެ. އަދި އެ ޓީމުން އިތުރު ހަތަރު ގޯލު ދެ ވަނަ ހާފުގައި ޖެހި އެވެ. ރޮނާލްޑޯ، އިތުރު ގޯލެއް ޖެހިއިރު، ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަލް ނަސްރުގެ އަނެއް ގޯލު ޖެހީ އައިމަން ޔަހުޔާ އެވެ.
މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޖެނުއަރީ މަހު އަލް ނަސްރަށް ރަސްމީކޮށް ބަދަލުވި އުމުރުން 28 އަހަރުގެ ރޮނާލްޑޯ އަންނަނީ ފަހަކަށް އައިސް އެ ޓީމުގެ ޖޯޒީގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
އެ ގޮތުން، އަލް ނަސްރާ ގުޅުނު ފަހުން 11 މެޗުން ވަނީ 11 ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












