ދިމާވާ ކަމަކުން ނުވަތަ ބަލާލާ ފިލްމަކުންނެވެ. ސައިކަލު މާ ބާރަށް ދުއްވުމުން ނުވަތަ ހެމުން ހެމުން ގޮހެވެ. ނޫނީ ނިދަން ލޯމަރައިގެން އޮއްވަ އެވެ. ފިޔާކޮށަން ފެށުމުންނެވެ. މިފަދަ އެތައް ހާލަތެއްގައި އަހަރެމެންގެ ލޮލުން ފެން ނުވަތަ ކަރުނަ ފައިބަ އެވެ. އެމެރިކަން އެކެޑެމީ އޮފް އޮޕްތޮމޮލޮޖީ އިން ލަފާކުރާގޮތުގައި އަހަރެމެންގެ ލޮލުން އަހަރެއްތެރޭ 15 އާއި 30 ގެލަންއާއި ދެމެދުގެ ކަރުނަ އުފައްދަ އެވެ. ކަރުނަ އުފެއްދުމަކީ އެހެން ބައެއް ޖަނަވާރުންގެ ފަރާތުން ފެންނަ ކަމެއް ވިޔަސް، އިހުސާސްތަކުގެ ސަބަބުން ކަރުނަ އުފެދުމަކީ އިންސާނުންނަށް ހާއްސަ ކަމެކެވެ.
ކަރުނަ އުފެދި ދާނެ ތަފާތު ސަބަބުތަކެއް ވެ އެވެ. އަދި ތަފާތު ހާލަތްތަކުގައި ހަށިގަނޑުން އުފައްދާ ކަރުނައިގައި ހިމެނޭ މާއްދާތައް ވެސް ތަފާތެވެ. މީގެތެރެއިން ބައެއް ސަބަބުތަކަކީ ލޯ ރައްކާތެރިކޮށްދިނުމާއި ސާފުކޮށްލުމާއި އިހްސާސްތައް މުއާމަލާތުކުރުމެވެ. ކަރުނައިގެ މައިގަނޑު ތިން ވައްތަރެއް ވާ އިރު މިއިން ކޮންމެ ވައްތަރެއްގެ ވެސް ޒިންމާ ތަފާތެވެ.
ތަފާތު ކަމާއެކު ހުރިހާ ވައްތަރެއްގެ ކަރުނައިގައި އެއްގޮތް ބައެއް ކަންކަން ވެސް ހިމެނެ އެވެ. ބައެއް މުހިންމު މާއްދާތަކެވެ. މީގެއިތުރުން ކޮންމެ ކަރުނައެއް ވެސް އުފެދިފައިވަނީ ތިން ފަށަލަ އެއްގެ މައްޗަށެވެ. އެއީ ލޮލުގައި ކަރުނަ ހަރުކޮށްދިނުމަށް "އިނާ މިއުކަސް" އަކާއި، ކަރުނަ ހިކުނަ ނުދިނުމަށް ބޭރުގަ ތެޔޮފަށަލަ އެކެވެ. އަދި ލޯ ތެތްކޮށް ބެހެއްޓުމަށާއި ބެކްޓީރިއާތަކުން ރައްކާތެރިކޮށްދިނުމަށް މިދޭތެރޭގައި ވާ ފެން ފަށަލަ އެވެ.
ކަރުނަ އުފެދެނީ ކިހިނެއް؟
ކަރުނައިގަވާ ފެން އުފައްދަނީ ލޮލުގެ މަތީގައިވާ ލެކްރިމަލް ގްލޭންޑްސް އިންނެވެ. މިއީ ލޮނު ހިމެނޭ ފެނެކެވެ. އަދި މި ފެނުން ލޯ ތެތްކޮށް އަދި ދުޅެހެޔޮކޮށް ބަހައްޓާދެ އެވެ. ތެޔޮ މާއްދާ އާއި މިއުކަސް އަންނަނީ އެސްފިޔަތައް ހުންނަ ހިސާބުގައި ހުންނަ މެލިބޮމިއަން ގްލޭންޑްސް އިންނެވެ. ލޯ އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް މިހުރިހާ މާއްދާއެއް ވެސް ބޭނުންވެ އެވެ. އެސްފިޔަ ޖަހާލާ ކޮންމެ ފަހަރަކު މި މާއްދާތައް އެއްވެ ލޮލުގައި ފެތުރިގެން ދެ އެވެ. އެއަށްފަހު ލޮލުގެ ކަނުގައި ހުންނަ "ޓިއަ ޑަކްޓްސް" ގެ ލޯވަޅުންތަކަށް މި ތަކެތި ވަދެ އެވެ. ޓިއަ ޑަކްޓުން ނޭފަތަށް ދިޔުމަށް ފަހު ވައިގެތެރެޔަށް އަރަގެންދެ އެވެ.
ކަރުނައިގެ ވައްތަރުތައް
1. ބޭސެލް ކަރުނަ
ބޭސެލް ކަރުނައަކީ އަހަރުމެންގެ ލޮލުގައި އާންމުކޮށް މިހުންނަ ކަރުނަ އެވެ. މިއީ ލޮލުގެ ތެތްކަން ދެމެހެއްޓުމަށް، ވަރަށް ފާޅުކަން ކުޑަކޮށް ހުންނަ ކަރުނަ އެވެ. އެސްފިޔަޖަހާލާ ކޮންމެ ފަހަރަކު މި ކަރުނަތައް ލޮލުގައި ފެތުރިގެން ދެ އެވެ. މިކަމުގެ ސަބަބުން ފެނުމާއި ފޯކަސް އިތުރަށް ރަނގަޅުވެގެން ދެ އެވެ.

2. ރިފްލެކްސް ކަރުނަ
މިއަކީ ނުރައްކާތެރި މާއްދާތަކުން ލޯ ސާފުކޮށްދިނުމަށް އުފައްދާ ކަރުނަ އެވެ. އެގޮތުން ފިޔާ ކޮށާ ވަގުތު ނުވަތަ ލޮލަށް ހިރަފުސް ވަނުމުން މިފަދަ ކަރުނަ ނިކުންނާނެ އެވެ. އަދި ލޮލަށް އުނދަގޫވާފަދަ މާއްދާތަކުން ލޯ ސާފުކޮށްދޭނެ އެވެ. ލޮލުގެ ތެތްކަން ދެމެހެއްޓުމަށް ހުންނަ ކަރުނައަށް ވުރެ މިފަދަ ހާލަތެއްގައި އަންނަ ކަރުނަ އިތުރުވާނެ އެވެ. އަދި މިކަރުނައިގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ފެނެވެ.
3. އިމޯޝަނަލް ކަރުނަ
މިއަކީ އަހަރުމެން ދެރަވުމުން ނުވަތަ އުފާވުމުން އަންނަ ކަރުނަ އެވެ. އެހެން ކަރުނަތަކާއި ހިލާފަށް މި ކަރުނައިގައި ޕްރޮޓީންސް އާއި ސްޓްރެސް ހޯމޯން ހިމެނެ އެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ކަރުނަޔާއެކު ސްޓްރެސް ބޭރުވެ ހަށިގަނޑު ހަމަޖެހެ އެވެ. މީގެ އިތުރުން މިއީ ސީދާ ސިކުނޑިން ފޮނުވާ ސިގްނަލަކަށް އުފައްދާ ކަރުނަ އެކެވެ. އެގޮތުން ސިކުނޑީގެ އިހްސާސްތައް ކޮންޓެރޯލް ކުރާ ބައި، ލިމްބިކް ސިސްޓަމުން، ސިނކުނޑީގެ މެސެޖު ސިސްޓަމަށް، ކަރުނަ އުފައްދާ ލެކްރިމަލް ގްލޭންޑް އެކްޓިވޭޓުކޮށްލަން އަންގަ އެވެ. ނަތީޖާއަކީ އެއްވެސް ބާރެއް ނެތި ހޯސްލާފާ ކަރުނަ ފައިބަން ފެށުމެވެ.
މިފަދަ ކަރުނައިގެ ސީދާ ބޭނުން ސައިންސްވެރިންނަށް އަދި ކަށަވަރުވެފައި ނެތް ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ ހާލަތު ނުވަތަ އިހްސާސް އެހެން މީހުންނަށް އަންގައިދޭން ވާ ނިޒާމެއް ކަމަށެވެ. އަދި އެހެން މީހުންގެ ހިތުގައި އޯގާތެރިކަން އުފައްދައިދޭ އެއްޗެއް ކަމަށެވެ.








