ވާހަކަ: ނާކަރަ

ވާހަކަ: ނާކަރަ

ހަތަރު ވަނަ ބަޔާ ގުޅޭ

އާއެކެވެ. އެއީ އަހަރުމެންގެ ލޯބީގެ އަލަތު މޭވާގެ ޚަބަރު އަހަންނަށް ލިބުނު ދުވަހެވެ. އުފާވެރިކަމާއެކު ޝުކުރުގެ ސަޖިދައަކަށް އަހަންނަށް ތިރިވެވުނެވެ. ދަރީންނަކީ ކިހައިބޮޑު ނަސީބެއް ހެއްޔެވެ؟ ނިޢުމަތެއް ހެއްޔެވެ؟ ދަރިއަކަށް ޓަކައި ކުރެވެނީ ކިހައި ފޮނި އުއްމީދެއް ހެއްޔެވެ؟ ދެކެނީ ކިހައި ފޮނި ހުވަފެންތަކެއް ހެއްޔެވެ؟

އަހަންނާއި އިހުސާނާއަށް އެކަން ވަރަށް ރަނގަޅަށް ފަހުވެއްޖެ އެވެ. ވިސްނިއްޖެ އެވެ.

ކުއްލިއަކަށް ހަށިފުރައި ނޭވާއެއް ބޭރުކޮށްލެވުނެވެ. އެއާއެކު ހިޔާލުތަކުގެ ދުނިޔެއިން ނުކުމެވެ. ހިޔާލުތަކެއް ހެއްޔެވެ؟ ނޫނީ ހުވަފެނެއް ހެއްޔެވެ؟ އަހަންނަށް އޮޅެން ފެށި އެވެ. މިއީ ހުވަފެނެއް ނޫނެވެ. ހަގީގަތެވެ.

އަނެއްކާ ވެސް އެއްކަލަ ބިރުވެރި އަޑު ތަކުރާރުވި އެވެ. އެއީ ޒާތެއްގެ ހިމަ ތޫލި އަޑެކެވެ. ބިރުވެރި ކަމުގެ އިންޒާރެކެވެ. ފިރިހެނަކަށްވެ، އަހަންނަށް އެ އަޑު އިވޭ ކޮންމެފަހަރަކު ޖެހިލުންވެވޭ އިރު އިހުސާނާއަށް އަދި ކިހައި ވަރެއް ވާނެ ހެއްޔެވެ؟ ގައިން ހީނބިހި ނަގައިގަތެވެ. ލޯލިތައް ކޮޅަށް ޖެހުނެވެ.

ނަމަވެސް އަހަންނަށް ގުޑުވައެއް ނުލެވުނެވެ. ހަށިގަނޑު ހަރަކާތްތެއް ނުކުރި އެވެ. އުއްޑުން އޮތް ގޮތަށް އޮވެވުނީ އެވެ. ޔަގީންވާ ކަމަކީ އަހަރެން ނުނިދާ ކަމެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ ހުރިހާ ކަމެއް އަހަންނަށް އެނގޭކަމެވެ. އިހުސާނާގެ ނިދީގެ މިޔުޒިކު ދާދި ގާތުން އިވޭ ކަމެވެ.

އަނެއްކާ އަހަރެން މަރުވީ ހެއްޔެވެ؟ ފުރާނައާއި ހަށިގަނޑު ދެ ތަންވީ ހެއްޔެވެ؟ މި ސުވާލެއް މިހާރު ދެތިން ފަހަރަކު ހިތަށް އަރައިފި އެވެ. އެހެން އެވަނީ މީހުން ދައްކާ އެ ޒާތުގެ ވާހަކައަށް ސަމާލުވެވޭތީ އެވެ. މީހުން އެކަހަލަ ވާހަކަ ދައްކާތީ އަހަންނަށް ވެސް އިވެ އެވެ. ޤަބޫލުކުރެވެ އެވެ. ފިލުމުތަކުގައި ވެސް އެ ކަހަލަ މަންޒަރު ދައްކާތީ ފެނެ އެވެ. ދެތިން ދުވަސް ކުރީން ކިޔައިލެވުނު ފޮތެއްގައި ވެސް އެ ޒާތުގެ ވާހަކަތަކެއް އޮތެވެ. ފުރާނަ ހަށިގަނޑާ ވަކިވާ ހިނދު ކުރެވޭ އިހުސާސްތަކެވެ. ވިސްނަން އޮވެވުނެވެ. ޚިޔާލުތަކުން ބަރު ޖެހިފައިވާ ހިތަކާއެކުގަ އެވެ.

ގޮތެއް ނިންމުނެވެ. އަހަރެން އަދި މަރެއް ނުވެ އެވެ. މިއީ މަރުގެ އަލާމަތެއް ނޫނެވެ. އެއާއެކު ދެވަނަ ޚިޔާލު ބޮލަށް ތިލަވި އެވެ. ހަނދާނަށް އައީ ދާދިފަހުން ރައްޓެއްސަކު ކިޔައިދިން ވާހަކަ އެވެ. ވައިފުރެތައިގެ އުނދަގޫ ކުރުމެވެ. އޭނާ ކިޔައިދިން ގޮތުންނަމަ ވައިފުރޭތައިގެ އުނދަގޫ ވެއްޖެނަމަ އަތްފައި ގުޑުވާ ނުލެވޭނެ އެވެ. ދޫ ތަޅުލެވޭނެ އެވެ. އެހައި ހިސާބުން މީހާ އޮންނާނީ ގަނޑުވެފަ އެވެ. ތަޅުލެވިފަ އެވެ. ދެން ހަދާން ޖެހޭނީ ކިހިއް ހެއްޔެވެ؟

"އެހެންވެފައި އޮންނަ ގަޑީގައި ކޮންމެ ވެސް މީހަކު އެމީހެއްގެ ގައިގަ ޖެހިލަން."

އެކުވެރިޔާގެ ވާހަކަތައް ހަނދާންވި އެވެ. ނަމަވެސް އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަންނަށް ފަސޭހަ ކަމަކަށް ވާނެ ހެއްޔެވެ؟ އަހަންނަށް މިހެން ވެފައި އޮތްކަން މީހަކަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަނގައިން ބުނެވެނީ އެއް ނޫނެވެ. ހަރަކާތެއް ކުރެވެނީއެއް ނޫނެވެ. އެކަމަކު މިއީ ހާދަ ބިރުވެރި ތަޖުރިބާއެކެވެ. ބުނަން ނޭނގޭ އިހުސާސްތަކެއް ކުރެވޭ ކަމެކެވެ.

އަލްހަމްދުﷲއޭ ބުނެވުނީ އިހުތިޔާރުން ބޭރުގަ އެވެ. އަހަރެންގެ ދުޢާ އިޖާބަކުރެއްވީ ކަން ނޭނގެ އެވެ. ނިދީގައި އޮތް އިހުސާނާގެ އަތް އަހަރެންގެ މޭމައްޗަށް ހުރަސްކޮށްލީ އެވެ. ހީވީ ކަށްޓެއް ހަށިގަނޑަށް ހަރައިލިހެންނެވެ. ކުއްލިއަކަށް ހުރިހާ އިހުސާސްތަކެއް ފިލައިގެން ދިޔަ އެވެ. ބޮލަށް އަރައިފައި ހުރި ވާންގަނޑު ކެނޑިގެން ދިޔަ އެވެ. އަތްފައި ހަރަކާތްކުރެވެން ފެށި އެވެ.

އަވަހަށް ތެދުވެ އެނދުގައި އިށީނދެލީމެވެ. ޝުކުރުވެރިކަމާއެކު އިހުސާނާގެ މޫނަށް ބަލައިލީމެވެ. ހިނގައި ދިޔަ ހުރިހާ ކަމަކާ ވިސްނުނެވެ. އެކިއެކި ޚިޔާލުތައް ބޮލަށް ތިލަވަމުން ދިޔަ އެވެ. މާޒީގެ އުފާވެރި ހަނދާންތަކެވެ. ޔަނާލު ލިބުނު ދުވަހެވެ. ނަންކިޔުމުގެ ހަފުލާ އެވެ. ބައްޕާއޭ ކިޔައިފަ އެންމެ ފުރަތަމަ އޭނާ ގޮވާލި ދުވަހެވެ. ހިތާނުކުރުމުގެ ކަންތައްތަކެވެ. އެހެން ގޮސް ޔަނާލާ ގުޅުން ހުރި ހުރިހާ ހަނދާންތަކެއް އަހަރެން ސިކުނޑީގައި ދަރުވަމުން ގޮސް ހުއްޓުނެވެ.

މުޅީން ވެސް އުފާވެރި ހަނދާންތަކެވެ. އިހުސާނާއާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކެވެ. ތަނަވަސްކަމާއެކު އަހަންނަށް މި ހުރިހާ ކަމެއް މި ފަހިވީ ޔާސިރުގެ ސަބަބުންނެވެ. އޭނާގެ އެހީތެރިކަމުގެ މޭވާގެ ގޮތުގަ އެވެ. އެކަން އަހަރެން އަބަދުވެސް ހަނދާނުގައި ހުންނާނެ އެވެ.

ހަގީގަތުގައި އަހަރެން މި ކުރަނީ ވެސް އޭނާ ކިޔައިދިން ކަންކަމެވެ. އުފާވެރި ހަނދާންތަކުން ހިތްހަމަ ޖެއްސުމެވެ. ބިރު ކެނޑިގެންދާނީ އޭރުންތާ އެވެ.

"އަސްލު އެއަށް މިކިޔަނީ ސްލީޕް ޕެރަލައިޒް، އެއީ ނިދީގެ ވަކި މަރުހަލާއެއްގައި ދިމާވާ ކަމެއް. ދެން މާ ބޮޑަށް ސްޓްރެސްވުން، ނޫނީ ބުރަވުން ނޫނީ ނަފުސާނީ ކޮންމެ ވެސް ކަމެއްގެ ސަބަބުން މިހެން ދިމާވެދާނެ." ޔާސިރު އެއް ދުވަހަކު ދެއްކިވާހަކައެއް އަހަރެންގެ ހަނދާނަށް ތިލަވި އެވެ.

ފޯނު ނަގައި ގޫގުލް ކޮށްލަން ހަނދާންވި އެވެ. އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށްލަން ބޭނުންވި އެވެ. ފޯނަށް ބަލައިލެވުނެވެ. ކަމަކުދާކަށް ނެތެވެ. ބެޓެރީއޮތީ ހުސްވެފަ އެވެ. އެހައި ހިސާބުން އިހުސާނާގެ ފޯނު ނަގާން ބޭނުންވި އެވެ.

އިހުސާނާއަކީ ފޯނު ތަޅުލާ މީހެއް ނޫނެވެ. އަހަންނަށް ސިއްރު އެއްވެސް އެއްޗެއް އޭނާގެ ފޯނަކު ނުހުންނާނެ އެވެ. އެހެންވީމަ އޭނާގެ ފޯނު ނެގުމަކުން މައްސަލައެއް ނެތްތާ އެވެ. އިހުސާނާގެ ފޯނު ވެސް އޮތީ އެއް ހާލެއްގަ އެވެ.

ކުއްލިއަކަށް ހަނދާނަށް އައީ ޔަނާލަށް ގަނެދިން ޓެބްލެޓް މަތީންނެވެ. އެނދުން ތެދުވެ ދެ ފޯނު ވެސް ޗާޖަރާ ހަވާލުކުރުމަށްފަހު ޓެބްލެޓު ނެގީމެވެ. ގޫގުލްއަށް ވަދެ ސަރޗުކުރަމުން ފީނަމުން ދިޔައީމެވެ. އާޓިކަލަކަށްފަހު އާޓިކަލެއް ކިޔަމުންދެވުނެވެ.

ހުރިހާ ލިޔުމެއް ކިޔައި ނިމުމުނު އިރު އަހަންނަށް ހުރިހާ ސުވާލެއްގެ ޖަވާބު ވެސް ލިބުނެވެ. މާބުރަކޮށް އުޅުމަކީ ސިކުނޑިއަށް ނުރައްކާވާނެ ކަމެއް ކަމެވެ. ބުރަކޮށް އުޅެއުޅެ އެކަމަށް ހަށިގަނޑު ހޭނުނަސް، މީހާ ފަރިތަ ވީނަމަވެސް ސިކުނޑި ނުހޭނޭނެ ކަމެވެ. ސިކުނޑިއަށް އަރާމު ބޭނުންވާނެ ކަމެވެ. އެހެންނޫނީ ހަށިގަނޑާއި ސިކުނޑީގެ ކޯޑިނޭޝަން ގެއްލިގެންދާނެ އެވެ. ބުއްދިވެރީންގެ ނާކަރައިގެ އަޑަކީ ސިކުނޑިއަށް އަރާމު ނުކޮށް ދިރިނޫޅުމެވެ. އެހެންނޫނީ އަހަންނަށް މި ދިމާވިކަހަލަ އެތައް ކަމެއް ދިމާވެދާނެ އެވެ. ވައިފުރާތަ ނުވަތަ ސްލީޕް ޕެރެލައިޒްވާ އެތައް ގޮތެއް ހުންނަ އިރު، އަހަންނަށް މިހެން ދިމާވީ މާ ބުރަކޮށް އުޅުނީމަ ކަމަށް ވިސްނުނެވެ. އެކަން ޤަބޫލުކުރަމެވެ. ކުރީމެވެ.

ދެވަނަ ސިކުންތުގައި އެ ބިރުވެރި އަޑަކީ ކޮބައިތޯ ހިތައިހިތައި ސުވާލު ކޮށްލެވުނެވެ. ފާޑެއްގެ ހިމުން އަޑެކެވެ. އެއީ ކޮން އަޑެއް ހެއްޔެވެ؟ އެއީ އަދި މުޅީން އެހެންކަމެއްތާ އެވެ؟

ކުއްލިއަކަށް އެ އަޑު އިވުނެވެ. އެއާއެކު އިހުސާނާ ފުންމައިގެން ތެދުވި އެވެ.

"އެ އަޑު. އެ އިވުނީ އެ އަޑު." މާނޭވާ ލަމުން އިހުސާނާ ބުނެލި އެވެ. "މިތާ އަހަރެން ކަންފަތް ބުޑުންނޭ އިވުނީ. ދެންމެއޭ އެ އަޑު އެ އިވުނީ."

އިހުސާނާ ބިރުގަނެފައިވާ ތަން ފެނިފައި އަހަރެން ގާތަށް ހިނި ވެސް އައެވެ.

"އާމިލް. އަހަރެން މޮޔަ ވެދާނެ. އަހަރެން މިކަމުން ސަލާމަތްކޮށްދީ!" އަހަރެންގެ މުލައްދަނޑީގައި އިހުސާނާ ހިފައި އޮޅުލައިގަތެވެ.

"ހަމަ ރަނގަޅަށް ވެސް މޮޔަވެދާނެ." އަހަންނަށް ބުނެލެވުނެވެ.

"އާނ! އަހަންނަށް ނިދެނީއެއް ނޫން. ކެވެނީއެއް ނޫން. މިކަމަކާ ހެދި. ބިރުވެރި ހުވަފެން ވެސް ފެންނަނީ. އެކަނި ހުންނަ އިރު ވެސް ކަންފަތުގައި އެ އަޑު ހަރުލާ ހުންނާތީ އިވިއިވި ހުންނަނީ." އިހުސާނާ ބިރުން އިނދެ ބުނެލި އެވެ.

"ބަލަ އިހޫ! ހަމަޖެހިބަލަ. އަހަންނަށް ވެސް އެ އަޑު އިވުނޭ. އެނގޭތަ އެ ކޮން އަޑެއްކަން؟" އަހަރެން ޓެބުލެޓްގެ ސްކުރީން އިހުސާނާއަށް ދައްކައިލީމެވެ. "މިއަށް ނޮޓިފިކޭޝަން އަންނަ އަޑު. ނޮޓިފިކޭޝަން ޓޯންއަކަށް ލެވިފައި އޮތް ޓޯނުގެ ސަބަބުން އިވޭ އަޑެއް."

އަހަރެން ޓެބްގެ ނޮޓިފިކޭޝަން ސެޓިންއަށް ގޮސް އެ އަޑު އިހުސާނާއަށް އިއްވާލީމެވެ. އެއާއެކު އިހުސާނާ ފާޑަކަށް ރަކިވި އެވެ.

"މަންމަ ބުނެއެއްނު ހިސާބަށްވުރެ ބޮޑަށް ބިރު ގަނެއްޖެ ނަމަ ދެން ފެންނާނީ ހުސް ޖިންނިއޭ. ފުރޭތައޭ. ބިރުގަތުމުގެ ކުރީން އިހަށް ހަމަޖެހިލައިގެން ވިސްނައިލާށޭ. ދެން ވެސް ނާކަރައަށް ނުވެއްޓި ކަންކަމަށް ވިސްނަންވާނެ."

އިހުސާނާ ލަދުން އިސްޖަހައިލި އެވެ. ވަކި އަހަރެން ސަހަލުހޭ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. މިއީ އަޑެއް އިވިލާއިރަށް ވަހުމުތަކުން ހިތްފުރައިލީމަ ވާނެ ގޮތެވެ.

(ނިމުނީ)

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox