ވާގޮތް: ކޮލިޓީ އަރާމު ނިންޖެއްގެ ސިއްރު!

ވާގޮތް: ކޮލިޓީ އަރާމު ނިންޖެއްގެ ސިއްރު!

ކިތަންމެ ގިނަ އިރުވަންދެން ނިދާލާފަ ތެދުވިޔަސް ވަރުބަލިކަން އިހުސާސް ވަނީ ކިތައް ދުވަހު ހެއްޔެވެ؟ ފެންވަރާލާ ސައި ބޮއިލައިގެން ވަޒީފާއަށް ނިކުންނަ އިރުވެސް ހަށިގަނޑު ހޭނުލާކަމުގެ އިހުސާސް ވޭހެއްޔެވެ؟ ކަމެއް ކުރިޔަސް ނުކުރިޔަސް އާ ފުރޭހެއްޔެވެ؟ ނިދި އައިއްސަ ހުންނާތީ ކަންކަމަށް ފުރިހަމަ ސަމާލުކަން ދޭން ވެސް އުދަނގޫވޭ ހެއްޔެވެ؟

މިއިން އެއްވެސް ސުވާލެއްގެ ޖަވާބަކީ "އާނއެކޭ" ނަމަ ހާސް ނުވާށެވެ. މިއީ ދުނިޔޭގެ އެތައް ބަޔަކަށް ކުރެވޭ އިހުސާސްތަކެކެވެ. ދެ ގަޑި އިރާއި އަށް ގަޑި އިރުގެ އިތުރުން 12 ގަޑި އިރު ނިދާލާފަ ތެދުވިޔަސް ވަނީ އެއް އިހުސާސްތަކެކެވެ. ހޭލާ ހިސާބުން ފެށިގެން ނިދުން ނޫން އިތުރު ކަމެއް ބޭނުންނުވެ އެވެ. ނަމަވެސް ނިދަން އޮށޯތުމާއެކު ނިދީގެ ހުރިހާ އަލާމާތެއް ކެނޑިގެން ގޮސް އެނދުމަތީ ފުރޮޅި ފުރޮޅި އެތައް އިރަކު އޮންނަން ޖެހެ އެވެ.

މިއަދު މި ބަލާލަނީ މިހެން ވާނަމަ ނިދުމުގެ "ކޮލިޓީ" އިތުރަށް ރަނގަޅުކޮށްލާ މިކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ. މިކަންކަމަށް ބަލާލުމުން އަދި ނިދުމުގެ ސައިންސް ކޮންމެވެސް ވަރަކަށް ފަހުމުވުމުން ނިދުމަކީ ބުރަޔަކަށް ވުމުގެ ބަދަލުގައި އެއީ ހަގީގީ އަރާމަކަށް ވެގެން ދާނެ އެވެ. މީގެ ތެރެއިން ބައެއް ކަންކަމުން ހައިރާން ވިޔެއް ކަމަކު އެގޮތަށް އަމަލުކުރުމުން ދިރިއުޅުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަން ކަށަވަރެވެ. މިގޮތުން މައިގަނޑު ތިން ކަމަކަށް ބަލާލާނަމެވެ.

Advertisement

1. އައްޔަކީ ނިދުމުގެ އެންމެ ގާތް އެކުވެރިޔާ އަދި އެންމެ ބޮޑު ދުސްމިނު

އަރާމު އަދި ފުރިހަމަ ނިންޖެއް ބޭނުން ނަމަ އަލީގެ ދައުރު ވަރަށް ބޮޑެވެ. ނިންޖާއި އަލީގެ ގުޅުން ދެނެގަތުމަށް ފުރަތަމަ އަހަރުމެންގެ ހަށިގަނޑުގައިވާ "މެލަޓޮނިން" ހޯމޯން އަށް ބަލާލަންޖެހެ އެވެ. މިޔަކީ އަހަރުމެންގެ ހަށިގަނޑުގެ "ސާކޭޑިއަން ރިދަމް" ނުވަތަ ނުވަތަ ނިދަންވީ ވަގުތު އަންގާދޭ ހޯމޯން އެކެވެ. މެލަޓޮނިން ހަށިގަނޑުގައި ހުންނަންވީ މިންވަރު އަންގައިދެނީ އަހަރުމެންގެ ވަށައިގެން ވާ އަލިތަކުންނެވެ. ހަށިގަނޑަށް އެޅޭ އަލި މަދު ވެއްޖެ ނަމަ މެލަޓޮނިން ހަށިގަނޑު ތެރޭ ފެތުރެ އެވެ. އަދި އޭގެ ސަބަބުން ނިދި އާދެ އެވެ.

ނިދުމަކީ ބޮޑު ގޮންޖެހުމަށް މިޒަމާނުގައި ވާ އެއް ސަބަބަކީ މިޔެވެ. ކުރީގައި ބޮކިތަކާއި ހޮޅި ބުރިތައް ނެތް އިރު، އިރު އޮއްސުމުން ދުނިޔެ ވަރަށް އަނދިރި ވެޔެވެ. އެހެން ކަމުން އެ ވަގުތަށް މެލަޓޮނިން ރިލީސްވެ މީހުންނަށް ނިދަން މަގުފަހިކޮށް ދެ އެވެ. ނަމަވެސް މިޒަމާނުގައި އިރުއޮއްސުނުކަމުގައި ވިޔަސް ކޮންމެ ތަނެއްވެސް އަލިކަން މަތީ ހުރުމުން މި ހޯމޯންއަށް އޭގެ ވާޖިބު އަދާކުރުމުގައި ދަތިކަން ކުރިމަތިވެ އެވެ.

މިކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. ފުރަތަމަ ކަމަކަށް ދުވާލު ގަޑީ އިރުގެ އަލި ހަށިގަނޑުގައި ޖެހޭނެ ގޮތެއް ހޯދާށެވެ. އެގޮތުން ހެނދުނުގެ ހަތަކާއި ނުވައަކާއި ދޭތެރޭ ފަސް ވަރަކަށް މިނެޓަސް ނަމަވެސް އިރުގެ އަލި ހަށިގަނޑުގައި ޖައްސާލާށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ހިއްސުތައް ހޭލައްވާލާނެ އެވެ. އަދި ރޭގަނޑުވުމުން މެލަޓޮނިން އުފައްދާ މިންވަރު އިތުރުވާނެ އެވެ.

އަދި ރޭގަނޑުވުމުން ނުވަތަ ނިދާ ވަގުތު ޖެހުމުން ކޮޓަރި ވީހާވެސް އަނދިރިކޮށްލާށެވެ. އެއްވެސް ކަހަލަ އައްޔެއް ހަށިގަނޑުގައި ޖެހިއްނަމަ މެލަޓޮނިން އުފެއްދުމުގެ ރޭޓް 50 އިންސައްތަ ދަށަށް ދެ އެވެ. އެހެންކަމުން ނިދުމުގެ ކުރިން ވީހާވެސް ގިނަ އައްޔެއް ގެއްލުމަކީ އަރާމު ނިންޖެއް ހޯދުމަށް އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅެވެ

މީގެ އިތުރުން ސްކްރީން ތަކާއި ދުރަށް ޖެހިލުމަކީ ވެސް މުހިންމުކަމެކެވެ. އަހަރުމެންގެ ފޯނު، ލެޕްޓޮޕް އަދި ޓީވީ ސްކްރީން ތަކުން އަންނަ "ބްލޫ ލައިޓް" އަކީ ވެސް މެލަޓޮނިން އަށް ހުރަސް އަޅާ އެއްޗެކެވެ. އެންމެ އެދެވިގެން ވަނީ ނިދަން އޮށޯތުމުގެ ގަޑި އިރެއްހާ އިރު ކުރިން މިފަދަ ހުރިހާ ޑިވައިސް ތަކަކާއި ދުރަށް ޖެހިލުމެވެ.

2. ނިދާ ވަގުތާއި ހޭލާ ވަގުތެއް ކަނޑައެޅުން

ކޮންމެ ހަފުތާއަކުވެސް ރަނގަޅު ފުރިހަމަ ނިންޖެއް ބޭނުންނަމަ އަހަރުމެންގެ ހަށިގަނޑު ގަޑިޔަށް އިހްތިރާމް ކުރުމަކީ ވެސް ބޭނުންތެރިކަމެކެވެ. އެގޮތުން ކޮންމެ ރެޔަކުވެސް އެއް ވަގުތެއްގައި ނިދާ އެއްވަގުތެއްގައި ހޭލުމަށް މަސައްކަތްކުރާށެވެ. އަދި މި ކަނޑައަޅާ ވަގުތު 30 މިނިޓަށް ވުރެ ބޭރަށް ނުދިޔުމަށް އަޒުމު ކަނޑައަޅާށެވެ. ހިތާމަޔަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ އާދައަކީ، ހަފުތާ ދުވަސްތަކުގައި ލަސްކޮށް ނިދާފައި އަވަހަށް ހޭލާ، ހަފުތާ ބަންދުގައި މި ރޭތަކަށް ވާވަރަށް ނިދާކަމެވެ. މިއީ ނިދުމަށް އޭގެ ނޭދެވޭ އަސަރުކުރާނެ އާދައެކެވެ. ވަޒީފާއަށް ދާން ޖެހޭ ދުވަހަކީ ކޮބައިކަމެއް ބަންދު ދުވަހަކީ ކޮބައި ކަމެއް އަހަރުމެންގެ ހަށިގަނޑަކަށް ނޭނގޭނެ އެވެ. އެހެން ކަމުން މިގޮތަށް އަމަލުކުރާނަމަ ހަށިގަނޑުގެ ގަޑިއަށް އޮޅުންބޮޅުން އަރާނެ އެވެ.

އެންމެ ރަނގަޅު ގޮތަކީ އަވަހަށް ނިދާ އަވަހަށް ހޭލުމެވެ. ދަރިވަރުންތަކެއްގެ މެދުގައި ނެގުނު ދިރާސާއަކުން މިކަމަށް ބާރުދެ އެވެ. އެގޮތުން ދަންވަރު ހޭލާ ތިބެ ކިޔަވާ ދަރިވަރުންނާއި އަވަހަށް ނިދާ އަވަހަށް ހޭލާ ކިޔަވާ ދަރިވަރުންގެ ގްރޭޑްތައް އަޅާކިޔުނެވެ. ނަތީޖާ އިން ފެނުނު ގޮތުގައި ކުރީގައި އުޅެނީ ފަހުން ފާހަގަކުރި ދަރިވަރުންނެވެ. އެ ދަރިވަރުންގެ އެވަރެޖް ޖީޕީއޭ 3.5 ގައި ހުރި ދަންވަރު ކިޔަވާ ދަރިންވަރުންގެ އެވަރެޖް ޖީޕީއޭ އަކީ 2.5 ކެވެ.

އިތުރު ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ފުރިހަމަ ނިންޖެއް ލިބެނީ ރޭގަނޑު 10 އަކާއި 2 އަކާއި ދެމެދު އެވެ. މިވަގުތުތަކުގައި ހަށިގަނޑުގައި މެލަޓޮނިންގެ އިތުރުން ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯން އެންމެ ބާރު މިނުގައި އުފައްދަ އެވެ. މިކަމުގެ ސަބަބުން ދެ އަކަށް ފަހު ފުން އަދި ފުރިހަމަ ނިންޖެއް ލިބެ އެވެ.

3. ކޮޓަރިއަކީ ނިދާ ގަނޑުވަރަކަށް ހެދުން

ފުރިހަމަ ނިންޖަކީ ދިރިއުޅުމަށް މުހިންމު ކަމެކެވެ. އަދި މި މުހިންމުކަން އެނގޭނަމަ ނިދާ ކޮޓަރިއަކީ މިކަމަށް އެކަށީގެންވާ ގާބިލިއްޔަތު ތަނަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހެ އެވެ. އަހަރުމެން ނިދާ މާހައުލަކީ ވެސް އޭގެ ސަބަބުން ނިންޖަށް އަސަރުކުރާ އެއްޗެކެވެ. އެގޮތުން ކޮޓަރީގެ މާހައުލަކީ ތިބާޔަށް ހަމަޖެހުމާއި އަރާމު ގެނިވާދޭ ތަނަކަށްވުން މުހިންމެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކޮޓަރިއާއި އެކަށީގެންވާ ބައެއް ކަހަލަ ކުދި ގަސްތައް ހުރުމަކީ ނިދި އިތުރަށް ފުރިހަމަކޮށްދޭ ކަމެކެވެ. ސަބަބަކީ ފެހި ފަތްތަކުގެ ވަސް ނޭފަތުގައި ޖެހުމުން އަހަރުމެންނަށް ހަމަޖެހުމާއި އަރާމު ލިއްބައިދިނުމެވެ.

މީގެ އިތުރުން ގަސްގަހަކީ ވައި ސާފުކޮށްދޭ އެއްޗެކެވެ. ސާފު ވައި ނިދުމަށް މުހިންމު ވަނީ އޭގައި "ނެގެޓިވްލީ ޗާޖްޑް އަޔަންސް" ހިމެނޭތީ އެވެ. މިފަދަ އަޔަންތަކުގެ ސަބަބުން ހަށިގަނޑުގައި ވަރު ޖައްސާދީ ނުރައްކާތެރި އެތައް ގޭސްތަކާއި ކުދިކުދި ސޫފިތަކުން ހިމާޔަތްކޮށްދެ އެވެ.

މީގެ އިތުރުން ކޮޓަރިއަކީ ނިދުމަށް ހާއްސަ ނުވަތަ މަސައްކަތު މާހައުލަކަށް ނުހެދުން ވަރަށް މުހިންމެވެ. އެގޮތުން ލެޕްޓޮޕާއި ފޯނާއި މިފަދަ އާލާތްތައް ކޮޓަރީގައި ބޭނުންނުކުރުން މުހިންމެވެ. އަހަރުމެންގެ ތޮއްޖެހިފައިވާ ކުދިކުދި ގޮޅިތަކުގައި މިޔަކީ ދަތިކަމަކަށް ވެދާނެ އެވެ. އެހެންނަމަ ނިދާ ތަންކޮޅު މިކަންކަމުން ރައްކާތެރި ކުރާށެވެ. ނިދުމަށް ނޫނީ އެނދަށް ނާރާށެވެ. މަސައްކަތެއް ކުރަން ބޭނުން ނަމަ ލެޕްޓޮޕް ނުވަތަ ފޯނު ހިފައިގެން ކޮޓަރީގެ އެހެން ކަނަކަށް ޖެހިލާށެވެ. މިކަމުގެ ސަބަބުން އަހަރުމެންގެ ތަންމައްޗަކީ ނިދުމަށް ހާއްސަ ތަނެއްގެ ގޮތުގައި ސިކުނޑިއާއި ހަށިގަނޑަށް އިހުސާސްވެސް ނިދަން އޮށޯންނަ ކޮންމެ ފަހަރަކު ނިދަން ފަސޭހަވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox