ކޮންމެ އައިފޯނަކާއެކީ ނުވަތަ އައިއޯއެސް އަޕްޑޭޓަކާއި އެކީ އަންނަ ބޮޑެތި ފީޗާތަކާއި ސްޕްކްސްގެ ވާހަކަ ވަރަށް ބާރުލާ އައިފޯން ގެންގުޅޭ ފަރާތަތްކުން ދައްކަ އެވެ. މި ވާހަކަތަކުގެ ބޮޑު ކަމުން ބައެއް ފަހަރު މިފަދަ އަޕްޑޭޓްތަކުގައި ލިބޭ ކުދި ކުދި އެކަމު ފައިދާ ބޮޑު އެތައް ފީޗާއަކަށް ހިޔަނި އެޅިގެން ދެ އެވެ. އެހެންކަމުން މި ފީޗާތައް އެނގޭ މީހުން މަދުވެ މިއީ "ފޮރުވިފަ" ވާ ފީޗާތަކަށް ވެގެން ދެ އެވެ. މިއަދު މިފަދަ ކުދި އެކަމު ފައިދާ ހުރި ފަސް ފީޗާއެއް ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ.
1. ފޮޓޯ އަދި ވީޑިއޯ އެޑިޓްތައް ކޮޕީކޮށްލައިފަ ޕޭސްޓުކޮށްލުން
ބީޗަށް ގޮސްލާފަ ނުވަތަ ރީތި ބެކަރައުންޑެއްގަ ސަޅި ފޮޓޯކޮޅެއް ނެގިއްޖެ އެވެ. އެތަނުން ފޮޓޮއެއް ކެމެރާ ރޯލް އިން ހުޅުވާލާ ވަރަށް ފުރިހަމައަށް އެޑިޓްކޮށްލެވިއްޖެ އެވެ. އެއްވަނައިގެ އެޑިޓެކެވެ. ދެން ހުރި ފޮޓޯތަކަށް ވެސް ހަމަ ބޭނުންވަނީ މި އެޑިޓެވެ. ނަމަވެސް ކޮންމެ ފޮޓޯއެއް ވަކިވަކިން ހުޅުވާ މި ބަދަލު ގެންނަން ފުދޭވަރަކަށް ވަގުތުދާނެ އެވެ. އައިފޯނެއް ބޭނުންކުރާނަމަ މިވަގުތުތައް ސަލާމަތްކޮށްލެވިދާނެ އެވެ. އައިފޯންގެ ޑިފޯލްޓް އެޑިޓިން ފީޗާސް ބޭނުންކޮށްގެން އެޑިޓްކުރާ ފޮޓޮއަކަށް ގެންނަ އެޑިޓްތައް މިހާރު އެހެން ފޮޓޯއަކަށް ނުވަތަ ވީޑިއޯއަކަށް ކޮޕީ ކޮށްލެވޭނެ އެވެ.
މިކަން ކޮށްލުމަށް އެޑިޓްކުރި ފޮޓޯގެ މަތީ ކަނާތު ކަނުގައިވާ ތިން ތިއްކަށް ފިއްތާލާށެވެ. އެވަގުތު ހުޅުވޭ ޑްރޮޕްޑައުން މެނޫގެ މެދެއްހާ ހިސާބުގައި "ކޮޕީ އެޑިޓްސް" އޮޕްޝަނެއް އިންނާނެވެ. އެހިސާބުން އެޑިޓްތައް ކޮޕީވީއެވެ. ދެން އެޑިޓް ޕޭސްޓްކޮށްލަން ބޭނުންވާ ފޮޓޯ ނުވަތަ ފޮޓޯ ތަކެއް ސެލެކްޓްކޮށްލުމަށް ފަހު ހަމަ އެއްކަލަ ތިން ތިއްކަށް ފިއްތާލުމުން އަން "ޕޭސްޓް އެޑިޓްސް" އަށް ފިއްތާލުމުން އެޑިޓްތައް ޕޭސްޓްވާނެ އެވެ. އެޑިޓް ކަމުނުގޮއްސި ހާލަތެއްގައި "ރިވާޓް ޓު އޮރިޖިނަލް" ބޭނުންކޮށްގެން ކުރިން އިން ގޮތަށް ފޮޓޯ ރުޖޫއުކުރެވޭނެ އެވެ.


2. ފޯނަށް ސޭވް ނުކޮށް ސްކްރީންޝޮޓެއް ފޮނުވުން
ކަމަކުދާކަށް ނެތެވެ. ކެމެރާ ރޯލް ހުޅުވާލިއިރު ކެމެރާއިން ނަގާފަ ހުރި ފޮޓޯއަށް ވުރެ ގިނައީ ނެގިފަހުރި ސްކްރީންޝޮޓްތަކެވެ. ސައިޓްތަކުންނާއި އެޕްތަކުނެވެ. މީގެ ތެރޭ ވެސް ގިނައީ މީހަކަށް ފޮނުވާލަން ނަގާފަ ހުރި ސްކްރީން ޝޮޓްތަކެވެ. ފަހުން އޭގެ އެއްވެސް ބޭނުމެއް ނެތް ފޮޓޯތަކެކެވެ. މިއީ ކިޔުންތެރިޔާއަށް ވެސް ދިމާވާ މައްސަލައެއް ނަމަ ކަންބޮޑުނުވާށެވެ. އައިފޯނުން މިވަނީ މިކަމަށް ވެސް ހައްލެއް ހޯދައިދީފަ އެވެ.
މިހާރު މީހަކަށް ފޮނުވާ ސްކްރީންޝޮޓް ފޯނަށް ސޭވް ނުކޮށް ފޮނުވާލެވޭނެ އެވެ. މިކަން ކޮށްލަން މި އާޓިކަލްގެ ސްކްރީންޝޮޓެއް ނަގާލާށެވެ. ނަގާލުމުން ތިރީ ވާތު ކަނަށް އަރާ ޕްރިވިއުއަށް ފިތާލާށެވެ. ޕްރިވިއު ހުޅުވުމުން މަތީ ވާތު ކަނުގައި އިންނަ "ޑަން" އަށް ފިތާލާށެވެ. މިތަނުން އެންމެ ތިރިން ދެވަނަޔަށް އިން "ކޮޕީ އެންޑް ޑިލިޓް" އޮޕްޝަނަށް ފިތާލާށެވެ. އެޔަށް ފަހު މި މައުލޫމާތު މުހިންމު މީހެއް މެސެޖްތަކަށް ވަދެ ޕޭސްޓްކޮށްލުމަށް ފޮނުވާލާށެވެ.

3. ވައިފައި ޕާސްވޯޑްތައް ބަލާލާ ޝެއާކޮށްލުން
ފެށުނީއްސުރެ ވައިފައި ޕާސްވޯޑް ނުފެންނަގޮތަށް ބޭންދުމަށް ފަހު، ފަހުގެ އައިއޯއެސް އަޕްޑޭޓްތަކުގައި އެޕަލް އިން ވަނީ މިކަމަށް ލުއި ދޭން ފަށާއިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ދެ އައިފޯނެއް ކައިރިކޮށްލައިގެން އެއް އައިފޯނުން ކަނެޓް ކޮށްފައި އިން ވައިފައި ޕާސްވޯޑް އަނެއް ފޯނަށް އޮޓޮމެޓިކަލީ އެންޓާ ވާގޮތް ހެދި އެވެ. ނަމަވެސް އެއަށް ފަހު އެޕަލް އިން މިވަނީ އައިފޯންތަކުން ކަނެޓްކޮށްފައިވާ ވައިފައިތަކުގެ ޕާސްވޯޑް ފަސޭހައިން ބަލާލެވޭނެ ގޮތް ހަދައިފަ އެވެ. މިކަމުގެ ސަބަބުން އެންޑްރޮއިޑް ފޯނެއް ގެންގުޅޭ ފަރާތެއްގެ ފޯނުގައި ޕާސްވޯޑް ޖާހާލަން ބޭނުންވިޔަސް މިކަން ހާސިލް ވާނެ އެވެ.
ޕާސްވޯޑް ބަލާލުމަށް ސެޓިންގެ "ވައި-ފައި" އަށް ދާށެވެ. މިތަނުން ޕާސްވޯޑް ބަލާލަން ބޭނުންވާ ނެޓްވޯކްގެ ވާތްފާރާތުގައި ނޫ ކުލައިން އިންނަ އައި އަކުރަށް ފިތާލާށެވެ. އެއަށް ފަހު ނުފެންނަ ހެން އިން ޕާސްވޯޑްގެ ބޮޅުތަކަށް ފިއްތާލާށެވެ. އެހިސާބުން ފޭސް އައިޑީ ބޭނުންކޮށްގެން ނުވަތަ ޕާސްކޯޑް ބޭނުންކޮށްލުމުން ފޮރުވިފާ އިން ޕާސްވޯޑް ފެންނާނެ އެވެ. ބޭނުންމިއްޔާ ޕާސްވޯޑް ކޮޕީ ކޮށްލާ އެހެން މީހަކަށް ފޮނުވާވެސް ލެވޭނެ އެވެ.

4. ރިޕީޓްވެފައިވާ ފޮޓޯތައް ޑިލިޓްކޮށްލުން
ބައެއް ފަހަރު ތަންތަނުން ފޮޓޯ ސޭވް ކުރާ އިރު އެއް ފޮޓޮއެއް އެތައް ފަހަރަކު ސޭވް ވެދާނެ އެވެ. އެއް ފަހަރު މިހެން ވުމުން މާބޮޑު މައްސަލައަކަސް ނުވެދާނެ އެވެ. އެކަމު ތަކުރާރުކޮށް އެތައް ފަހަރަކު މިހެން ވުމުން ފޯނުގައި ރިޕީޓްވެފައި ހުރި ބޭކާރު އެތައް ފޮޓޯ އެއް ހުންނާނެއެވެ. މިކަމުގެ ސަބަބުން ސްޓޯރޭޖަށް ވެސް އޭގެ އަސަރުކުރާނެ އެވެ. މިހެން ރިޕީޓްކޮސް ސޭވް ވެފާ ހުރި ފޮޓޯތައް ޑިލިޓްކޮށްލަން އަންނަނިވި ފިޔަވަޅުތައް އަޅާށެވެ.
ކެމެރާ ރޯލް ހުޅުވާލުމަށް ފަހު ތިރީ ގައި ހުރި ޓެބްތަކުން "އަލްބަމްސް" އަށް ފިތާލާށެވެ. އެއަށް ފަހު އެންމެ ތިރިޔަށް ސްކްރޯލް ކޮށްލާށެވެ. މިހިސާބުން "ޔޫޓިލިޓީސް" ސުރުހީގެ ދަށުން ހަތަރު އޮޕްޝަނެއް އިންނާނެ އެވެ. މީގެ ތެރެއިން ދެވަނަ އޮޕްޝަނަކަސް އިންނާނީ "ޑުޕްލިކޭޓްސް" އެވެ. އަދި އެ އޮޕްޝަނެއް ކަނާތްފަރާތުގައި ޑުޕްލިކޭޓްތައް ހުރި އަދަދު ފެންނަން އިންނާނެ އެވެ. އެ އޮޕްޝަނަށް ފިތާލާށެވެ. އެއަށް ފަހު ހުރިހާ "ސެލެކްޓް އޯލް" ބޭނުންކޮށްގެން ހުރިހާ ފޮޓޯއެއް ސެލެކްޓް ކޮށްލާށެވެ. މިހެން ސެލެކްޓް ކޮށްލުމުން ތިރީ މެދަށް "މާޖް" އޮޕްޝަނެއް އަރާނެ އެވެ. އެ އޮޕްޝަނަށް ފިއްތާލުމުން ހުރިހާ ގޮތަކުން އެއްގޮތް ނުވަތަ ފެންނަ ފެނުމަށް އެއްގޮތް ފޮޓޯތައް އެއް ފޮޓޯއަކަށް ހަދާލުމުގެ އިހްތިޔާރު ލިބޭނެ އެވެ.

5. ފަހަތުގަ އިން އެޕަލް ލޯގޯ އިން ކުރެވޭ ކަންކަން
އައިފޯނުގެ ޑިޒައިން އަހަރަކަށް ފަހު އަހަރެއް ބަދަލުވަމުންދާ އިރު، އެންމެ ފުރަތަމަ އައިފޯނުން ފެށިގެން މިހާހިސާބަށް އައިއިރު ބަދަލު ނުވާ އެއްކަމަކީ އައިފޯނުގެ ފަހަތުގައި އިންނަ އެޕަލް ލޯގޯ އެވެ. މިއީ އެކަމު މިހާރު ހަމައެކަނި އައިފޯނެއް ކަން އަންގާދޭ ރަމްޒެއްގެ އިތުރުން ބައެއް އިތުރު ކުދި ކަންކަން ކޮށްލަން ވެސް ބޭނުންކޮށްލެވޭނެ ލޯގޯއެކެވެ. އެގޮތުން ލޯގޯ އަށް ދެ ފަހަރު ނޫނީ ތިން ފަހަރު ޓެޕް ކޮށްލައިން ބައެއް ކަންކަން ކޮށްލެވޭނެ އެވެ.
މި ފިޗާ އޮން ކޮށްލުމަށް ސެޓިންގެ ގެ "އެކްސެބިލިޓީ" އަށް ދާށެވެ. އަދި "ޓަޗް" ސެޓިން ހުޅުވާލުމަށް ފަހު އެންމެ ތިރިޔަށް ސްކްރޯލް ކޮށްލާށެވެ. އެންމެ ތިރީގައިން "ބެކް ޓެޕް" އޮޕްޝަނަށް ފިތާލުމަށް ފަހު ދެފަހަރު ނުވަތަ ތިން ފަހަރު ޓެޕް ކޮށްލުމުން އަންނަން ބޭނުންވާ ބަދަލު ހިޔާރުކުރެވޭނެ އެވެ. މީގެ ތެރޭ އެޕް ބަދަލުކޮށްލުން، ކެމެރާ ހުޅުވާލުން، ފްލޭޝްލައިޓް ޖައްސާލުމުގެ އިތުރުން ވެސް އެތައް ކަމެއް ފަސޭހަކަމާއެކު ކޮށްލެވޭނެ އެވެ.











