ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން 18 މިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ފާސްކޮށްފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން މި އަހަރުގެ ބަޖެޓު ފާސްކުރީ ދާދި ފަހުން ނިމުނު އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. އާންމު މެންބަރުންގެ ވޯޓާ އެކު އެސޯސިއޭޝަނުން މި އަހަރަށް ފާސްކުރީ 18،873،891.84 (އަށާރަ މިލިއަން، އަށް ލައްކަ، ހަތްދިހަ ތިން ހާސް، އަށް ސަތޭކަ، ނުވަދިހަ އެއް ރުފިޔާ، އަށްޑިހަ ތިން ހަތަރެއް) ރުފިޔާގެ ބަޖެޓެކެވެ.
މި ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓްގެ އިތުރުން މި އަހަރުގެ ކުޅިވަރު ކަލަންޑަރުވެސް ފާސްކޮށްފަ އެވެ.
މި އަހަރަށް ބެޑްމިންޓަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަން ހަމަޖެހިފައިވަނީ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މުބާރާތްތަކަށެވެ. އެ ގޮތުން މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖާއި، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު އަދި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް މިއަހަރު ރާއްޖޭގައި އޮންނާނެ އެވެ.
މި އަހަރު އަލަށް ބާއްވާ މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖް އޮންނާނީ މެއި މަހުގެ ކުރީކޮޅުގަ އެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ މަތީ ފަންތީގެ އެތައް ކުޅުންތެރިންނެއް ވާދަކުރާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު އޮންނާނީ ޖޫން މަހުގަ އެވެ. އޭގެ ފަހުން، އޮގަސްޓް މަހު, މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްގެ ނަމުގައި ވެސް މުބާރާތެއް އޮންނާނެ އެވެ.
މި އަހަރު ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ އެންމެ މުހިންމު ދެ މުބާރާތަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އޭޝިއަން ގޭމްސް އެވެ. އައިއޯއައިޖީ އޮންނާނީ އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިނަކަށް މަޑަގަސްކަރައިގަ އެވެ. އޭޝިއަން ގޭމްސް އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 އިން އޮކްޓޯބަރު އަށަކަށް ޗައިނާގެ ހަންޒޫގަ އެވެ.
އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބެޑްމިންޓަންގެ އަހަރީ ކަލަންޑަރުގައި 18 އިވެންޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ދެ ގޭމްސް އަކާއި ރާއްޖޭގައި ހޯސްޓް ކުރާ ބައިނަލް އަގުވާމީ ތިން މުބާރާތެއްގެ އިތުރުން ދެން ހިމެނެނީ، ރާއްޖޭގެ ލެވަލްގައި ކުޅެވޭނެ 13 މުބާރާތެކެވެ.
އަހަރީ ކަލަންޑަރުގައި ހިމަނާފައިވާ މުބާރާތްތަކުގެ އިތުރުން ދެން ހިމެނެނީ ޓެކްނިކަލް އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރާ ހަ ޕްރޮގްރާމެކެވެ. މިގޮތުން ޓެކްނިކަލް އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރުމުގެ ގައުމީ ފެންވަރުގެ ހަތަރު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ ބީޑަބްލިއުއެފް ލެވެލް އެކެއްގެ ދެ ކޯހެއްވެސް މިއަހަރު އޮންނާނެ އެވެ.
މި އަހަރުގެ ސްޕޯޓްސް އެވޯޑްސްގައި އެންމެ ރަނގަޅު ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ހޮވުނީ ބެޑްމިންޓަން އެސޯސިއޭޝަން އެވެ.












