ވާހަކަ: ނާކަރަ

ވާހަކަ: ނާކަރަ

ދެވަނަ ބަޔާއި ގުޅޭ

"މަށަކަށް ތިއެއް ނޭނގެ. މަށަށް އެނގޭހާ ވެސް ކަމަކީ އާމިލު ކަށިން ހިތްވަރު ނެރެފިކަން،" ޔާސިރު ހީނލި އެވެ. "އެވެސް އަންހެނަކަށް ޓަކައިކަން."

"އެއީތާ ނިޢުމަތަކީ ދޯ!" އަހަރެން ހޭންފެށީމެވެ.

Advertisement

"އާނ! އަންހެނުން ނެތްނަމަ އަހަރުމެން ފުރިހަމައެއް ނުވާނެ. އަންހެނަކު ނެތް ދުނިޔެއެއްގައި އަހަރުމެން އުޅެންވެއްޖެ ނަމަ ނަފުސާނީގޮތުން ބަލިވާނެ. އެ ހަމަ ގަސްނެތުނީމަ ވާހެން ވާނެ ކަމެއް."

"އަދި ކިރިޔާ މި ގެޓުވީ އޭރު ދެއްކި ވާހަކަ،" އަހަންނަށް އެހެން ބުނެލެވުނީ ބޭއިޚުތިޔާރުގަ އެވެ. "ކޮބައިތަ ތިޔަ ނަފުސާނީ ޑޮކުޓަރަކީ؟"

"އެ ޑޮކުޓަރުގެ އެޕޮއިންޓްމަންޓެއް ނުލިބިގެން މި އުޅެނީ. ޕޭޝަންޓްގެ ހާލު ހައްތަހާ ބޮޑުވަނީ. އެކަމަކު ޑޮކުޓަރުގެ އެޕޮއިންޓްމަންޓެއް ނުލިބުނު." ޔާސިރު އަބުއި ރާގެއްގައި ބުނެލި އެވެ.

"ޑޮކުޓަރަށް އެނގޭނެބާ ޕޭޝަންޓް ބަލިކަން." އަހަރެން އަހައިލީމެވެ.

"ނޫން. މިއީ ރިފަރކުރި ކޭހެއް ނޫނޭ. އައުޓް ޕޭޝަންޓެކޭ." ޔާސިރު ބަލަން އިނީ ސީދާ އިހުސާނާއާ ދިމާއަށެވެ.

"ތީގަ ނެތްތާ، ޑޮކުޓަރުގެ މައްސަލައެއް." އަހަރެން ބުނެލީމެވެ.

އިހުސާނާއަށް އަހަރުމެން ފެނުނެވެ. އޭނާ ލުއި ގޮތަކަށް ހީނލަމުން އަހަންނާ ދިމާއަށް މިސްރާބު ޖެހި އެވެ. އޭނާގެ ރަސްމީ ލުއި ހިނގުމުގައި އަންނަ މަންޒަރު ފެނުމުން ޔާސިރު އެ ދިމާއަށް ހުއްޓުނެވެ.

އަހަރެންގެ ހިތުގައި ވަހުމުތައް އުފެދެން ފެށި އެވެ. ޔާސިރު ވެސް އިހުސާނާ ބޭނުންވެގެން އުޅެނީ ހެއްޔެވެ؟ އޭނާ އެ ދައްކަނީ ސީދާ އިހުސާނާގެ ވާހަކަ ހެއްޔެވެ؟ އެ ޚިޔާލުތަކުން އަރައި ނުގަނެ އުޅެނިކޮށް އަނެއް ޚިޔާލު ބޮލަށް މެހުނެވެ.

އިހުސާނާގެ މަންމަގެ އެއްކަލަ ޖުމުލަ ހަނދާނުގެ ދުރުމިއަށް ތިލަވި އެވެ. ކުއްލިއަކަށް ބޮލުގައި ރިއްސާގޮތްވާން ފެށި އެވެ. ކޮންމެ ގޮތެއް ވިޔަސް ޔާސިރަކީ އަހަންނަށް މުހިއްމު މީހެކެވެ. އަހަރެންގެ ސޫރަ ކުރަހައިދިނީ އޭނާ އެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން ހިތްވަރު ހޯދުނީ އޭނާގެ ސަބަބުންނެވެ. ދެން ހުރީ އިހުސާނާ އެވެ. އެއީ އަހަރެންގެ މިލްކެއް ނޫނެވެ. އަހަރެންގެ މީހެއް ވެސް ނޫނެވެ.

"ހާދަ ޗާލޭ. ހަމަ ހިތްދީވާނާ ވާހާވޭ." ޔާސިރު މަޑުމަޑުން ބުނެލި އެވެ. "ބަލައިބަ ތިއޮށް އަންނަނީ މަގޭ ޑޮކުޓަރު."

އަހަންނަށް ބެލުނީ އިހުސާނާއާ ދިމާއަށެވެ. އިހުސާނާ ފިޔަވައި އިތުރު އަންހެނަކު އަންނާތީ ނުފެނެ އެވެ. އަހަންނަށް ޔަގީންވި އެވެ. ޔާސިރުގެ ހިތުގެ މަލިކާއަކީ އިހުސާނާ އެވެ. އިހުސާނާގެ ތަސްވީރު އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާކަން ޔަގީންކުރީމެވެ.

ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެއަށް ޓަކައި ލޯބި ޤުރުބާން ކުރާންވީ ހެއްޔެވެ؟ ބޯމަތީގައި އޮތް އެތި ވެއްޓިދާނެތީ އެކަމަށް އެކަނި ފިކުރު ހިންގަންވީ ހެއްޔެވެ؟ ކިހިލީގައި މި އޮތީ ބޯމަތީ އޮތް އެއްޗަށްވުރެ ބޮޑު އެއްޗެއް ނޫން ހެއްޔެވެ؟ އެންމެ ފުރަތަމަ އިސްކަންދޭންވީ ބޮލަށް ހެއްޔެވެ؟ ނޫނީ ކިހިއްޔަށް ހެއްޔެވެ؟

"ބޮލަށްތަ؟ ނޫނީ ކިހިއްޔަށްތަ؟" އަހަންނަ ބުނެލެވުނެވެ.

"ބޮލަށްވުރެ ތިރިއަށް." ޔާސިރު ވައި އަޑުން ބުނެލި އެވެ.

"ކިހިއްޔަށް؟" އަހަރެން ޔަގީންކޮށްލަން ބޭނުންވީ އެވެ.

"ޔަގީން." ޔާސިރު އަޑު ވެސް ބަދަލުވަމުން ދިޔަ އެވެ.

އެހައި ހިސާބުން ޔަގީން ކުރީމެވެ. ޔާސިރުގެ ހިތުގެ މަލިކާއަކީ އިހުސާނާ ކަމެވެ. ޔާސިރާއަޅައި ބަލާއިރު އަހަންނަކީ ވެއްޔެވެ. ޔާސިރަކީ ފަރުބަދައެކެވެ. އަހަންނަކީ އެ ފަރުބަދައިގެ ހިޔަލުގައި އޮތް ކުޑަކުޑަ ހިލަކޮޅެކެވެ. އަހަރެންގެ އަމިއްލަ ނަފުސު އަހަންނަށް އެކަން ވިސްނައިދިނެވެ. އަހަންނަކީ ކާކުކަން ބުނެދިނެވެ. އަހަރެންގެ ހައިސިއްޔަތާއި އަހަރެން ފެންވަރެވެ.

"އޯކޭ." އަހަންނަށް ބުނެލެވުނެވެ.

"ތިބުނީ މަގޭ ޗޮއިސް ހަމަ ފައްކަލޭތަ؟" ޔާސިރު ހިނިތުންވެލި އެވެ.

"އަބަދުވެސް ތިޔައީ ހަމަ ބެސްޓެއްނު."

"ނޫނޭ. މަ މިއީ މިހާރު ސެކަންޑް. އާމި ތިއީ މިހާރު ބެސްޓް. އާނ އެހެންވީމަތާ އަހަންނަށް ނުވާ ކަންކަން އާމި ތި ކޮށް ނިންމައިލަނީ." ޔާސިރު ބުނެލި އެވެ.

"ކޮން ކަމެއް؟" އަހަރެންގެ ހިތުގައި އިތުރު ސުވާލެއް އުފެދުނެވެ.

"ބިޓުން."

"ކޮބާ؟" ޝައްކުގެ ނަޒަރުން އަހަންނަށް ބަލައިލެވުނެވެ.

"އިހުސާނާ." ޔާސިރު ބުނެލި އެވެ.

"ދީފިން. ޔާސިރަށް ހިބައިން ދީފިން." ހިތުގައި އަތް އެޅުމަށްފަހު، އިހުސާސްތަކުގައި އޮބި އަޅައިގެން އިނދެ އެހެން ބުނެވުނީ ގަދަކަމުން، ލައްކަ ހިތްވަރުންނެވެ.

"ކާކު؟" ޔާސިރު ސުވާލުގެ ނަޒަރުން އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ޑޮކުޓަރު."

"އެޕޮއިމްޓްމަންޓް ހަމަޖެހުނީތަ؟" ޔާސިރު އަހައިލި އެވެ.

"ހަމަޖައްސާ. އަހަންނަށް އޯކޭ." އޭރު އަހަރެންގެ ލޮލަށް ކަރުނަތައް ގިނަވަމުން ދިޔަ އެވެ.

ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮރުވުމަށް ލައްކަ ހިތްވަރު ކުރީމެވެ. އަވަސްވަމުން ދިޔަ ނޭވާ މައިތިރިކުރެވޭތޯ ބެލީމެވެ. ޔާސިރަށް ކަމެއް، މަންޒަރެއް ފެނިދާނެތީ އެކަމާ ފިކުރު ކުރެވެމުން ދިޔަ އެވެ. ވިސްނެމުން ދިޔަ އެވެ.

"މަށަށް ހީވަނީ މިހާރު އެޕޮއިންޓްމަންޓް ހަމަޖެހުނީހެން." ޔާސިރު ބުނެލި އެވެ.

"ކިހިނެއް އެނގުނީ؟" އަހަރެން އަހައިލީމެވެ.

"އާމިލަ ކަހަލަ ކާމިޔާބު މީހެއްގެ ފަހަތު އިނދެވުމަކީ ހާދަ ބޮޑު ނަސީބެކޭ ދޯ. ހުރިހާ ދުވަހު ހިތުގައި އޮތް ވާހަކަ މިއަދު އެ ހިތަށް ވެސް ދޭހަވީ ކަން ނޭނގެ."

އޭރު އިހުސާނާ އައިސް އަހަރުމެންނާ އަރާ ހަމަކުރަނީ އެވެ. ލުއި ގޮތަކަށް ހިނިތުންވެލުމަށްފަހު އިހުސާނާ އަހަރެންގެ ކޮލުގައި ކޮށްޓައިލި އެވެ. އަހަންނަށް ފާޑަކަށް އުނދަގޫ ވެސްވި އެވެ.

ކޮންމެ ގޮތެއް ވިޔަސް އަހަރެން ގޮތެއް ނިންމައިފީމެވެ. ހިތުގައި އޮބި އެޅުމަށްފަހު ޔާސިރަށް އިހުސާނާ ދިނުމަށެވެ. ނަމަވެސް އެކަން އިހުސާނާއަށް އަދި ނޭނގޭނެ އެވެ. އެއީ އަހަރެންގެ ހިތުން ރުހުމުން ކުރި ކަމެކެވެ. އެކަން އޮތީ ހަމައެކަނި އަހަރެންގެ ހިތުގަ އެވެ.

"މަލިކާ!" ޔާސިރު ލޯބި ރާގެއްގައި ބުނެލި އެވެ.

އިހުސާނާ ވެސް ބަލައިލި އެވެ. މަލިކާއަކީ ކޮބައިތޯ އެވެ. އަހަންނަށް ވެސް ބޯ އަރިކޮށްލެވުނެވެ. އިހުސާނާގެ ފަހަތަށެވެ. މަލިކާއަކީ ކާކުތޯ ކަށަވަރުކޮށްލާށެވެ.

"މަލިކާ!" އަހަންނަށް އެ ނަން ތަކުރާރުކޮށް ކިޔުނެވެ.

"ނަމާ އެއްވަރަށް ކުއްޖާ ވެސް ރީތިދޯ؟"

"މަލީކާއަކީ؟" ސުވާލުގެ ނަޒަރުން އަހަންނަށް ބެލުނީ އިހުސާނާގެ މޫނަށެވެ. "އިހުސާނާ!"

އިހުސާނާ ހޭންފެށި އެވެ. އަހަންނަށް ބުނެވުނު ވާހަކައިން ހެއްޔެވެ؟ ގޯސް އެއްޗެއް ބުނެވުނީ ހެއްޔެވެ؟

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox