ދިއުޅުމަށް ކުރާ މަސައްކަތުގައި އަވަދި ނެތި އުޅެމުން އާއިލާއަށް ވަގުތުކޮޅެއް ހުސްކޮށްލާ އެވަގުތު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޭދަކުރުމަކީ މިޒަމާނުގައި ވަނީ ދަތިކަމަކަށްވެފަ އެވެ. މިކަމުގެ ސަބަބުން ދިރިއުޅުމަކީ ހުސް މަސައްކަތުގެ ގޮތުގައި ދެކެވި އަރާމުކޮށްލަން ލިބޭނެ ހަމަ އެކަނި ވަގުތަކީ ނިދާ ވަގުތު އެކަނި ކަމަށް ވިސްނިދާނެ އެވެ. ނަމަވެސް ހަގީގަތަކީ ކިތަންމެ ބިޒީކޮށް އުޅޭ މީހެއް ނަމަވެސް ރަނގަޅު ރޭވުމަކާ އެކީ އާއިލާއާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމެވެ.
ދިވެހިންގެ ތެރޭ "ބަސް މަދުކޮށްފަ އަމަލު ގިނަ ކުރާށޭ" ބުނާ ފަދައިން އާއިލާގެ އެކި މެންބަރުންނަށް ވަގުތު ދޭން ބޭނުންވާ ނަމަ އެ ވާހަކަ ދެއްކުމުގެ ބަދަލުގައި އެކަން ކުރެވޭނެ މަގު ފަހި ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. އެގޮތުން މި ހިއްސާކޮށްލަނީ ބިޒީކޮށް އުޅެމުން ވެސް އާއިލާއަށް ވަގުތު ދެވޭނެ މަގުފަހި ކުރުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.
އާއިލީ ވަގުތު ޕްލޭން ކުރުން
ކޮންމެ ކަމެއް ކުރަން ބޭނުން ނަމަވެސް އެންމެ މުހިންމު އެއް ކަމަކީ އެކަމެއް ޕްލޭން ކުރުމެވެ. އާއިލާ އަށް ވަގުތު ހުސްކުރުމުގައި ވެސް މިކަން އޮތީ މިހެންނެވެ. ނަމަވެސް އާއިލާ މީހުންނަކީ އެއް ގެ އެއްގައި އުޅޭ ބަޔަކަށްވުމުން ނުވަތަ މާ ގިނައިން ދިމާ ނުވިޔަސް ގުޅުން ނުކެނޑޭނެ ބަޔަކަށް ވާތީ އެކަން ޕްލޭންކުރުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކެވިދާނެ އެވެ.
މިފަދައިން ޕްލޭން އެއް ކުރުމުން ކުރިއާލާ ކޮންމެ މީހަކަށް ވެސް އެވަގުތައް ތައްޔާރުވުމަށް ފުރުސަތު ލިބެ އެވެ. އަދި ތިމާގެ މަސައްކަތުގެ ކަންކަން ރާވާއިރު ވެސް އެވަގުތަށް ޖާގަދީގެން އެކަން ކުރުމަށް ބާރު ލިބެ އެވެ.
އާއިލީ ބައްދަލަވުމެއް ބޭއްވުން
ބައްދަލުވުމެއް ބާއްވާލުމުން އާއިލާގެ އެކި މެންބަރުންގެ ހުރި ޝަކުވާތައް ފާޅުކުރުމަށް ފުރުސަތު ލިބިގެންދެ އެވެ. އަދި ތަކުރާރުކޮށް ހަފްތާއެއްގެ ކޮންމެސް އެއް ދުވަހެއްގެ ނުވަތަ ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތެއް ބައްދަލުވުމަކަށް ހާއްސަކޮށްލުމުން ގުޅުންތައް އިތުރަށް ބަދަހިވެ އެކަކު އަނެކަކުގެ ހަޔާތާއި މެދު އަލި އަޅުވާލެވޭ މިންވަރު އިތުރުވެ އެވެ. މީގެ އިތުރުން މިފަދަ ބައްދަލުވުމެއް ގައި އާއިލާ އެންމެން އެއްކޮށް ކޮށްލާނެ ކަމެއް ރާވާވެސް ލެވިދާނެ އެވެ.

އެއްކޮށް ކުރެވޭނެ ކަންތައް ހޯދުން
އާއިލާ އާއެކީ މައުނަވީ ވަގުތު ހޭދަ ކުރަން ބޭނުން ނަމަ އާންމުކޮށް ކޮށް އުޅޭ ކަންކަމާއި ދުރަށް ޖެހިލާ، އެންމެން އެކީ ކޮށްލެވޭނެ މަޖާ ކަންކަން ހޯދާ އެކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގައި ގެއިން ބޭރަށް ދިޔުމަށް ވުރެ މުހިންމީ ގޭތެރޭ ވިޔަސް އެންމެން ބައިވެރިވެ އުފާ ލިބޭނެ ހަރަކާތްތަކެއް ހޯދާލުމެވެ. އެގޮތުން މިފަދަ ހަރަކާތްތަކުގެ ލިސްޓެއް ހަދާލާށެވެ. އަދި އެއަށް ފަހު ހަފްތާތަކެއްގެ މައްޗަށް މިކަންކަން ބަހާލާށެވެ. އަދި ކޮންމެ ހަފްތާއެއްގެ ވެސް ވަކި ދުވަހެއް (މިސާލަކަށް ހަފްތާ ބަންދުގަ) މި ހަރަކާތައް ހާއްސަކޮށްލާށެވެ. މިފަދަ ހަރަކާތްތައް ރާވާ އިރު މިކަމުގައި އާއިލާ އެންމެގެ ހިޔާލު ހޯދުން ވެސް މުހިންމެވެ.
ކައި މޭޒުމަތީ ގުޅުން ބަދަހި ކުރުން
ކައި ބޮއެ ހެދުމަކީ ކޮންމެ ދުވަހުގެ އާދައެއް ނަމަވެސް މިކަމުގެ ތެރެއިން ގުޅުން ބަދަހި ކުރުމުގެ އާދަ އަހަރުމެންގެ ތެރެއިން މިދަނީ މަޑުމަޑުން ފަނޑުވަމުންނެވެ. އެގޮތުން ކައި ވަގުތުތަކުގައި އާއިލާ މެންބަރުން އެއްކޮށް މޭޒަށް ގެނައުމަށް މަސައްކަތްކުރާށެވެ. އަދި މިވަގުތުގައި މާ ގިނަ ވާހަކަތައް ނުދެއްކިޔަސް ލުއި ސުވާލުތަކާއި ހިޔާލު ފާޅުކުރުމަށް އިސްކަން ދޭށެވެ.
ނިދުމުގެ ކުރިން ވާހަކަދައްކާލުން
ދުވަސް ނިންމާލާ އެނދުމައްޗަށް އަރާ ލޯ މަރާލުމުގެ ކުރިން އާއިލާ މެންބަރުންނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މި ވަގުތުގައި ކޮންމެ މެންބަރެއްގެ ވެސް ދުވަސް ހިނގާ ދިޔަ ގޮތާއި ކުރިއަށް އޮތް ދުވަހުގައި ހުރި މުހިންމު ކަންކަމާއި ބެހޭގޮތުން ވާހަކަ ދައްކާލެވިދާނެ އެވެ. އެގޮތުން އެ ދުވަހުގައި ކުރިމަތިވި ކަންކަމާއި މައްސަލަތައް އަޑު އަހާލާ އެކަންކަމަށް ހިޔާލު ދެވިދާނެ އެވެ. މީގެ އިތުރުން އަމިއްލަ ހަޔާތުގެ ބައެއް ވާހަކަތައް ހިއްސާކޮށްލަން ވެސް މިއީ ރަނގަޅު ފުރުސަތެކެވެ.
ނިންމުން
ދިރުއުޅުމުގައި ބޭނުންވާ ކޮންމެ ކަމެއް ވެސް ހާސިލްކުރުމަށް، އެކަމަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހަމަ އެފަދައިން އާއިލާ އާއި އޮތް ގުޅުން އިތުރަހަށް ބަދަހިކޮށް ވަގުތު ހޭދަކުރަން ބޭނުން ނަމަ އާއިލާ މެންބަރުންނާއި އަނބި ދަރިންނަކީ މުހިންމު ބައެއްކަން ދަނެ އެމީހުންނަށް ދެވޭނެ ވަގުތައް ހޯދަން ޖެހެ އެވެ.
އެންމެ ފަހު ކަމަކަށް ފާހަގަކޮށްލާނީ އެންމެ ބިޒީ މީހާއަށް ވެސް ކޮށްލެވޭނެ ވަރުގެ ކަމެކެވެ. ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން 15 މިނެޓް އާއިލާއަށް ހުސްކޮށްލާށެވެ. ހުސްކޮށްލުން މި މާނަ ކުރަނީ އިތުރު އެއްވެސް ހަރަކާތެއް ނެތި، ފުރިހަމަ ސަމާލުކަން ދީ، ވާހަކަދައްކާ ސުވާލުކޮށް ކަންކަން އޮޅުންފިލިވުމަށެވެ.
އާއިލާއަށް ވަގުތުދިނުމަކީ ބޮޑެތި ޕިކްނިކްތަކަށް ދިޔުމާއި ބޮޑެތި ކެއުންތައް ކެއުން އެކަންޏެއް ނޫނެވެ. ފަނަރަ މިނެޓަކީ ކުޑަ ވަގުތުކޮޅެއްގައި ފެނިދާނެ އެވެ. ނަމަވެސް ކުޑަ ހިސާބެއް ޖަހާލަމާހެއްޔެވެ. ދުވާލަކި 15 މިނެޓް ދޭ ނަމަ ހަފުތާއެއްތެރޭ އާއިލާއަށް އެދެވެނީ 1 ގަޑިއިރާ 45 މިނެޓެވެ. މަހަކު އެދެވެނީ 7 ގަޑިއިރާ 45 މިނެޓެވެ. އަހަރެއްގެ މައްޗަށް 91 ގަޑި އިރާ 15 މިނެޓެވެ. އެހެންކަމުން ބިޒީކަމުން 0 މިނެޓު ދިނުމަށް ވުރެ ދުވާލަކު އެންމެ 15 މިނެޓު ވެސް ރަނގަޅެއް ނޫންހެއްޔެވެ؟









