އެސްޓީއޯގައި ހުސައިން އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ދާދި ދެންމެ ނިންމައިފި އެވެ.
އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރަމުންދާ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކި ކުރުމަށް ރައީސް އޮފީހުުން ޕީސީބީއަށް ފޮނުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ އެ މަގާމުތަކަށް ޕީސީބީން އައްޔަންކުރީ ނޮވެމްބަރު 18، 2018 ގަ އެވެ.
އަމްރު މަގާމުން ވަކިކޮށް މެނޭޖިން ޑިރެކްޓަރު އައްޔަން ކުރެވެން ދެން އެސްޓީއޯގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރަން ޕީސީބީން ނިންމާފައިވަނީ އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމުއާ އެވެ.

މުހައްމަދު ނިޒާމް

އެސްޓީއޯގައި އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ނިންމިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާދަކުރެއްވި ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވި ނަމަވެސް ނަޝީދާއި އެމަނިކުފާނުގެ ޓީމު ރައީސް ސޯލިހަށް ތާއީދުކުރަން ނުނިންމަ އެވެ. އޭގެ ބަދަލުގައި ގެންދަވަނީ ''ފިކުރެއްގެ ދިރުން'' ނަމުގައި ވަކި ފެކްޝަނެއް އުފައްދައިގެން މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން, ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާއި ''ފިކުރެއްގެ ދިރުން'' ގުޅިގެން މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި، އެ މަޝްވަރާއަށް ޖޭޕީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނަޝީދު ފޮނުވި އެއް މަންދޫބަކީ ވެސް އަމްރެވެ.
އަމްރުއަކީ އެމްޑީޕީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ވެސް ފުރުއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭގެ އިތުރުން، އެމްޑީޕީގެ ޕޮލިސިީ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގައި ވެސް އޭނާ އިންނަވަ އެވެ.
އެސްޓީއީގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ނިޒާމު، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައި ވަނީ 2021 ވަނަ އަހަރު މާޗު މަހު އެވެ.












