ކުންފުނީގެ ބޮޑު ޕްރޮޖެކްޓެއް ހިންގަން ނަމަވެސް، އަމިއްލަ ކޮޓަރި ރީތިކޮށްލަން ނަމަވެސް، "ކްރިއޭޓިވިޓީ" އަކީ ކޮންމެ ދާއިރާއަކަށް ވެސް އޭގެ ސަބަބުން އިތުރު ކުރިއެރުންތައް ލިއްބައިދޭ ކަމެކެވެ. އަދި މިއިން ކޮންމެ ކަމެއް ކުރާ އިރުވެސް ކްރިއޭޓިވް ވުމަށް ބޭނުންކުރާ އޮނިގަނޑެއް ނުވަތަ "ކްރިއޭޓިވް ޕްރޮސެސް" އެއްގެ ތެރެއިން ކަންކަން ހިނގަ އެވެ.
މި އޮނިގަނޑު ފަހުމުވުމަކީ އޭގެ ސަބަބުން ކޮންމެ މީހަކަށް ވެސް އެތައް ފައިދާއެއް ކުރާނެ ކަމެކެވެ. މަސައްކަތުގެ މާހައުލުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައިވެސް މެ އެވެ. ހަޔާތުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ކްރިއޭޓިވް ވިސްނުމަކުން ވިސްނާލައިފިނަމަ މޮޅު ހައްލުތަކެއް ހޯދޭނެ ކަންތައްތަކެވެ.
އަހަރުމެން ތަރުބިއްޔަތުކުރުމުގައި މިފަދައިން ވިސްނާ މީހުންނަށް އެފަދަ ވިސްނުން ލިބިފައިވަނީ ގުދުރަތުން ކަމަށް ވަނީ ގަބޫލުކޮށްދީފަ އެވެ. ނަމަވެސް، މި ތަހުޒީބުވެފައިވާ ޒަމާނުގައި ކޮށި ވިސްނުމުން އަރައިގެނެ ކުރިއަރަމުންދާ އެތައް ބައެއް، ދަނީ މި ވާހަކަތަކަށް ގޮންޖަހަމުންނެވެ. އަދި މިއީ ކޮންމެ މީހަކަށް ވެސް ދަސްކުރެވޭނެ ހުނަރެއް ކަން އެމީހުން ދަނީ ސާބިތުކޮށްދެމުންނެވެ.
އެގޮތުން މިއަދު މި ހިއްސާކޮށްލަނީ މިފަދައިން ކަންކަމާއި މެދު ވިސްނާ ފިކުރުކޮށް ކްރިއޭޓިވިޓީ އިތުރުކުރަމަށް އެޅިދާނެ ފަސް ފިޔަވަޅެކެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ކްރިއޭޓިވިޓީއަކީ، ފުއްޕާ ހަމެއްގައި ތިނޯހެއް ޖައްސާލުމުން، އެ އެޅޭ ލޯވަޅުތެރެއިން، ހަމުގެ ތެރޭ ހަރުލާފަ ހުރި ވައިތައް ކުއްލިއަކަށް ދެމިގަނެ ނުކުންނަ ފަދައިން، ސިކުނޑިން ނިކުންނާނެ އެއްޗެއް ނޫންކަމެވެ. މިއީ ކޮންމެސް ވަރެއްގެ ހިތްވަރެއްލާ މަސައްކަތްތަކެއް ކޮށްގެން ވިސްނުމުގައި އަށަގަންނަވަން ޖެހޭ އާދައެކެވެ.
ނަމަވެސް މި ފަސް މަރުހަލާއަކީ އެ އާދަ ސިކުނޑީގައި އަށަގެންނެވުމަށް އެޅޭ ފިޔަވަޅުތަކެކެވެ. މަރުހަލާތަކަށް ޖެހިލުމުގެ ކުރިން ކުޑަ ވާހަކައެއް ހިއްސާކޮށްލާނަމެވެ.

ކްރިއޭޓިވް ހައްލަކަށް ބޭނުންވެފަ
ނޫސް މަޖައްލާތަކާއި ޕްރިންޓަރުތަކަށް 1870ގެ އަހަރުތަކުގައި ވަރަށް ބޮޑު މައްސަލައެއް ދިމާވި އެވެ. މިއީ ފޮޓޯގްރަފީ ތައާރަފުވެ ފޮޓޯތަކަށް ހާއްސަ ޝައުގުވެރިކަމެއް މީހުން ދެމުން ދިޔަ ދުވަސް ވަރެވެ. އެގޮތުން ނޫސް މަޖައްލާ ތަކުގައި ފޮޓޯތައް ގިނަކުރުމަށް އެތައް ބަޔަކު އެދެމުން ދިޔައެވެ. ނަމަވެސް ފޮޓޯ ޕްރިންޓުކުރުމަކީ ހަރަދު ބޮޑު ގިނަ ވަގުތުތަކެއްދާ ކަމެއް ކަމަށް ވުމުން މިކަމާއި ކުރިމަތިލާނެ ރަނގަޅު ހައްލަކަށް މަޖައްލާތަކުން ތިބީ ފެންބޮވައިގަނެފަ އެވެ. އޭރު މިކަން ކުރަމުން އައި ގޮތުން ކޮންމެ ފޮޓޯއަކަށް ވެސް އެތައް ދެއްޔެއް ހަރަދުވެ އެވެ. އަދި ފޮޓޯގެ "ތަަތްގަނޑު" ޖަހަން ވަކި މީހަކާއި ހަވާލުކޮށް ކޮންމެ ފޮޓޯއެއް މިގޮތަށް ޖަހަން އެތައް ވަގުތެއް ދެ އެވެ.
މިކަމަށް ހައްލު ހޯދައިދިނީ ފްރެޑްރިކް ޔޫޖީން އައިވްސް ނަމަކަށް ކިޔާ މީހެކެވެ. އައިވްސް އޭނާގެ މަސައްކަތުގެ ހަޔާތް ފެށީ ޕްރިންޓް ކުންފުންޏެއްގެ އެޕްރެންޓިސްއެއްގެ ގޮތުގަ، އެމެރިކާގެ ނިއު ޔޯކް ސިޓީގަ އެވެ. އެ ކުންފުނީގައި ދެ އަހަރުވީ އިރު އައިވްސް އަށް ވަނީ ޕްރިންޓިން ޕްރޮސެސް އެއްފުށުން އަނެއް ފުށަށް ދަސްވެފަ އެވެ. އެހިސާބުން ޔުނިވާސިޓީއެއްގެ ފޮޓޯގްރާފިކް ލެބޯޓެރީ މެނޭޖްކުރުމާއި ހަވާލުވި އެވެ.
އެއަށްފަހު އައިވްސް ވަގުތުތައް ހޭދަކުރަމުން ދިޔައީ ފޮޓޯގްރަފީގެ އައު ޓެކްނީކްސްގެ އިތުރުން ކެމެރާއާއި ޕްރިންޓަރު ފަދަ އިކުއިޕްމެންޓް އިތުރަށް ދަސްކޮށް އެކްސްޕެރިމެންޓްކުރުމުގަ އެވެ.
ނޫސް މަޖައްލާތަކަށް ދިމާވެފައިވާ މައްސަލައަށް އައިވްސްގެ ސަމާލުކަން އައީ މި ދުވަސްވަރު އެވެ. އެގޮތުން 1881 ގައި އޭނާގެ ސިކުނޑީގައި ބޮތްކެއް ދިއްލި މައްސަލައަށް ހައްލެއް ފެނުނެވެ. އައިވްސް ބުނިގޮތުގައި އެއްރެއަކު އޭނާގެ "ފޮޓޯސްޓެރިއޯޓައިޕް ޕްރޮސެސް" އޮޕަރޭޓްކުރަމުން "ހާފްޓޯން" ފޮޓޯތައް ހެދުމަށް އޭނާ މަސައްކަތްކުރަމުން ދިޔަ އެވެ. އޭނާގެ މަސައްކަތަށް އެދެވޭ ނަތީޖާއެއް ނުލިބި "ދުން ބޯވެފައިވާ" ސިކުނޑި އަކާއެކު އޭނާ ނިދި އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ހޭލެވުމާއެކު އޭނާއަށް މައްސަލައިގެ ހައްލު ކުއްލިއަކަށް އެނގިއްޖެ އެވެ. އައިވްސް ބުނި ގޮތުގައި ލޯ ހުޅުވާލި އިރު ސީލިންގައި ޖަވާބު ލިޔެފިފައިވީ ފަދަ އެވެ.
އޭނާގެ ތަސައްވަރު ހަގީގަތަކަށް ހަދައި ހަމަ އެ އަހަރު "ހާފް ޓޯން ޕްރޮސެސިން" އޭނާ ޕެޓެންޓް ކުރި އެވެ. އަދި ކުރިއަށް އޮތް ދުވަސްތައް މި ޕްރޮސެސް އިތުރަށް ރަނގަޅުކުރުމުގައި ހޭދަކުރި އެވެ. ހަތަރު އަހަރު ފަހުން އޭނާ ވަނީ މި ޕްރޮސެސް ފަސޭހައިން ބޭނުންކުރެވޭނެ އަދި ކުރިއަށް ވުރެ ފުރިހަމަ ނަތީޖާއެއް ނެރެވޭނެ ގޮތްތައް ހޯދައިފަ އެވެ.

އައިވްސް ޕްރޮސެސްގައި މުޅި ފޮޓޯއަށް ދެލި ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަނީ މަންޒަރު ސާފުކޮށްދޭ ވަރުގެ ކުދި ތިކިތަކެއް
ނަތީޖާއަކަށްވީ ނޫސްތަކުގައި ފޮޓޯ ޖެހުމަށް "އައިވްސް ޕްރޮސެސް" ބޭނުންކުރަން ފެށުމެވެ. މިކަމުގެ ސަބަބުން ފޮޓޯ ޖަހަން ދާ ހޭދަ 15 ގުނަ ދަށަށް ދިޔަ އެވެ. ގާތްގަނޑަށް 80 އަހަރުވަންދެން ނޫސްތަކުގެ ފޮޓޯ ޖެހުމުގެ ސްޓޭންޑާޑަކަށް އައިވްސްގެ މަސައްކަތް ވި އެވެ. ނަމަވެސް މިކަމާއި ކްރިއޭޓިވިޓީ އާއި ނުވަތަ ކްރިއޭޓިވިޓީގެ މަރުހަލާތަކާއި އޮތީ ކޮން ގުޅުމެއްހޭ ކިޔުންތެރިން ސުވާލުކޮށްފާނެ އެވެ. ގުޅުމަށް ބަލާލުމުގެ ކުރިން މަރުހަލާތަކަށް ބަލާލަމާހެއްޔެވެ.
ކްރިއޭޓިވް ޕްރޮސެސްގެ 5 މަރުހަލާ
ޖޭމްސް ވެބް ޔަންގް ނަމަކަށް ކިޔާ އެޑްވަޓައިޒިން އެގްޒެކިޓިވްއެއް 1940 ގައި ވަނީ ހިޔާލު ނުވަތަ "އައިޑިއާ" އުފައްދާނެ ގޮތާއި ބެހޭ ގޮތުން ލިޔުމެއް ޝާއިއުކޮށްފަ އެވެ. މި ލިޔުމުގައި ވަނީ ކްރިއޭޓިވް ހިޔާލުތައް އުފެއްދުމާއި ބެހޭގޮތުން ވަރަށް މުހިންމު ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. ޔަންގް ބުނެފައިވާ ގޮތުން ކްރިއޭޓިވް ހިޔާލުތައް އުފެދެނީ ކުރިން ލިބިފައިވާ މައުލޫމާތުތައް އައު ގޮތްތަކަކަށް އެއްކޮށްލުމުންނެވެ.
އެހެން ގޮތަކަށް ބުނާނަނަމަ، ކްރިއޭޓިވް ވިސްނުމަކީ އަހަރުން ހުސް ގަނޑެއްގައި ކުރަހާ ތަސްވީރެއް ނޫނެކެވެ. އޭގެ ބަދަލުގައި މިވަގުތު ލިބިފައި ހުރި މައުލޫމާތުތައް ނުވަތަ އެ މައުލޫމާތުތަކުގެ ބައިތަކާއި އެތިއެތި ކޮޅު ކުރިން އެއްކުރެވިފައި ނުވާ ގޮތަކަށް އެއްކުރުމެވެ. މިކަމަށް އެންމެ މުހިންމު ވަނީ އެއް މައުލޫމާތާއި އަނެއް މައުލޫމާތި ދެމެދު ވާއި ގުޅުންތައް ސާފުކޮށް ފެނުމެވެ. ކުރީގެ ހިޔާލުތައް އައު ގޮތަކަށް ގުޅުވޭނެ ގޮތެއް ހޯދިއްޖެ ނަމަ އެއޮތީ ކްރިއޭޓިވް ވެވިފަ އެވެ.
ޔަންގް ބުނެފައިވާ ގޮތުގައި މިގޮތަށް މައުލޫމާތު ގުޅުވާއިރު ފަސް މަރުހަލާއެއް ހިމެނެ އެވެ. އެއީ؛
މައުލޫމާތުތައް ދަސްކުރުން. މި މަރުހަލާގައި ސަމާލުކަންދޭނީ ހައްލުކުރަން ބޭނުންވާ ކަމާއި ނުވަތަ ޓާސްކާއި ސީދާ ގުޅުން ހުރި މައުލޫމާތު އަދި އެކި މި ނޫނަސް އެކި ޝައުގުވެރިކަން އުފެދޭ އެކި ކަންކަމާއި ގުޅޭ އާންމު މައުލޫމާތެވެ.
- މައުލޫމާތުތަކަށް އައު ކަޅިއެއް. މި މަރުހަލާގައި ދަސްކުރި މައުލޫމާތުތަކަށް އެހެން ނަޒަރަކުން ބަލާލުމަށް މަސައްކަތްކުރާށެވެ. އެގޮތުން މައުލޫމާތާއި ގުޅޭ ކަންކަމާއި ހާލަތުބަދަލުކޮށް އެއް މައުލޫމާތު އަނެއް މައުލޫމާތާއި ގުޅުވޭނެ ގޮތްތައް ދެނެގަންނަން މަސައްކަތް ކުރާށެވެ.
- މައްސަލައިން ދުރުވެލުން. އިސްވެ ދިޔަ ދެ މަރުހަލާއަށް ފަހު މި މަސައްކަތުން ދުރައްޖެހިލާށެވެ. އަދި ސިކުނޑި އާއި ހިޔާލުން މިކަން ދޫކޮށްލާ ޝައުގުވެރިވާ އެހެން ކަމަކަށް ސިކުނޑީ ހުސްކޮށްލާށެވެ.
- ހިޔާލެއް އައުން. ކުރިން ބުނިހެން ސިކުނޑިން މައްސަލާއި ގުޅޭ ހުރިހާ ހިޔާލެއް ސާފުކޮށްލުމަށް ފަހު ކޮންމެސް ހިސާބަކުން، ތިބާގެ އަމިއްލަ ވިސްނުމުގެ މާ ބޮޑު ބާރެއް ނެތި ކޮންމެސް ކަހަލަ ހައްލެއް ނުވަތަ ހިޔާލުތަކެއް ސިކުނޑީގައި ދައުރުވާން ފަށާނެ އެވެ.
- އިތުރަށް ފުރިހަމަކުރުން. ކޮންމެ ހިޔާލެއް ވެސް އޭގެ ޒާތުގައި އެންމެ ފުރިހަމަ ނުވެދާނެ އެވެ. ނަމަވެސް ސިކުނޑީގައި ބޮތްކެއް ދިއްލޭ ފަދައިން އަންނަ މިކަހަލަ ހިޔާލުތަކަކީ އަހަރުން ބޭނުންވާ ހައްލުގެ މަގު ޗާޓެވެ. އެހެން ކަމުން މި ހިޔާލު ސިކުނޑިން ބޭރަށް ނެރެ އޭތި ކޮށާ މަށާ އޮފް އެރުވުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
އައިވްސްގެ ވާހަކައިގެ ކްރިއޭޓިވް ޕްރޮސެސް
އައިވްސްގެ ވާހަކައިން އަހަރުންނަށް ވަރަށް ސާފުކޮށް ކްރިއޭޓިވް ޕްރޮސެސް މަސައްކަތްކުރާ ގޮތް ފެނެ އެވެ. އެގޮތުން އައިވްސް ފުރަތަމަ މައުލޫމާތު ދަސްކުރީ އެވެ. ޕްރިންޓިން ކުންފުންޏެއްގައި މަސައްކަތްކުރުމަށް ފަހު ފޮޓޯގްރަފީ ލެބެއްގައި މަސައްކަތްކުރުމުން މި ދެ ދާއިރާއިން ވެސް އެކަށިގެންވާ ވަރަށް އިލްމު އޭނާއަށް ލިބުނެވެ.
އެއަށް ފަހު އޭނާ ކުރި މަސައްކަތަކީ މި ދެ ދާއިރާގެ މައުލޫމާތު ބޭނުންކޮށްގެން ކުރެވޭނެ ކަންކަން ބެލީއެވެ. އެގޮތުން 1878 ވީ އިރު އޭނާގެ ހުރިހާ ވަގުތެއް ހޭދާކުރަމުން ދިޔައީ އެކި ޓްކްނީކްތައް ބަލާ އައު ގޮތްތައް އެކްސްޕެރިމެންޓް ކުރުމުގަ އެވެ.
މިމައްސަކަތުގެ ތެރެއިން އެއް ރޭ އޭނާ މަސައްކަތާއި ދުރުވެ ނިދާލި ހިނދު އޭނާގެ ސިކުނޑި ހުސް ވެގެން ދިޔަ އެވެ. މައްސަލާ ގުޅޭ އެއްވެސް ހިޔާލެއް ނެތި ސިކުނޑި އޭގެ ޒިންމާ އަދާކުރަމުން ދިޔަ އެވެ.
އެހާ ހިސާބުން ހަތަރު ވަނަ މަރުހަލާ އޭނާ އާއި ބައްދަލުކުރި އެވެ. ނިދާ ހޭލުމާއި އެކު ކްރިއޭޓިވް ހިޔާލެއް އައެވެ. އެއާ އެކު އޭނާ ވަގުތު ހޭދަކުރީ ފަސް ވަނަ މަރުހަލާ ކަމަށްވާ އިތުރަށް ހިޔާލު ފުރިހަމަކުރުމުގަ އެވެ. އެންމެ ފުރަތަމަ އަންނަ ހިޔާލަށް އޭގެ ޒާތުގައި ހިތް ޖެހުމަކީ ވެދާނެކަމެކެވެ. ނަމަވެސް ކޮންމެ ކަމަކީވެސް އިތުރަށް ފުރިހަމަ ކުރެވޭނެ އެއްޗެއް ގޮތުގައި ދެކި އެކަމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކުރުކޮށް ފޮނިކޮށް
ކުރުކޮށް ފޮނިކޮށް ބުނާނަމަ ކްރިއޭޓިވިޓީ އަކީ ކުރީގެ ހިޔާލުތައް ނުވަތަ މައުލޫމާތުތައް އައު ގޮތަކަށް ގުޅުވާލުމެވެ. އެހެން ކަމުން މިއީ އެއް ހިޔާލާއި އަނެއް ހިޔާލާއި ދެމެދު އޮންނަ ގުޅުން ބަދަލުކުރުމޭވެސް ބުނެވިދާނެ އެވެ.
ކްރިއޭޓިވިޓި ބޭނުންވާ ހިނދު މިކަން ހާސިލް ކުރެވޭނެ އެއް ގޮތަކީ 1. މައުލޫމާތުތައް އެއްކޮށް، ދަސްކުރުމަށް ފަހު، 2. އައު ނަޒަރަކުން މި މައުލޫމާތުތަކަށް ބަލައި ގުޅުވުމަށް މަސައްކަތް ކުރުމެވެ. އަދި އެއަށް ފަހު، 3. މިކަމާއި ގުޅުން ހުރި ކަންކަމުން ދުރަށް ޖެހިލާ އެހެން ކަމެއްގައި ވަގުތުކޮޅެއް ޝާމިލުވެލުމެވެ. މިގޮތަށް އުޅޭ އުޅުމުގައި، 4. އައު ހިޔާލެއް ހެދި ބޮޑުވެގެން އަންނަތަން ފެންނާނެ އެވެ. އަދި އެ ހިޔާލު އައުމުން، 5. އިތުރަށް މި ހިޔާލު ފުރާ ފުރިހަމަ ކުރުމުގެ މަސައްކަތް ފަށަންވީ އެވެ.
ނޯޓް: މި މައުލޫމާތުތައް ނަގާފައިވަނީ jamesclear.com އިން









