ރުޅިއަކީ އަހަރުމެންނަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގޮތުން ތަދު ތަހައްމަލުވާކަންކަމަށް، ސިކުނޑި ކުރިމަތިލާ ގުދުރަތީ އެއްގޮތެވެ. މިގޮތުން އަހަރެމެންނަށް ބާކީކޮށްލުމުގެ އިހްސާސްވެއްޖެ ނަމަ ނުވަތަ ގެއްލުމެއް ދޭން އުޅޭ ކަމުގެ އިހްސާސެއް ވެއްޖެނަމަ ރުޅި އައިސްދާނެ އެވެ. މި ނޫނަސް ކުރަން ބޭނުންނުވާ ނޭދެވޭ އެތައް އިހްސާސެއް ކުރެވުމުން ރުޅި އާދެ އެވެ.
ހަމައެޔާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ތަދުން އެކަނި ވެސް ރުޅި ނާންނާނެ ކަމެވެ. ރުޅި އުފެދެނީ ތަދާއި ގުޅުވައިގެން އަންނަ ހިޔާލުތަކުގެ ތެރެއިން ހިޔާލެއް އެ ރުޅި "ޓްރިގާ" ކުރުމުންނެވެ. މިގޮތުން ބައެއް ފަހަރު މީހުން ބުނާ އެއްޗެހިން ނުވަތަ ކުރާ ކަންކަމުން، އެމީހާ އެއުޅެނީ ތިމަންނާ އަށް ގެއްލުމެއް ދޭންށޭ ހީވެ އަންނަ ހިޔާލާ އެކީ، "ސެލްފް ޑިފެންސް މެކޭނިޒެމް" އެއްގެ ގޮތުގައި ރުޅި އާދެ އެވެ.
މި ނަޒަރިއްޔާތުން ބަލާލާއިރު ރުޅި އަކީ އިޖްތިމާއީ އިހްސާސެކެވެ. އަބަދުވެސް ރުޅި އަމާޒުވާ ކޮންމެވެސް ފަރާތެއް ވާނެ އެވެ. އެއީ ބަދު ބަހެއް ބުނި މީހަކަށް ނުވަތަ ޖިސްމާނީ އަނިޔާއެއް ދިން މީހަކަށް ނުވަތަ ބައެއް ފަހަރު އަމިއްލަ ނަފުސަށް ވެސް ވެދާނެ އެވެ. މިގޮތުން އެ އިހްސާސްވާ ތަދާއި، ނޭދެވޭ ހިޔާލާއި، އަމާޒުވާ ފަރާތް ގުޅި، ރުޅި އުފެދުމުގެ ސަބަބުން، ރުޅި މަތީ ކޮންމެވެސް ކަމެއް ކުރަން ބާރުލިބެ އެވެ. މިފަދަ ހާލަތްތަކުގައި އާންމުކޮށް ކުރަން ބޭނުންވާ ކަމަކަށް ވާނީ ރުޅި އަމާޒުވާ ފަރާތަށް، ގެއްލުމެއް ދިނުމެވެ. އެގޮތުން ރައްދުގައި ބަސް ބުނުން ނުވަތަ ޖިސްމާނީ ގޮތުން ކުރިމަތިލުމުގެ އިތުރުން އެމީހެއްގެ އަގު ވައްޓާލުމަށް ރުޅި އައިސްފައި ހުންނަ ވަގުތުގައި މަސައްކަތްކޮށްފާނެ އެވެ.
ކުރިން ފާހަގަކޮށްލި ފަދައިން ރުޅި އަންނަނީ އެހެން އިހްސާސަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު އެފަދަ ނޭދެވޭ އިހްސާސް ފޮރުވުމަށް ނުވަތަ އިހްސާސްނުކުރުމަށް ރުޅި ބޭނުންކުރެވެ އެވެ. މިގޮތުން އެހެން މީހަކު ބުނި އެއްޗަކުން ދެރަވުމުން، ދެރަ އިހްސާސްކުރަން ބޭނުންނުވާތީ ރުޅިން އެ އިހްސާސް ފަރުދާ ކުރެވެ އެވެ. މި ބަދަލު އަންނަނީ ބައެއް ފަހަރު އަހަރުމެންނަށް އެނގިގެން އަދި ބައެއް ފަހަރު ނޭނގި އެވެ. ނަމަވެސް ކޮންމެ ހާލަތެއްގައިވެސް އިސްވެ އަންނަ އިހްސާސުގެ ބަދަލުގައި ރުޅި އިހްސާސްކުރާ މައިގަނޑު އެއް ސަބަބަކީ، ރުޅި އައުމުން އަހަރުމެންގެ ނަފްސަށް ބާރު ލިބި "ކޮންޓްރޯލެއް" ލިބޭ ކަމުގެ އިހްސާސް ވާތީ އެވެ. އެކަމު ހަގީގަތަކީ ރުޅި އަންނަ ވަރަކަށް އަހަރުމެންގެ ބުއްދީގެ ހަމަވިސްނުމުގެ ނުވަތަ "ލޮޖިކަލް ތިންކިން"ގެ ބާރު ކުޑަވެ ނަފުސުގެ ކޮންޓްރޯލް ގެއްލޭ ކަމެވެ.
ރުޅިން ލިބޭ ފައިދާ
ތިލަ ވިސްނުމަކުން ވިސްނާލައިފި ނަމަ ރުޅިން ލިބޭ ވަގުތީ ދެތިން ފައިދާއެއް ފެނިދާނެ އެވެ. އަހަރުމެންގެ ތަދު ތަހައްމަލު ކުރުމަށް ވުރެ ރުޅީގެ އިހްސާސްކުރަން ފަސޭހަ އެވެ. އެހެން މީހެއްގެ ބާރުދަށަށް ދިޔުމަށް ވުރެ ރުޅިން ލިބޭ އަމިއްލަ ބާރު މާ ރަނގަޅެވެ. މީގެ އިތުރުން ރުޅި އަކީ ނަފުސު ތަރައްގީ ކުރުމަށް "މޯޓިވޭޝަން" އެއްގެ ގޮތުގައި ބޭނުންކުރާ އެތައް ބަޔަކުވެސް އުޅެ އެވެ.

ނަމަވެސް މިއިން ކޮންމެ ހާލަތެއްގައި ވެސް ރުޅިން ފޯރުކޮށްދެނީ ވަގުތީ ހައްލެކެވެ. ތަދު އިހްސާސްކުރުމުގެ ބަދަލުގައި ރުޅި އިސްކުރާ ކޮންމެ ފަހަރަކު އެ ހިޔާރުކުރެވެނީ އަހަރުމެންގެ ހާލަތުން އަރައިގަތުމުގެ ބަދަލުގައި އެކަން ހަނދާނުން ވަގުތީ ގޮތުން ފުހެލުމުވެ. ދުވަސްވާރަކަށް އެ ތަދުގެ އިހްސާސް އިތުރަށް ބޮޑުވެ ފެންމަތިވާނެ އެވެ. މީގެ އިތުރުން ރުޅި އަކީ "މޯޓިވޭޝަނަކަށް" ހެދުމުން އަހަރުމެންގެ ނަފުސުގެ ބާރު ގެއްލި އެހެން މީހުން ދެކޭ ގޮތަށް މާބޮޑަށް ސަމާލުކަން ދެވެ އެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް ކަމުދާ މީހަކަށްވާން ބޭނުންވެ، އެ މަގްސަދު ހާސިލްނުވުމުން މީހާއަށް ނަފްސާނީ ގޮތުން ދަތިތަކާ ކުރިމަތިވެ އެވެ.
ރުޅި ގަދަ މީހުން
މީހުން ތަފާތުވާ މައިގަނޑު އެއްގޮތަކީ އެކަކު އަނެކަކާ ދިމާވާ ކަންކަމާއި ކުރިމަތިލާ ގޮތް ނުވަތަ ރިއެކްޓްކުރާ ގޮތް ތަފާތުވުމެވެ. މިހެން ރިއެކްޓް ކުރާ ކުރުން ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި ކުޑައިރުގެ ހަޔާތާއި، މާޒީގެ އިތުރުން އެވަގުތެއްގެ ހާލަތަށެވެ. އެކި މީހުންނަށް އެކި އިހްސާސްތާކާއި ކުރިމަތިލާނެ ގޮތް ކިޔައިދީފަ ނުވަތަ ދަސްވެފައިވަނީ އެކި ގޮތްގޮތަށެވެ.
އެފަދައިން ރުޅީގެ އިހްސާސާ އަހަރުމެން ކުރިމަތިލާ ގޮތް މައިގަނޑު ގޮތެއްގަ ބިނާވެފައިވަނީ ކުޑައިރު ދަސްކުރެވުނު ގޮތްތަކުގެ މައްޗަށެވެ. ކުޑައިރު ރުޅިއައުމުން ނުވަތަ ރުޅި އާއި މެދު އެކި މީހުން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ބައެއް މީހުންނަށް މިއީ ކޮންޓްރޯލް ކުރަން ދަތި އެއްޗަކަށްވެ އެވެ. މިގޮތުން ބައެއް އާއިލާތަކުގައި މަންމައާއި ބައްޕަގެ އިތުރުން އާއިލާ މެންބަރުން ގަދަޔަށް ރުޅި އަންނަ މަންޒަރު ފެނިފައިވާ ކުދިންނަށް ރުޅި އައުމަކީ މައްސަލައެއް ނޫން ކަމަށް ގަބޫލުކުރެވިދާނެ އެވެ. ނުވަތަ ރުޅި އައުމުން ތިމަންނަގެ ވެސް ކޮންޓްރޯލް ގެއްލިދާނެކަމަށް ހީވެ އެކަމާމެދު ބިރު އުފެދިދާނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ކުދިން ލައްވާ ކަމެއް ކުރުވުމުގެ ބޭނުމުގައި މައިންބަފައިން ރުޅި އަންނަ ނަމަ، ތިމަންނަވެސް ބޭނުންވާ ކަންކަން ހާސިލްކުރަން ރުޅި އަންނަން ޖެހޭނެ ކަމަށް ގަބޫލުކުރެވިދާނެ އެވެ.
މީގެ އިތުރުން ރުޅިއައުމަކީ ނުވަތަ ރުޅިއަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ގޮތުގައި ކުދިންނަށް ސިފަކޮށްދީފި ނަމަ ރުޅި އައުމުން އަމަލުކުރަންވީ ދުޅަހެޔޮގޮތްތަކެއް ކުދިންނަކަށް ނޭނގޭނެ އެވެ. އެހެން ކަމުން ރުޅި އައުމުން "ރުޅި ފިއްތަން" މަސައްކަތަކުރެ އެވެ. ނަތީޖާއަކަށް ވަނީ މިހެން ރުޅި ފިއްތާ ފިއްތާ ވަރުބަލިވެ ވަކި ހިސާބަކުން "ރުޅިގަނޑު ފަޅައިގެން" ދިޔުމެވެ. މި ރުޅި އެހެން ބައެއްގެ އިތުރުން އަމިއްލަ ނަފްސަށް ވެސް އަމާޒުވެދާނެ އެވެ.

"ރުޅި އަންނަ ވަރު ވެއްޖެ"
ރުޅި އަންނަ ކޮންމެ މީހެއް ވެސް އާންމު ގޮތެއްގައި ގަބޫލުކުރަނީ އޭނާ ރުޅި އައީ "އަންނަން ޖެހިގެން" ކަމަށެވެ. މާނައަކީ އެވަގުތު ބައްދަލުކުރި ހާލަތާއި ކުރިމަތިލުމަށް އެންމެ އެކަށީގެންވާ އިހްސާސަކީ ރުޅިކަމަށް ގަބޫލުކުރުމެވެ. ނަމަވެސް މިފަދަ ހާލަތެއްގައި އެތަނުގައި ތިބޭ އިތުރު މީހުންގެ ހިޔާލު މިކަމުގައި ތަފާތުވެދާނެ އެވެ.
މިކަމުގެ ސަބަބުން ވެސް ނިކުންނަނީ އިތުރު މައްސަލަތަކެކެވެ. ފުރަތަމަ ރުޅި އައި މީހާ ރުޅި އައުމުން އެކަން ކަމުނުގޮސްގެން އެހެން މީހަކުވެސް ރުޅި އައިސްދާނެ އެވެ. މިގޮތަށް އެކަކުގެ ރުޅިން އަނެކަކު ރުޅި އައިސް، ވައިރަހެއްހެން ދައުރުވަމުން ގޮސްދާނެ އެވެ. މީގެ އިތުރުން ރުޅި އައި މީހާ ރުޅި މަތީ ހުރެ ކުރާ ކަމެއްގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެ މުޖުތަމައުތެރޭ އޭނާއަށް ކުރާ ގަދަރު ކުޑަވެގެން ވެސް ގޮސްދާނެ އެވެ. އަދި ބައެއް ހާލަތްތަކުގައި އިއާދަ ނުކުރެވޭ ފަދަ ގޮތަކަށް އަމިއްލަ ދިރިއުޅުމަށް ވެސް އޭގެ އަސަރުކޮށްފާނެ އެވެ.
ރުޅި މަތީ ހުރެ ގާނޫނީ ކުށެއް ކޮށްފި ނަމަ، އެ ރުޅި އަކީ "އަންނަން ޖެހިގެން" އައި ރުޅިއެއްތޯ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން އަދި ހުކުމް ކަނޑައަޅާ ގާޒީ އެއް ނުބަލާނެ އެވެ. މަސައްކަތުގެ މާހައުލުގައި ރުޅި އައިސްގެން ބޭއަދަބީ ކަމެއް ކޮށްފިނަމަ ވަޒީފާއިން ކަނޑާލުމުގެ ފުރުސަތު ބޮޑެވެ. ރުޅި އައިސްގެން އަނބިމީހާ ނުވަތަ ފިރިމީހާއަށް ދިމާލަށް ހުތުރު އެއްޗެއްހި ކިޔައިފި ނަމަ ކައިވެންޏަށް އޭގެ އަސަރުކުރެ އެވެ. އެހެންކަމުން "އަންނަން ޖެހިގެން" އަންނަ ރުޅި އަކީ އެވަގުތު އެންމެ ރަނގަޅު ގޮތަށް ފެނުނަސް ގިނަ ފަހަރަށް ފަހުން އޭގެން ލިބޭ ގެއްލުން މާބޮޑެވެ.
ރުޅި ކޮންޓްރޯލް ކުރާނީ ކިހިނެއް؟
ރުޅި އައުމުން އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވުމަކީ އާހިރުގައި އެއްވެސް މީހަކަށް އެކަމުން ފައިދާވާނެ ކަމެއް ނޫނެވެ. ތިމާ ހަގީގަތުގައި ކުރަން ބޭނުންނުވާ އެތައް ކަމެއް ކުރެވިދާނެ އެވެ. ތިމާ ލޯބިވާ މީހަކު ދެރަކޮށްލަން ބަހެއް ބުނެވިދާނެ އެވެ. މިކަންކަމާއި އާންމުކޮށް ވިސްނާލެވެނީ ވަގުތު ފާއިތުވެ ރުޅީގެ އިހްސާސް ހަށިގަނޑުން ފޭދިގެންދާ ފަހުންނެވެ. އެހެންކަމުން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.
ހަގީގަތަކީ ކިތަންމެ ހެޔޮ ވިސްނޭ މޮޅު މީހަކަސް ރުޅި އަކީ ބައެއް ހާލަތްތަކުގައި އަންނާނެ އެއްޗެއް ކަމެވެ. ތަފާތަކީ ރުޅި އާއި މެދު ގެންގުޅޭ ވިސްނުމާއި ރުޅި އައުމުން އަމަލުތައް ބަހައްޓާ ގޮތެވެ. މިގޮތުން ރުޅި އާއި ކުރުމަތިލުމަށް އަހަރުންނަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލަމާހެއްޔެވެ.
ރުޅި އަންނަ ކަންކަމާއި އަލާމާތްތައް ދެނެގަތުން
ރުޅީގެ ސަބަބުން އަހަރުމެންގެ "ފައިޓް އޯ ފްލައިޓް" ހޯމޯން "އެޑްރިނަލިން" ކުއްލިއަކަށް ހަށިގަނޑުގައި ފެތުރިގެންދެ އެވެ. އެހެން ކަމުން ރުޅީގެ އިހްސާސްކުރެވެން ފެށުމުގެ ކުރިން އެޑްރިނަލިންގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދެވިދާނެ އެވެ. މިގޮތުން ހިތުގެ ވިންދާއި ނޭވާލުން އަވަސްވުމާއި، ހަށިގަނޑު ފިތި ބާރުވުމާއި، ފައި ބިންމަތީގައި ތެޅިތެޅި ހުރުމުގެ އިތުރުން ދަތްދޮޅިއަށް ނުވަތަ އަތަށް އިތުރަށް ބާރުލެވުން ފަދަ ކަންކަން ވެ އެވެ.
މިފަދަ އަލާމާތްތައް ދެނެގަތުމުން ކަމެއް ކުރުމުގެ ކުރިން ރިއެކްޓްކުރާނެ ގޮތް ވިސްނާލުމަށް ފުރުސަތެއް ލިބެ އެވެ. ރުޅި އަންނަ ފަދަ ހާލަތެއްގައި މިއީ ދަތި ކަމަކަށްވެދާނެ އެވެ. ނަމަވެސް މިކަންކަން ދެނެގަތުމަށް މަސައްކަތްކުރާ ވަރަކަށް ރުޅި އައުމުގެ ކުރިން ނުވަތަ އައިސްފައި ހުންނަ ވަގުތުގަވެސް، ތިމާ ފަހުން ދެރަވާނެ ފަދަ ކަމެއް ނުކުރުމަށް މަގުފަހިވެ އެވެ.
ހާލަތާއި މެދު ވިސްނާލަން ވަގުތުކޮޅެއް ހޯދާލުން
ބައެއް ފަހަރު ރުޅި އައުމުން އެންމެ ރަނގަޅު ގޮތަކީ ރުޅި އައި ހާލަތުގައި އެ ހުރި ތަނުން ވަގުތުކޮޅަކަށް އެއްކިބާވެލުމެވެ. މިކަމުގެ ސަބަބުން ރުޅި އަމާޒުވާ ފަރާތްތައް ލޯ މަތިން ގެއްލި ސިކުނޑި އަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބި، ފުން ވިސްނުމަކުން އެކަމާއި މެދު ވިސްނާލަން ވަގުތުލިބެ އެވެ. އަދި އެންމެ ރަނގަޅު ގޮތެއް ނިންމާލުމަށް ފުރުސަތު ލިބެ އެވެ. މިގޮތަށް ވިސްނާލުމަށް ވަގުތުކޮޅެއް ނަފްސަށް ދިނުމަށް ކުރެވިދާނެ ތިން ކަމެއް ފާހަކޮށްލާނަ މެވެ.
- ރިއެކްޓްކުރުމުގެ ކުރިން 10 އަކާ ހަމަޔަށް ގުނާލުން
- މަގުމައްޗަށް ނިކުމެ ވަގުތުކޮޅަކު ހިނގާލުން (ހިނގާ ވަގުތުގައި އަހަރުމެންގެ ސިކުނޑި މިނިވަންވެ ފުން ވިސްނުންތަކަށް ދާން ފަސޭހަވޭ)
- ހާލަތާއި ގުޅުން ނެތް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއް ނުވަތަ އިތުބާރުކުރެވޭ ފަރާތަކާއި ވާހަކަދެއްކުން
ރުޅި މަޑުވާ ބައެއް ޓެކްނީކްސް
- ލަސްލަހުން ނޭވާލުން – އާންމުކޮށް ނޭވާލާ ވަރަށް ވުރެ ފުންކޮށް ނޭވާލާ ކޮންމެ ނޭވާޔަކަށް ވެސް ހާއްސަ ސަމާލުކަން ދިނުމުން ސިކުނޑި ތާޒާވެ އެވެ.
- ހަށިގަނޑު ފަސޭހަކޮށްލުން – ރުޅި އަންނަ ގަޑި ހަށިގަނޑު ފިތިބާރުވާ ކަހަލަ އިހްސާސެއް ކުރެވިދާނެ އެވެ. މިފަދަ އިހްސާސް ކުރެވޭ ތަންތަނަށް ދުލެއް ދީ ލުއި ކޮށްލުމަށް މަސައްކަތްކޮށްލާށެވެ.
- މައިންޑްފުލްނެސް – ނޭވާ އެކޭ އެއްގޮތަށް ވަގުތުކޮޅަކަށް އަހަރުމެންގެ ސަމާލުކަން އެހެންކަމަކަށް ވެސް ދެވިދާނެ އެވެ. މިސާލަކަށް މަގުމަތިން އިވޭ އަޑު ތަކަށް، ހަށިގަނޑު ތިރިޔަށް ދަމާ ބާރަށް، ހެދުން ހަށިގަނޑުގައި ޖެހިފައިވާ އިސްސާސަށެވެ. މިފަދަ ކޮންމެ ކަމަކަށް ވެސް އަހަރުމެންގެ ސަމާލުކަންދީ އެކަމުގައި ސަމާލުކަން ބަހައްޓަން މަސައްކަތްކުރާވަރަކަށް ސިކުނޑި ހުސްވެ ވިސްނަން ފަސޭހަވެއެވެ.
މިކަންކަމުގެ އިތުރުން އާންމުކޮށް ރުޅި އަންނަ ހާލަތްތަކެއް ހުރިނަމަ އެފަދަ ހާލަތަތްތަކާއި ރުޅި ޓްރިގާ ވާ ސަބަބުތައް ދެނެގަނެވިދާނެ އެވެ. އަދި ބައެއް ހާލަތްތަކުގައި އެއް ހިޔާލުން އަނެއް ހިޔާލަށް ބަދަލުވަމުން ގޮސް ރުޅި އުފެދޭ ހިޔާލަކީ ނުވަތަ "ތޯޓް ޕެޓާން" އަކީ ކޮބައިކަން ވެސް ދެނެގަންނަން މަސައްކަތްކުރެވޭނެ އެވެ. މީގެ އިތުރުން މިފަދަ ކަންކަމާއި ބެހޭގޮތުން އިތުބާރުކުރެވޭ ގާތްމީހަކާއި ވާހަކަ ދެއްކުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.










