ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްބަޔަކު އަނެއް ބަޔަކާއި ތަފާތު ވަރަށް ގިނަ ބަޔަކު އެބައުޅެ އެވެ. އާދަކާދައާއި ސަގާފަތުގެ ގޮތުންނެވެ. ދީނީ އަދި އިޖުތިމާއީ ގޮތުންނެވެ. ތަރައްގީ އާއި ތަހުޒީބުގެ ގޮތުންނެވެ. މި ނޫނަސް އެތައް ގޮތްތަކަކުންނެވެ.
ނަމަވެސް، 1940 ގައި އޭރުގެ ސައިންޓިސްޓުން ކުރި ދިރާސާއެއްގެ އިތުރުން އާންމުންގެ ވިސްނުމާއި ހިޔާލު ދިރާސާކުރާ ބައިނަލްއަގްވާމީ ކުންފުނި "ޔޯގޮވް" އިން 2015 ގައި ކުރި ދިރާސާއަކުން ވަނީ، މިފަދަ ތަފާތުކަން ބޮޑު އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ މެދުގައިވާ އެއްގޮތް އެއްކަމެއް ފާހަގަވެފަ އެވެ. އެއީ ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް އެންމެ ކަމުދާ ކުލައަކީ ނޫ ކުލަކަމެވެ.
ފަހުގެ ތާރީހުތަކުގައި ކުރެވުނު އިތުރު ދިރާސާތަކުން މިކަމުގެ ސަބަބު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ އެވެ. އިންސާނުންނަށް ކުލައެއް ކަމުދިޔުމުގެ ކުރިން ކަމުދަނީ އެ ކުލަ ހިމެނޭ އެއްޗެކެވެ. އެފަދަ އެއްޗަކުން ފޯރުކޮށްދޭ އުފަލާ ހިތްހަމަ ޖެހުން އޭގަ ހިމެނޭ ކުލަޔާ ވެސް އެއްފަދަ ކުރެވެނީ އެވެ. މި ހިސާބުން މި ވާގޮތް ވަރަށް ސާފެވެ.
އަހަރުމެންނަށް އެންމެ ގިނައިން ނޫ ކުލަ ފެންނަނީ އުޑުން ނުވަތަ ކަނޑުންނެވެ. ކަނޑުގެ އެންމެ ފުން ހިސާބުން ފެށިގެން ގޮނޑުދޮށްތަކާއި ހިސާބަށް އޮތީ އެކި ވަރުވަރުގެ ނުލެވެ. ކަނޑަކީ އެތައް ބަޔަކަށް އޭގެން ރޯއްޖާއި ހިތްހަމަޖެހުން ލިބޭ ތަނެކެވެ. ހަމަ އެފަދައިން ނޫ އުޑަކީ އަހަރުމެން ބާއްޖަވެރި ދުވަހެއްގެ ރަމްޒެއްގެ ގޮތުގައި ދެކޭ އެއްޗެކެވެ.
ނަމަވެސް އުޑާއި ކަނޑުގައި މިވާ ނޫ ކުލައިގެ އަސްލަކީ ކޮބާ ހެއްޔެވެ؟ ލޮނު ފެންކޮޅެއް ނަގާލުމުން މި ނޫކަމެއް ނުހުރެ އެވެ. ދުނިޔެއަކީ ކައުނުގެ ހުސްކަމުގެ ތެރޭގައި ވާ ތަނަކެވެ. އެހެންކަމުން މިކަމުގައިވާ ސިއްރުތަކަކީ ކޮބާ ބާވަ އެވެ؟ މިއީ އަހަރުމެންގެ ތެރެއިން ވިސްނާ ފިކުރުކުރާ ކޮންމެ މީހެއްގެ ހިތުގައި ވެސް، ހަޔާތުގެ ކޮންމެސް ހިސާބަކުން އުފެދިފައިވާނެ ސުވާލެއްކަން ޔަގީނެވެ. ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ނުލިބިފައިވާ ނުވަތަ ފެނިފެނި ހޭނި ހަނދާނުން ކައްސާލާފައިވާ ސުވާލަކަށް ވެދާނެ އެވެ. އެކަމު މިއަދަކީ މީގެ ޖަވާބު ކުރިން ލިބިފައި ނުވާނަމަ އެސުވާލުގެ ޖަވާބު ލިބިގެންދާ ދުވަހެވެ.

ނޫ އުޑު
އަހަރުމެންގެ ކުރިން އައި އެތައް ބައެއް ވެސް އުޑުގެ ނޫ ކުލަ އާއި މެދު ސުވާލު އުފެއްދި އެވެ. މީގެ ތެރޭ ވިސްނުން ތޫނު އެތައް ބައެއް ވެސް ހިމެނެ އެވެ. އަދި، އެތައް ބައެއް ސިކުނޑިތަކުން އެތައް ގޮތަކަށް ވިސްނާ ސުވާލުގެ ޖަވާބު ލިބެންވެސް އެތައް އަހަރުތަކެއް ނެގި އެވެ. މިހުރީ ސުވާލެއްގެ ވެސް ޖަވާބާއި ގުޅެނީ އަލި ދަތުރުކުރާ ގޮތާއި އޭގެ ބާރުމިނަށެވެ. އެހެންކަމުން އެންމެ ފުރަތަމަ އަލި މަސައްކަތް ކުރާ ގޮތަށް ކޮންމެސް ވަރަކަށް ބަލާލަމާ ހެއްޔެވެ.
އިރުން ލިބޭ އަލިކަމަކީ ފެންނަ ފެނުމަށް ހުދު ކުލައިގެ އައްޔެއް ނަމަވެސް، މި އަލި އުފެދިފައި ވަނީ ވިއްސާރަ ދުނީގައި ހިމެނޭ ހަ ކުލައިންނެވެ. އެއީ ރަތް، އޮރެންޖް، ރީނދޫ، ފެހި، ނޫ އަދި ވަޔަލެޓް ކުލަ އެވެ.

ހުދު އަލި އުފެިދިފައިވަނީ މައިގަނޑު ފަސް ކުލައެއްގެ އަލިން
ހުދު ކުލައަކީ މިހުރިހާ ކުލައެއް އެއްވެގެން އުފެދޭ ކުލަ އެވެ. އަދި، މިއިން ކޮންމެ ކުލައެއްގެ އައްޔެއް ވެސް ދަތުރުކުރަނީ ރާޅު ބާންޏެއްގެ ބައްޓަމަށެވެ. ބައެއް ކުލަ ތަކުގެ ބާނިތައް ހުންނަނީ ދޭތެރެ ދުރުކޮށް އަދި ބައެއް ކުލަ ތަކުގެ ބާނިތައް ހުންނަނީ ދޭތެރެ ކައިރިކޮށެވެ. މިއިން ކޮންމެ ބާންޏެއްވެސް އެހެން އެއްޗެއްގައި ނުޖެހޭހާ ހިނދަކު ދަތުރު ކުރަނީ ސީދަލަށެވެ.

އެކި ކުލައިގެ އަލިތައް ދަތުރުކުރަނީ އެކި ސްޕީޑްތަކުގަ
އެކަމު އެއްޗެއްގައި ޖެހުމާއަކު ދަތުރު ކުރާ މިސްރާބު ބަދަލުވެގެން ދެއެވެ. އެގޮތުން، މައިގަނޑު ތިން ގޮތަކަށް އަލީގެ މިސްރާބަށް ބަދަލު އައިސް ދާނެ އެވެ. އެއީ އޮމާން ތަނެއްގައި ޖެހިއްޖެ ނަމަ އެހެން ދިމާލަކަށް އެކަމު ހަމަ ސީދާކޮށް ދަތުރުކުރުން، ޕްރިސަމްއެއް ގައި ޖެހިއްޖެ ނަމަ އަލީގައި ހިމެނޭ ކުލަތައް ވަކިވެ ކޮންމެ ކުލައެއް ވަކި ދިމާލަކަށް ދަތުރުކުރުން ނުވަތަ މޮލިކިއުލްތަކުގައި ޖެހި ކޮންމެ ކުލައެއްވެސް އިތުރު ބައިތަކަށް ބެހި އެކި ދިމަދިމާލަށް ފެތުރިގެން ދިޔުމެވެ.

އިރުގެ އަލި ޖައްވުގެ ތެރޭ ބައިބަޔަށް ބެހި ފެތުރިގެންދޭ. މީގެ ތެރެއިން އެންމެ އަވަހަށް ފެތުރެނީ ނޫ ކުލައިގެ އަލިތައް
ދުނިޔޭގެ ޖައްވުގެ ތެރެއަށް އިރުގެ އަލި ފޯރާ އިރުގެ ދޯދިތައް ހުރިހާ ދިމާލަކަށް ދަތުރުކުރެ އެވެ. މިހެން ދަތުރުކުރާއިރު ޖައްވުގައި ހުންނަ ގޭސްތަކުގެ މޮލިކިއުލްތަކުގައި ޖެހި އެންމެ ފަހުން މިދެންނެވި ގޮތަށް ފެތުރިގެން ދެއެވެ. މިހެން ފެތުރިގެން ދާއިރު އެންމެ ބޮޑަށް އަދި އެންމެ އަވަހަށް ފެތުރެނީ ނޫ ކުލައިގެ ދޯދިތަކެވެ. ސަބަބަކީ ނޫކުލައިގެ އަލީގައި ހުން ބާނިތަކުގެ ދޭތެރެ ކުޑަވުމެވެ. އުޑު ނޫ ކުލައިގައި ފެންނަ ސަބަބަކީ މި އެވެ.
ނޫ ކަނޑު
މޫދު ނުވަތަ ކަނޑުގައި ހުންނަ ފެނަކީ ވެސް ހަގީގަތުގައި އެއްވެސް ކުލައެއް ހުންނަ އެއްޗެއް ނޫނެވެ. ކުރިއެކޭ އެއްގޮތަށް، ކަނޑޫ ނޫ ކުލައިގައި ފެންނަ ފެނުމާއި ގުޅިފައި އޮތީ އަލި ދަތުރު ކުރާ ނިޒާމާއި މޮލިކިއުލްތަކުގައި ޖެހުމުން ވާ ގޮތެވެ. ފުންމިނާއި އިރުގެ އަލި ލިބޭ މިންވަރު ތަފާތުވާ ވަރަކަށް އަހަރުންނަށް ފެންނަ ކުލަޔަށް ވެސް ބަދަލު އާދެ އެވެ.
އިރުގެ އަލީގައި ނުވަތަ ކަލަ ސްޕެކްޓްރަމް ތެރޭ ހިމެނޭ ހަތް ކުލައިގެ ތެރެއިން ނޫ ކުލަ ފެނުގެ މޮލެކިއުލްތަކުގައި ޖެހި ވަރަށް އަވަހަށް ފެތުރިގެން ދެ އެވެ. ފުން ހިސާބުތަކުގައި ޖެހޭ ޖެހުން އިތުރުވެ އެވެ. އެހެން ކަމުން އެތައް ފަހަރެއްގެ މަތިން މިހެން ވުމުން ގަދަ ނޫކުލައެއްގެ ގޮތުގައި މިބައިތައް ފެނެ އެވެ. އަދި ތިލަ ހިސާބުތަކުގައި ޖެހޭޖެހުން މަދުވުމުން މިބައިތައް ފެންނަނީ ތަންކޮޅެއް މަޑު ނޫކުލައެއްގަ އެވެ.
ނަމަވެސް، މިހެން މިކަން ހިނގާނީ ސާފު ފެން ނުވަތަ "ޕިޔޯ ވޯޓާ" ހުންނަ ތަންތަނުގައި އެކަންޏެވެ. ޗަކައާއި ނަޖިސް ފަދަ ފެނުގެ ސާފުކަމެއް ބަދަލު އަންނަ ނުވަތަ ތަގައްޔަރުވާ ފަދަ އެއްވެސް މާއްދާއެއް ފެނުގައި ހުރި ނަމަ ނޫ ކުލައެއް ނާރާނެ އެވެ. އެއީ މިފަދަ އެއްޗެހީގެ ޕާޓިކަލް ތަކުގައި ޖެހިފަ އަލި ފެތުރިގެން ދާ ގޮތް ތަފާތުވުމުންނެވެ.
އިރު އަރާ ވަގުތާއި އޮއްސޭ ވަގުތު
ނޫ ކުލައިން އަހަރުމެންނަށް އުޑު އަދި ކަނޑު ކިތަންމެ ގިނަ އިރެއް ވަންދެން ފެނުނަސް މި ކުލަތަކަށް ބަދަލު އަންނަ ދެވަގުތެއްވެ އެވެ. އިރު އަރާ ވަގުތާއި އިރު އޮއްސޭ ވަގުތެވެ. އެތައް ބަޔަކު ކުލަތަކަށް އަންނަ ބަދަލުތަށް ބަލާލާ އެކަމުން ހިތްހަމަޖެހުން ލިބިގަންނަ ދެވަގުތެވެ. މިވަގުތުތަކުގައި އޮރެންޖެ ނުވަތަ ރަތް ކުލަތަށް އަހަރުން ފެންނަނީ ވެސް ހަމަ އަލި ދަތުރު ކުރާ ގޮތުންނެވެ.

އިރު އަރާ އަދި އޮއްސޭ ވަގުތު ޖައްވުގެ ތެރެއަށް ރަތް ކުލަ ފިޔަވާ ބާކީ ހުރި ކުލައިގެ އަލިތައް ބެހި ހުސްވޭ
ނަމަވެސް، އިރު ބޯ މަތީގައި އިންނަ ވަގުތުތަކުގައި އަލި ދަތުރު ކުރާ ދުރުމިނާއި ހިލާފަށް، އިރު އޮއްސޭ އަދި އަރާ ވަގުތުގައި އިރުގެ ދޯދިތައް އަހަރުމެންނާއި ހިސާބަށް ވާސިލްވާން ކަޑައްތު ކުރާ ރާސްތާ ދުރެވެ. މިކަމުގެ ސަބަބުން ކުރިއަށް ވުރެ އެތައް ގުނައެއް އިތުރަށް ޖައްވުގެ ތެރޭ ނޫ ކުލަ ބައިބައިވެ ފެތުރިގެން ދެ އެވެ. މިހެން ފެތުރި ފެތުރި އަހަރުމެންގެ ލޮލާ ހިސާބަށް ވާސިލް ވުމުގެ ކުރި ނޫ ކުލަ ޖައްވުގެ ތެރެއަށް ގެއްލިގެން ދެ އެވެ. ނަމަވެސް އެއަށް ވުރެ ލަސް ލަހުން ދަތުރު ކުރާ ރަތްކުލައިގެ ބައިބައިވުން ދަށްވުމުން އަހަރުމެންނާ ހިސާބަށް ވާސިލްވަނީ އެވެ.
ސިއްރަކީ ކޮބާ؟
ފަށަމުން ބުނެލި ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެތައް ބަޔަކު އެބަ އުޅެ އެވެ. ނަމަވެސް އަހަރުމެންގެ މި އަޖައިބުކުރުނަވި ދުނިޔެއަށް ބޮޑު ގެއްލުމެއް ނުވާ ހިނދަކު މި އެންމެނަސް ވެސް އުޑާއި ކަނޑު ފެންނާނީ އެއް ކުލައަކުންނެވެ. އަދި، މިއިން ކޮންމެ ބަޔަކުތެރޭ ވެސް ކަންކަމާއި ވިސްނާ ފިކުރުކޮށް ސުވާލު އުފައްދާނެ ބަޔަކުވެ އެވެ.
އެގޮތުން ދިވެހީންގެ ތެރެއިން އުޑާއި ކަނޑުގެ ކުލަޔާ މެދު ސުވާލު އުފެދިފައިވާ އެތައް ބަޔަކަށް މި ސުވާލުގެ ޖަވާބު ވަރަށް ފުރިހަމަކޮށް ގެނެސްދެވިއްޖެ ކަމަށް އުންމީދު ކުރަމެވެ. އަހަރުމެންގެ މި ތަރައްގީވެފައިވާ ދުނިޔޭގައި މިފަދަ މައުލޫމާތުތައް ހޯދުމަކީ މާ ބުރަ ކަމަކަށް ނުވިޔަސް މިފަދަ ކަންކަމަށް ސަމާލުކަން ދިނުން މިވަނީ ބުރައަކަށް ވެފަ އެވެ. އެހެންކަމުން ދެން އޮތީ މިފަދަ މައުލޫމާތެއް ލިބުނަސް އަހަރުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް އަދާކުރުމުވެ. އެއީ އިތުރު މީހުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމެވެ.










