މެންޗެސްޓާ (މާޗް 19) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު، 6-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގައި ހާލަންޑް ޖެހި ގޯލުތަކާ އެކު އޭނާ މި ވަނީ ޑޯޓްމަންޑް ދޫކޮށް މި ސީޒަނުގައި ސިޓީއާ ގުޅުނު ފަހުން، އެ ޓީމަށް ކުޅެދިން 37 މެޗުން 42 ލަނޑު ޖަހައިފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެކަނި ވެސް ހާލަންޑް މި ވަނީ އާރްބީ ލައިޕްޒިގާއި ބާންލީ ކޮޅަށް ޖުމްލަ އެކު، އަށް ގޯލު ޖަހައިފަ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 32 ވަނަ މިނިޓްގައި ހާލަންޑް، ސިޓީ އަށް ލީޑުނަގައިދިނީ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކަށް އަރައި، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ތިން މިނިޓް ފަހުން، ހާލަންޑް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ފިލް ފޯޑެން ދިން ބޯޅައަކަށް ހުސްކޮށް އަރައި ހާލަންޑް ޖެހި ގޯލެކެވެ. ހާލަންޑް، ހެޓްރިކް ފުރިހަމަަކުރީ މެޗުގެ 59 ވަނަ މިނިޓްގަ އެވެ. ފޯޑެން ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ހާލަންޑް ވަނީ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.
ހާލަންޑް ހެޓްރިކް ފުރިހަމަކުރިތާ ތިން މިނިޓް ފަހުން، މެޗުގެ 62 ވަނަ މިނިޓްގައި އަލްވަރޭޒް ވަނީ ސިޓީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން ކެވިން ޑި ބްރޭނާ ދިން ބޯޅަ އަލްވަރޭޒް ވަނީ ފަސޭހައިން ގޯލަށް ފޮނުވާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ކޯލް ޕާމާ ސިޓީގެ ފަސް ވަނަ ގޯލު ޖެހީ ބާންލީގެ ކީޕަރު ބެއިލީ ޕީކޮކް-ފަރެލް އަތުގައި ޖެހިފައި އައި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. ސިޓީގެ ފަހު ގޯލު ޖެހީ އަލްވަރޭޒް އެވެ. މިއީ ބާންލީގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު، އަލްވަރޭޒް ޖެހި ގޯލެކެވެ.
ސިޓީގެ ކުރީގެ ކެޕްޓަން، ވިންސެންޓް ކޮމްޕެނީ ކޯޗުކޮށްދޭ ބާންލީ އަށް މި މެޗުގައި ސިޓީ ހާސްކޮށްލެވޭ ވަރުގެ މާރަނގަޅު އެޓޭކްތަކެއް ނުކުރެވުނެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލް އަނެއް ތިން މެޗު އޮތީ މާދަމާ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ފުލަމްއާ ކުޅޭއިރު، ހަތަރު ވަނަ ޑިވިޝަންގެ ގްރިމްސްބީ ކުޅޭނީ ބްރައިޓަންއާ އެވެ. އަދި ޝެފީލްޑް ޔުނައިޓެޑް ކުޅޭނީ ބްލެކްބާންއާ އެވެ.












