ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި މާލީ އެހީތެރިކަން ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.
ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓް ތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓު ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000ރ. އާ ހަމަޔަށް އެހީ ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އިން ބުނީ އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރުވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ 15 ގެ 23:59 އާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން ވަނީ 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ދީފަ އެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.











