ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ފޯރިގަދަ ސެމީ ފައިނަލް މެޗުތަކަކަށް ފަހު މުބާރާތުގެ ފައިނަލުން ލ. ގަމާއި ގދ. ވާދޫ އިން ފުރުސަތު ހޯދައިފި އެވެ.
މިއީ ގަން ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރު، އަނެއްކޮޅުން ވާދޫގެ ފުރަތަމަ ފައިނަލެވެ. ގަން ވަނީ 2018 ވަނަ އަހަރު ފައިނަލުގައި މާފަންނު އަތުން ބަލިވެފަ އެވެ.
ގަމުން ވަނީ ފުރަތަމަ ސެމީގައި ރ. އިނގުރައިދޫ އަތުން 4-1 އިން މޮޅުވެފަ އެވެ. ވާދޫ އާއި ދ. ކުޑަހުވަދޫ ކުޅުނު ސެމީގެ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 4-4 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީ އަށް ފަހު ވާދޫ މޮޅުވީ 9-8 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުުޅުނު މެޗު ފެށިގެން ގަމުން ކުރި އެޓޭކްތައް ހުއްޓުވުމުގައި އިނގުރައިދޫގެ ގޯލްކީޕަރު އަހުމަދު އިހުސާންގެ ރަނގަޅު ކުޅުމެއް ދެއްކި އެވެ. ލީޑުނަގަން ގަމުން ކުރި މަސައްކަތް ކާމިޔާބުކޮށް، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އެ ޓީމަށް އެ އެ ގޯލު ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ. ރަނގަޅު ތަނުގައި ހުއްޓައި، ލިބުނު ފުރުސަތުން ޖެންނޭ ވަނީ ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި ރޭ ގަމާއި އިނގުރައިދޫ ކުޅުނު މެޗުގެ ތެރެއިން: ގަމުގެ ޖެންނޭ (ލ) އިނގުރައިދޫގެ އައިހަމް ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދެ ވަނަ ހާފުގެ ކުޅުން ފެެށިތަނާ އިނގުރައިދޫގެ އަލީ ހާފިޒް (ހާއްޕެ) އާއި އަހުމަދު އައިހަމް ގުޅިގެން ކުރި އެޓޭކެއްގައި ލިބުނު ފުރުސަތު ހުއްޓުވުމުގައި ގަމުގެ ގޯލުކީޕަރު މުހައްމަދު ލުފްޝާން ވަނީ ތަފާތު ދައްކައިފަ އެވެ. ގަމުން ލީޑުފުޅާކުރި މަސައްކަތް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) އެވެ. އެކަމަކު، ގަމުން ލީޑުފުޅާކުރިތާ މާގިނައިރެއްނުވެ، އައިހަމް ޖެހި ބޯޅައެއް ހުއްޓުވަން އޮންލީ ފައިން ޖައްސާލި ބޯޅަ ބައިކޮޅަށް ވަދެ، އިނގުރައިދޫ އަށް އުންމީދެއް ލިބުނެވެ.
ގޯލަކާ އެކު އިނގުރައިދޫން ހިތްވަރެއްލައިގެން ކުޅެން ފަށައި، އިތުރު ގޯލެއް ޖަަހަން ކުރިއަށް ޖެހިލި ވަގުތު ކައުންޓަ އެޓޭކުގައި ގަމުން އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން ރަނގަޅު ޕާސްތަކެއް ކުރުމަށް ފަހު ޖެންނޭ ގޯލެއް ޖެހިއިރު، އަލީ ޝާމިސް (ތޮއްޕޭ) ވަނީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި، އިންޑިވިޖުއަލީ މޮޅު ގޯލެއް ޖަަހައިފަ އެވެ.
ދެ ވަނަ ސެމީ ފައިނަލް މެޗު ފަށައިގެން، މާގިނައިރެއްނުވެ، ކުޑަހުވަދޫގެ އިރުފާން އާދަމް ނަސީރު، އެ ޓީމަށް ލީޑުނަގައިދިނެވެ. ނަޝާހު އަހުމަދު (ނައްޓު) ރަނގަޅު ތަނަށް ހުސްވެ، ޖެހި ގޯލުން ވާދޫން އެއްވަރުކުރި އެވެ. އޭގެ ފަހުން، ވާދޫ އަށް މުހައްމަދު އިޔާދު އަލީ ހެޓްރިކެއް ހެދި އެވެ. އިޔާދު މި ވަނީ ނޮކައުޓްގެ ތިން މެޗުގައި ވެސް ހެޓްރިކް ހަދައި، ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ތާރީހުގައި ވެސް ހާއްސަ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
ވާދޫން މާ ބޮޑު ލީޑެއް ނެގިޔަނުދީ ކުޑަހުވަދޫން އަބަދުވެސް އެއް ގޯލުގެ ފަރަގެއްގައި އޮތެވެ. އަދި ފުރުސަތު ލިބުނު ވަގުތު ގޯލު ޖަހައި، ނަތީޖާ ހަމަހަމަކުރި އެވެ. ކުޑަހުވަދޫގެ ފަހު ގޯލުތައް ޖެހީ މާޔިޒް ވަހީދު އާއި ޓީމުގެ ކެޕްޓަން، ޖުމައިލް ޖަމީލް (ޖުމްބެ) ދެ ގޯލެވެ.

ވާދޫ މޮޅުވި ޕެނަލްޓީ ޖެހުމަށް ފަހު ނައްޓު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޕެނަލްޓީގައި ވާދޫން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ކުޑަހުވަދޫން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ފަސް ވަނަ އަށް، ޖަހަން ދިޔަ އަޔާޒް މުހައްމަދު ޖެހި ޕެނަލްޓީ އެވެ. އެ ބޯޅަ ވާދޫގެ ކީޕަރު، ޒައިދާން އަހުމަދު ވަނީ މަތަކޮށްފަ އެވެ. ވާދޫން ފަސް ޕެނަލްޓީ ކާމިޔާބުކުރީ އިޔާދު، ނައްޓު، މުހައްމަދު ނާއިލް، އަހުމަދު ޝައިހާން ޖަލީލް އަދި ޔަޒްދާން އިބްރާހިމް އެވެ. ކުޑަހުވަދޫގެ ޕެނަލްޓީތައް ކާމިޔާބުކުރީ މުހައްމަދު ޝަނީޒް، އިރުފާން، އިރުޝާމް އާދަމް ނަސީރު އަދި މާޔިޒް އެވެ.
ކުޑަހުވަދޫ މި ވަނީ ގޯލްްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރު ބަލިވެފަ އެވެ.
ވާދޫ އާއި ގަން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ. މި ދެ ޓީމު ވަނީ ޒޯން ބުރުގައި ދެ ފަހަރު ބައްދަލުކޮށްފަ އެވެ. ޒޯން ލީގު ބުރުގައި އެއްވަރުވިއިރު، ޒޯން ހައެއްގެ ފައިނަލުގައި ގަން ބަލިކޮށް ވާދޫން ވަނީ އެ ޒޯންގެ ތަށި އުފުލާލައިފަ އެވެ.












