އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުވެރިއެއް ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި މިއަދު މަރުވެފައިވަނީ 65 އަހަރުގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ. އަދި އޭނާ ގެނބިގެން މިއަދު ހެނދުނު 10:30 ހާއިރު އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ މިކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިއީ މި މަހު އެ އަތޮޅުގައި ފަތުރުވެރިޔަކު މަރުވި ތިންވަނަ ފަހަރެވެ. އެގޮތުން އިއްޔެ އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.

މީގެއިތުރުން މިމަހުގެ ފަސް ވަނަ ދުވަހު ޖަރުމަނު ވިލާތަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ ފިރިހެނަކު ވަނީ އއ. ކުރަމަތި އައިލަންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް މަރުވެފަ އެވެ.
އެއާއެކު، މޫދުގައި އުޅޭއިރު ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އިތުރު ފިޔަވަޅުތައް އެޅުމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ޓޫރިސްޓު ފެސިލިޓީތަކަށް އަންގައިފަ އެވެ.
އަހަރަކު އެވްރެޖްކޮށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނައިރު އޭގެ ތެރެއިން ގިނަ މީހުން ރާއްޖޭގެ ކަނޑުފަޅުތައް ބަލައިލުމަށް ފީނުމާއި އެކި މޫދު ކުޅިވަރުތަކުގައި ބައިވެރިވެ އެވެ. މިގޮތައް އެކި ހަރަކާތްތަކުގެ ތެރެއިން މަދުން ނަމަަވެސް ފަތުރުވެރިންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ.













