ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާއިރު، މި ފަހަރު ޔަގީންވެފައިވާ އެއް ކަމަކީ، މުބާރާތުގެ ތަށި އުފުލާލާނީ މުޅިން އާ ޓީމެއް ކަމެވެ. ޖުމްލަ 102 ޓީމެއް ވާދަކުރި މި އަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ތަށި އުފުލާލުމުގެ އެ ފުރުސަތު ފަހިވެފައި އޮތީ ލ. ގަން. ދ. ކުޑަހުވަދޫ، ގދ. ވާދޫ އަދި ރ. އިނގުރައިދޫ އަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމަކީ ތ. ތިމަރަފުށި އެވެ. ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ތިން ފަހަރު ހޯދިއިރު، ދެން ހޯދީ މާފަންނާއި ހެންވޭރުގެ އިތުރުން ބ. ހިތާދޫ އެވެ.
މި ފަަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، 20:15 ގައި ފަށާ ފުރަތަމަ ސެމީ ފައިނަލުގައި ރ. އިނގުރައިދޫ ބައްދަލުކުރާނީ ލ. ގަމާ އެވެ. ދެ ސެމީ ފައިނަލް މެޗު ވެސް ގަޑި ހުއްޓައިގެން ކުޅޭއިރު، ދެ ވަނަ ސެމީ ފައިނަލުގައި ގދ. ވާދޫ އާއި ދ. ކުޑަހުވަދޫ ކުޅޭ މެޗު ފަށާނީ މިރޭ 22:15 ގަ އެވެ.
ސެމީ ފައިނަލް 1: އިނގުރައިދޫ - ގަން
މި ފަަހަރުގެ މުބާރާތުގައި ހިތްވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ އިނގުރައިދޫ އާއި ގަމުން ސެމީ ފައިނަލުގެ ޖާގަ ހޯދީ ކުއާޓާ ފައިނަލް މެޗުތަކުގައި ޕެނަލްޓީ ޖަހައިގެން ކާމިޔާބު ހޯދައިގެންނެވެ. ގަމުން ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން، ތިމަރަފުށި ކަޓުވާލުމަށް ފަހު އެވެ. އަދި އިނގުރައިދޫން ވަނީ ޕެނަލްޓީގައި ހދ އާއި ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ނައިވާދޫ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
އިނގުރައިދޫން އަހުމަދު ވިސާލްް (އަންދު)ގެ ކޯޗުކަމުގައި ކުޅެމުން އަންނައިރު، އެ ޓީމު މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މެޗަކުން ބަލިވެފައިނުވެ އެވެ. އެކަމަކު، ގަން ވަނީ ޒޯން ފައިނަލުގައި ގދ. ވާދޫ އަތުން ބަލިވެފަ އެވެ. އިސްމާއިލް ޝަރީފް (އިއްސެ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ގަން ޓީމުން މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި ކުޅެފައިވީ ނަމަވެސް، މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ އިނގުރައިދޫ ޓީމަކީ މުޅިން ތަފާތު ރޫހެއްގައި އޮތް ޓީމެކެވެ.
މިރޭގެ މެޗަކީ އިނގުރައިދޫގެ ކެޕްޓަން އަލީ ހާފިޒް (ހާއްޕެ) އާއި ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ)ގެ ފަރާތުން ރަނގަޅު ކުޅުމަކަށް ދެ ޓީމުގެ ފަރާތުން ވެސް އުންމީދުކުރާނެ މެޗެކެވެ.
ސެމީ ފައިނަލް 2: ކުޑަހުވަދޫ - ވާދޫ
މި ފަހަރުގެ މުބާރާތުގައި ދ. ކުޑަހުވަދޫން ފަށަން ޖެހުނީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އެ ގޮތުން ފުރަތަމަ މެޗުން ދ. މާއެނބޫދޫ އަތުން ބަލިވީ އެެވެ. އެހެން ނަމަވެސް ދެން ކުޅުނު މުހިންމު ހުރިހާ މެޗެއްގައި އެ ޓީމުން ވަނީ ނަތީޖާ ނެރެފަ އެވެ. އަހުމަދު ރިލްވާން (ރިލޭ)ގެ ކޯޗުކަމުގައި ކުޅޭ ކުޑަހުވަދޫ ޓީމުން ވަނީ ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން ފަހެއްގެ ތަށި ވެސް އުފުލާލައިފަ އެވެ.
ކުޑަހުވަދޫ ވަނީ މިދިޔަ އަހަރު ސެމީ ފައިނަލުގައި ތިމަރަފުށި އަތުން ބަލިވެފަ އެވެ. އެހެންކަމުން، އެ ޓީމުން މި ފަހަރު ވާދޫއާ ދެކޮޅަށް ނުކުންނައިރު، އެންމެ ބޮޑު އަޒުމަކަށްވާނީ ފައިނަލުގެ ޖާގައެއް ހޯދުމުގެ އިތުރުން ޖެހިޖެހިގެން ދެ ފަހަރު ސެމީ ފައިނަލުން ނުކެޓުމަށެވެ. ކުޑަހުވަދޫން މިރޭގެ ސެމީގައި ވާދޫއާ ކުޅޭއިރު، އެ ޓީމު ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަލީ ނަދީމް (ކޮކޯ)ގެ ކޯޗުކަމުގައި ކުޅޭ ވާދޫން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ސެމީ ފައިނަލަށް ނުކުންނައިރު، އެ ޓީމަށް އޮންނާނެ އެންމެ ބޮޑު ހިތްވަރަކީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ދައްކަމުން އަންނަ މޮޅު ކުޅުމެވެ. ކުއާޓާ ފައިނަލް ހަތަރު މެޗުގެ ތެރެއިން ޕެނަލްޓީ އަށް ނުގޮސް ހަމައެކަނި ނިމުނު މެޗަކީ ވާދޫން 4-1 އިން މާފަންނުގެ މައްޗަށް ކުރިހޯދި މެޗެވެ.
ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ވާދޫ އާއި ކުޑަހުވަދޫގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިބި އެެވެ. އެ ގޮތުން، ކުޑަހުވަދޫގެ ކެޕްޓަން، ޖުމައިލް ޖަލީލް (ޖުމްބެ) އާއި ވާދޫގެ ކެޕްޓަން، އަޔާޒް އަހުމަދު (އަޔާ) އަކީ މިރޭގެ މެޗުގައި ދެ ޓީމުން ވެސް ވަރަށް ބޮޑަށް ބަރޯސާވާނެ ދެ ކުޅުންތެރިންނެވެ.
މިރޭގެ ސެމީ ފައިނަލަށް ފަހު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ ފައިނަލް މެޗު އޮންނާނީ މި މަހު 19 ވަނަ ދުވަހުގެރޭގަ އެވެ.












