ބޭންކް އޮފް މޯލިވްސް (ބީއެލްއެމް) އިން މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.
މިއަދު ފެށި ހިދުމަތާ އެކު، މިވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމްކޮށްފައިވާ ދެ ބްރާންޗާއި އަލިފުށި، ދުވާފަރު އަދި އިނގުރައިދޫ ގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ރ. އަތޮޅުގައި ބްރާންޗެއް ނުވަތަ އޭޓީއެމް އެއް ނެތް، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދަނީ އޭޖެންޓް ބޭންކިން ހިދުމަތްދެމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 85 ސެލްފް ސާވިސް ބޭންކިން ސެންޓާ، 141 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.











