ލަންޑަން (މާޗް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމް އަތުން 3-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި ލީޑު ދެމެހެއްޓިއިރު، އަމިއްލަ ދަނޑުގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އަށް ދެއްކި ރަތް ކާޑާ އެކު ކުޅުންތެރިއަކު މަދުކޮށް ކުޅެ، ސައުތެމްޓަންއާ 0-0 އިން އެއްވަރުވެއްޖެ އެވެ.
ލީގުގައި ރޭ ސިޓީން ހޯދި މޮޅާ އެކު، އާސެނަލް މިރޭގެ މެޗަށް ނުކުތްއިރު ލީޑު އޮތީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގައި ފުލަމް ކައިރިން ޖެހި ގޯލުތަކާ އެކު މޮޅުވެ، އާސެނަލުން ވަނީ އަލުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އާސެނަލް އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 27 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 26 މެޗުން ލިބުނީ 50 ޕޮއިންޓެވެ.
ފުލަމްގެ ދަނޑު ކްރޭވަން ކޮޓޭޖްގައި ކުޅުނު މެޗުގައި އާސެނަލުން އެންމެ ފުރަތަމަ ޖެހި ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ. އެއީ ގަބްރިއެލް މާޓިނެލީ ޖެހި ގޯލެކެވެ. އެކަމަކު، މެޗުގެ 21 ވަނަ މިނިޓްގައި ލެއަންޑްރޯ ޓްރޮސާޑް ނެގި ކޯނަރަކުން ގަބްރިއެލް މަގާޅައެސް ވަނީ އާސެނަލަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ޓްރޮސާޑް ދިން ބޯޅައަކުން މާޓިނެލީ ވަނީ ބޮލުން ގޯލެއް ޖަހައި، އާސެނަލަށް ލީޑުފުޅާކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. ޓްރޮސާޑް އެސިސްޓްގެ ހެޓްރިކެއް ހެދި މި މެޗުގައި އޭނާ ދިން ބޯޅަ އޮޑެގާޑް ވަނީ ހަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެވެ.
މިއީ އާސެނަލްގެ ކޯޗުކަމާ ހަވާލުވި ފަހުން މިކޭލް އާޓެޓާ އެ ޓީމާ އެކު ހޯދި 100 ވަނަ މޮޅެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑަށް ލީޑުނަގައިދޭން މާކަސް ރަޝްފޯޑަށް ލިބުނު ފުރުސަތުގެ .ބޭނުން ނުހިފުނުއިރު، ސައުތެމްޓަންގެ ތިއޯ ވޮލްކޮޓް ބޮލުން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. ޔުނައިޓެޑަށް މައްސަލަ ދިމާވީ ކަސެމީރޯ އަށް 34 ވަނަ މިނިޓްގައި ރަތް ކާޑު ދެއްކުމުންނެވެ. ކަސެމީރޯ ކުރި ފައުލަކަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީއޭއާރް އިން ބަލާފައި ނިންމީ ރަތެއް ކަމަށެވެ. މިއީ ލީގުގައި އެންމެ ފަހުން ކަސެމީރޯ ކުޅުނު ތިން މެޗުގެ ތެރެއިން ހޯދި ދެ ވަނަ ރަތް ކާޑެވެ. ސީޒަނުގެ ދެ ވަނަ ރަތް ކާޑާ އެކު ކަސެމީރޯ އަށް ހަތަރު މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ.

ޔުނައިޓެޑްގެ ކަސެމީރޯ އަށް ރަތް ކާޑު ދެއްކުމުން ދަނޑުން ފައިބަނީ: މިއީ ޔުނައިޓެޑަަށް ކުޅެދިން 36 މެޗުން ކަސެމީރޯ އަށް ދެއްކި ދެ ވަނަ ރަތް ކާޑު.
ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގައިދޭން އޭރިއާބޭރުން ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ ސައުތެމްޓަން ކީޕަރު ބަޒޫނޫ އަތުގައި ޖެހިފައި އަމާޒުވީ ދަނޑިއަށެވެ. ލީގު ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން މޮޅުވާން ކުރި މަސައްކަތުގައި ޖޭމްސް ވޯޑް ޕްރައުސް ޖެހި ހިލޭ ޖެހުމެއް ހުރަސްދަނޑީގައި ޖެހިފައި ބޭރުވިއިރު، ކައިލް ވޯކާ ޕީޓާސް ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ލިވަޕޫލް ބަލިވުމުގެ ފައިދާނަގައި ނިއުކާސަލް ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ނިއުކާސަލް ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 އިން ވުލްވްސް ބަލިކޮށްފަ އެވެ. ނިއުކާސަލްގެ އަލެކްސަންޑަ އިސާކް އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދީފައިވަނިކޮށް، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އަަރައި، ވުލްވްސްގެ ހްވާން ހީ ޗާން ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. ނިއުކާސަލް މޮޅުވި ގޯލު ޖަހައިދިނީ މި ފަހަރު ރަނގަޅު ފޯމެއްގައި ހުރި މިގޭލް އަލްމިރޯން އެވެ. މިއީ މި ފަހަރު ލީގުގައި އަލްމިރޯން ނިއުކާސަލް އަށް ޖަހައިދިން 11 ވަނަ ގޯލެވެ.
ނިއުކާސަލް ފަސް ވަނައިގައި އޮތީ 25 މެޗުން 44 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް 26 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ހަ ވަނައިގަ އެވެ.
ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާއި އެސްޓަން ވިލާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، މި ޕޮއިންޓާ އެކު، ވެސްޓް ހޭމް ވަނީ ލަނޑުގެ ތަފާތުން ރެލިގޭޝަނުން ފެއަށް ޖެހިލައިފަ އެވެ.












