ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލް މެޗުތަކުން ރޭ މޮޅުވެ، ލ. ގަން، ރ. އިނގުރައިދޫ، ގދ. ވާދޫ އަދި ދ. ކުޑަހުވަދޫ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ، އިނގުރައިދޫ އާއި ވާދޫ ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުގައި ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.
އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، ތިމަރަފުށްޓާއި ގަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ގަން މޮޅުވީ 4-5 އިންނެވެ. އިނގުރައިދޫ އާއި ހދ. ނައިވާދޫ ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގައި 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީ ޖަހައިގެން އިނގުރައިދޫ މޮޅުވީ 7-5 އިންނެވެ. ކުޑަހުވަދޫ އާއި ބ. އޭދަފުށި ކުޅުނު މެޗު ލަނޑެއް ނުޖެހި ޕެނަލްޓީ އަށް ދިޔައިރު، ކުޑަހުވަދޫ މޮޅުވީ ޕެނަލްޓީގައި 3-2 އިންނެވެ. އަދި މާފަންނުގެ މައްޗަށް ވާދޫ ކުރިހޯދީ 4-1 އިންނެެވެ.

ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ޓެކަލްކޮށްގެން ގަމުގެ ފޯވާޑް އަހުމަދު ހަލީމް ހުއްޓުވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގަމުން ރޭގެ މެޗުގެ ފުރަތަމަ މިނިޓްގައި ލީޑުނެގީ އެ ޓީމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ޖެހި ގޯލުންނެވެ. ނަތީޖާ ހަމަހަމަ ކުރަން ތިމަރަފުށިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ. މި ލަނޑު ޖެހީ ބަދަަލަކަށް ކުޅެން އެރި އަބްދުﷲ ޒިޔާން (ޖަންކީ) އެވެ.
ޕެނަލްޓީގައި ތިމަރަފުށްޓާއި ގަމުން ވެސް ފުރަތަމަ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނާ) އާއި ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ޕެނަލްޓީ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ތިމަރަފުށީގެ އަހުމަދު ހައިލަމް، އިބްރާހިމް ސިނާހު (ސިނާ)، ޒިޔާންގެ ޕެނަލްޓީ ކާމިޔާބުވެފައިވަނިކޮށް، އިބްރާހިމް ހަމްދާން އަތުން ވަނީ ޕެނަލްޓީ ނާކާމިޔާބުވެފަ އެވެ.
ގަން މޮޅުވީ ފުރަތަމަ ޕެނަލްޓީ ނުވެއްދުނު ނަމަވެސް ދެން ޖެހި ހަތަރު ޕެނަލްޓީ ވައްދައިގެންނެވެ. ގަމުން ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ނާޝިދު (ނާއްޓޯ)، އަލީ ޝާމިސް (ތޮއްޕޭ)، އޮންލީ އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ނައިވާދޫގެ އަބްދުﷲ ވިސާމް (ވިޝަންޓޭ) ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ގޯލު ޖެހީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. އިނގުރައިދޫގެ ގޯލުތައް ޖެހީ މުހައްމަދު މަމްދޫހު ދެ ލަނޑާއި އަހުމަދު މަޝީދު އަދި އަލީ ހާފިޒް (ހާއްޕެ) އެވެ. ޕެނަލްޓީގައި އިނގުރައިދޫން ހަތަރު ޕެނަލްޓީ ޖެހިއިރު، ނައިވާދޫ އަށް ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. އިނގުރައިދޫން ޕެނަލްޓީތައް ކާމިޔާބުކުރީ މަމްދޫހާއި މަޝީދުގެ އިތުރުން އަބްދުﷲ ސަނޫން އަދި އަހުމަދު އައިހަމް (އައިހު) އެވެ. ނައިވާދޫގެ ޕެނަލްޓީތައް ވެއްދީ އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ޔާމީން މުހައްމަދު (ޔާންޓެ) އެވެ.

މާފަންނު ކޮޅަށް ގޯލު ޖެހުމަށް ފަހު ވާދޫގެ ޝައުފް އާއި އިޔާދު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މާފަންނު އަތުން ވާދޫ މޮޅުވި މެޗުގައި އެ ޓީމުގެ މުހައްމަދު އިޔާދު އަލީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އިޔާދު މި ވަނީ ނޮކައުޓް ދެ މެޗުގައި ވެސް ހެޓްރިކް ހަދައިފަ އެވެ. އެ ގޮތުން، ގަދަ 16 ބުރުގައި މާމިގިލި ކޮޅަށް ވެސް ހެޓްރިކެއް ހެދި އެވެ. ރޭގެ މެޗުގައި ވާދޫގެ އަނެއް ލަނޑު ޖެހީ އިބްރާހިމް ޝައުފް މުހައްމަދު އެވެ. މާފަންނުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިބްރާހިމް ނާޖިހު އެވެ.
އޭދަފުށްޓާއި ކުޑަހުވަދޫގެ ކުރިމަތިލުން ޕެނަލްޓީ އަށް ދިޔައިރު، ދެ ޓީމު އަތުން ވެސް ގިނަ ޕެނަލްޓީތަކެއް ވަނީ ނާކާމިޔާބުވެފަ އެވެ. ދެ ޓީމުން ވެސް ޖުމްލަ ހަ ޕެނަލްޓީ ޖެހިއިރު، ކުޑަހުވަދޫ މޮޅުވީ ތިން ޕެނަލްޓީ ވައްދާލައިގެންނެވެ. އޭދަފުށްޓަށް ކާމިޔާބުވީ ދެ ޕެނަލްޓީ އެވެ. ކުޑަހުވަދޫން ޕެނަލްޓީ ވެއްދީ އިރުސާމް އާދަމް ނަސީރު އާއި އިރުފާން އާދަމް ނަސީރު އަދި އަޔާޒް މުހައްމަދު އެވެ. އޭދަފުށިން ޕެނަލްޓީ ކާމިޔާބުކުރީ ހާފިޒު އަހުމަދު އާއި ޝާރިފް އަބްދުލް މަޖީދު އެވެ.

ކުޑަހުވަދޫގެ ހާރޫން އިބްރާހިމް (ކ) ކައިރިން އޭދަފުށީގެ އިޝާން އިބްރާހިމް ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޕެނަލްޓީ ނާކާމިޔާބުވި ކުޑަހުވަދޫ ކުޅުންތެރިންނަކީ، މުހައްމަދު އަރީޝް، ހާރޫން އިބްރާހިމް (ހާންޑޯ) އަދި އަބްދުﷲ މުގުސިތު އެވެ. އޭދަފުށީގެ މުހައްމަދު އަޖުފާން، މުއާޒް އަލީ، ހަމްދާން އަބްދުލް ސައްތާރު އަދި ސުލްތާން ހަބީބު އަށް ވެސް ޕެނަލްޓީ ކާމިޔާބެއްނުވި އެވެ.
ކުޑަހުވަދޫގެ ކީޕަރު އަޒުހަރު އާދަމް އާއި އޭދަަފުށީގެ ކީޕަރު އަބްދުﷲ ނާސިހު ވަނީ ޕެނަލްޓީ ހުއްޓުވުމުގައި ހުށިޔާރުކަން ދައްކައިފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެއް ސެމީގައި އިނގުރައިދޫ ބައްދަލުކުރާނީ ގަމާ އެވެ. އަނެއް ސެމީގައި ވާދޫން ކުރިމަތިލާނީ ކުޑަހުވަދޫއާ އެވެ. މި ފަަހަރުގެ ގޯލްޑަން ފުޓްސަލްގެ ސެމީގައި އޮތް ހަތަރު ޓީމަށް ވެސް މީގެ ކުރިން މި މުބާރާތް ކާމިޔާބު ކުރެވިފައިނުވާއިރު، މިއީ ގޯލްޑަންގެ މުޅިން އާ ޗެމްޕިއަނެއް ފެނިގެންދާނެ ފަހަރެކެވެ.
ޖުމްލަ 102 ޓީމު ބައިވެރިވި މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭގަ އެވެ.












