ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ކުއާޓާ ފައިނަލް މެޗުތަކާ ހަމައަށް އައިސްފައިވާއިރު، މިހާރު މި މުބާރާތުގައި އޮތީ ގަދަ އަށް ޓީމެވެ. މި އަށް ޓީމުގެ މެދުގައި، މިރޭ ކުއާޓާ ފައިނަލްގެ ހަތަރު ކުރިމަތިލުމެއް ކުރިއަށްދާއިރު، ގަދަ ހަތަރު ޓީމު ކުޅޭ ސެމީ އަށް މިރޭ ޓީމުތައް ދަތުރުކުރާނެ އެވެ.
ކުއާޓާ ފައިނަލްގެ މެޗުތަކަށް ބަލާއިރު، އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ތ. ތިމަރަފުށިން ބައްދަލުކުރާނީ ލ. އަތޮޅުގެ ޗެމްޕިއަން، ގަމާ އެވެ. ހދ. ގެ ޗެމްޕިއަން ނައިވާދޫން ނުކުންނާނީ ރ. އަތޮޅުގެ ތަށި އުފުލާލި އިނގުރައިދޫއާ ދެކޮޅަށެވެ. ގދ. އަތޮޅުގެ ޗެމްޕިއަން، ވާދޫން ކުއާޓާގައި ނުކުންނާނީ މާފަންނާ ދެކޮޅަށެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ބ. އަތޮޅުގެ ޗެމްޕިއަން، އޭދަފުށިން ކުރިމަތިލާނީ ދ. އަތޮޅުގެ ޗެމްޕިއަން، ކުޑަހުވަދޫއާ އެވެ.
ތިމަރަފުށި - ގަން (20:00)
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ތިމަރަފުށި ވަނީ ޗެރިޓީ ޝީލްޑް މެޗާއި އަތޮޅު ފައިނަލް އަދި ޒޯން ފައިނަލުގައި ބަލިވެފަ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ކ. ގާފަރު އަތުން ބަލިވިއިރު، އަތޮޅު ފައިނަލުގައި ތ. ކިނބިދޫ އަދި ޒޯން ފައިނަލުގައި ދ. ކުޑަހުވަދޫ އަތުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެވެ.
މިހާތަނަށް މުބާރާތުގައި ތިމަރަފުށްޓަށް ގިނަ ފަހަރުތަކެއް މަތިން، އުނދަގޫ ހާލަތްތަކެއް ކުރިމަތިވި ނަމަވެސް، މުބާރާތުގައި ކުރިއަށްދާން ބަލާއިރު، އެ ޓީމު އަންނަނީ ކުރަން ޖެހޭ ގިނަ ކަންކަން ރަނގަޅަށް ކުރަމުންނެވެ. އެ ގޮތުން، އެންމެ ފަހުން ކުޅުނު ގަދަ 16 ބުރުގެ މެޗުގައި ތިމަަރަފުށިން ވަނީ ގާފަރު އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް، ތިމަރަފުށްޓަށް ލިިބިފައި އޮތް ސަބަބަކީ އެ ޓީމަކީ މުބާރާތުގެ ތަށި ތިން ފަހަރު ހޯދި ހަމައެކަނި ޓީމު ކަމަށްވާތީ އެވެ. މި ފަހަރު އެ ޓީމުން ތަށި މިލްކުކުރަން އަމާޒުހިފާފައިވާއިރު، މިރޭ އެ ޓީމާ ދެކޮޅަށް ކުއާޓާ ފައިނަލުގައި ކުޅޭ ގަމަކީ ހުނަރާއި ޓީމްވޯކަށް ބަލާއިރު، މި ފަހަރުގެ މުބާރާތުގައި ފެނުނު އެންމެ ރަނގަޅު އެއް ޓީމެވެ.
ފުޓްސަލްގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ގަމާއި ތިމަރަފުށީގެ ކުރިމަތިލުމަކީ ގިނަ ބަޔަކު ޝައުގުވެރިވާނެ މެޗެކެވެ.
ނައިވާދޫ - އިނގުރައިދޫ (20:00)
ހދ. އަތޮޅުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ނައިވާދޫން މި ފަހަރުގެ މުބާރާތުގައި އެވްރެޖް ގޮތެއްގައި އަންނަނީ ކޮންމެ މެޗެއްގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޓީމު ވޯކާއި އިންޑިވިޖުއަލީ ކުޅުންތެރިން ކުރާ މަސައްކަތަށް ބެލިޔަސް ނައިވާދޫ ފެންނަނީ ކުރިން ފަހަރާ އަޅާކިޔާއިރު ރަނގަޅަށެވެ.
ނައިވާދޫ ޓީމުން މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން އަންނައިރު، މިރޭ އިނގުރައިދޫއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗަކީ ޗެލެންޖިން މެޗަކަށްވާނެ އެވެ. އިނގުރައިދޫ މިހާތަނަށް މި ފަަހަރުގެ މުބާރާތުގައި ކުޅުނު ގިނަ މެޗުތަކުގައި ވަނީ ޑޮމިނޭޓްކޮށް މޮޅަށް ކުޅެފަ އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އެންމެ ސްކޯރިން ރަނގަޅު ދެ ޓީމުގެ ތެރޭގައި އިނގުރައިދޫ އާއި ނައިވާދޫ ހިމެނެ އެވެ. އެހެންކަމުން މިރޭގެ ކުއާޓާ ފައިނަލް މެޗަކީ ކޮންމެ ގޮތެއް ވިޔަސް، ބެލުންތެރިން ގަޔާވާނެ ގިނަ ކަންތައްތަކެއް ފެނިގެންދާނެ މެޗެއްކަން ޔަގީނެވެ.
ނައިވާދޫ އާއި އިނގުރައިދޫން ވެސް މަސައްކަތް ކުރަމުން އަންނަނީ ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދުމަށެވެ. އެހެންވެ، މި ފަހަރުގެ މުބާރާތަށް ރަނގަޅު ފެންވަރަކަށް، ދުރާލާ މި ދެ ޓީމުން ވެސް ތައްޔާރުވި އެވެ.
މާފަންނު - ވާދޫ (21:00)
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ވަގުތު ދެމި އޮތް އަށް ޓީމުގެ ތެރެއިން ތިމަރަފުށީގެ އިތުރުން ދެން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަކަށް ހަމައެކަނި އޮތީ މާފަންނު އެވެ. މާފަންނުން މި ފަހަރުގެ މުބާރާތަށް ތައްޔާރުވީ ދެ ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގަ އެވެ.
މާލެ ޒޯންގެ ޗެމްޕިއަންކަން ހޯދި މާފަންނު ޓީމަށް މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ މިރޭ ވާދޫއާ ދެކޮޅަށް ކުޅެން ޖެހޭނެ މެޗެވެ. ގދ. އަތޮޅުގެ ތަށި ހޯދި ވާދޫ ޓީމަކީ މި ފަހަރުގެ މުބާރާުތުގައި އެންމެ "ފައިޓިން ސްޕިރިޓް" ރަނގަޅު އެއް ޓީމެވެ. މެޗުތަކުގައި ނަތީޖާ ނެރުމަށް އެ ޓީމުން އެކުގައި ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާތަނަށް ފެންނަނީ ރަނގަޅަށެވެ. އެހެންކަމުން، މާފަންނާ ދެކޮޅަށް ވެސް ވާދޫން މިރޭ ނުކުންނާނީ އެ ރޫހުގަ އެވެ.
މާފަންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެއް ލެވަލެއްގައި ކުޅެވޭނެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނުމެވެ. އަދި ފުޓްސަލްގެ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް މާފަންނު ޓީމުގައި ހިމެނުމަކީ އެ ޓީމު ކުރިއަށްދާން ބަލާއިރު، "އެޑްވާންޓޭޖެއް"ގެ ގޮތުގައި ނެގޭނެ ކަމެއް ކަމަށް މާފަންނު ޓީމުން ދެކެ އެވެ.
ކުޑަހުވަދޫ - އޭދަފުށި (21:00)
ކުޑަހުވަދޫ އާއި އޭދަފުށިން ވެސް މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށީ ދާދި އެއް ކަހަަލަ ގޮތަކަށެވެ. އެ ގޮތުން ކުޑަހުވަދޫ އަތޮޅު ބުރުގެ ފުރަތަމަ މެޗުން ދ. މާއެނބޫދޫ އަތުން ބަލިވިއިރު، އޭދަފުށި ވަނީ ފުރަތަމަ މެޗުގައި ބ. ފެހެންދޫއާ އެއްވަރުވެފަ އެވެ.
އެކަމަކު، މެޗަކަށް ފަހު މެޗެއް ކުރިއެރުން ހޯދައި، އޭދަފުށިން ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފެހެންދޫ ބަލިކޮށްފަ އެވެ. އަނެއްކޮޅުން، ކުޑަހުވަދޫން ވަނީ އެ އަތޮޅު ފައިނަލުގައި މާއެނބޫދޫ ކައިރިން ބަދަލުހިފައި، ދ އަތޮޅުގެ ތަށި ހޯދައިފަ އެވެ.
ޒޯން ބުރުގައި ކުޑަހުވަދޫ ވަނީ ތިމަރަފުށި ބަލިކޮށް ޒޯން ފަހެއްގެ ތަށި ހޯދައިފަ އެވެ. އަނެއްކޮޅުން އޭދަފުށި ވަނީ ޒޯން ދޭއްގެ ފައިނަލުން އިނގުރައިދޫއާ ކުޅެގެން ބަލިވެފަ އެވެ.
އެހެން ނަމަވެސް، ގަދަ 16 ބުރަށް ބަލާއިރު، އޭދަފުށިން ވަނީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ދެއްކި އެންމެ ރަނގަޅު ކުޅުމާ އެކު، ޒޯން ހަތެއްގެ ޗެމްޕިއަން، ޏ. ފުވައްމުލަކު ދަނޑިމަގު ބަލިކޮށްފަ އެވެ.
މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅެފައިވާ އޭދަފުށްޓާއި މިދިޔަ އަހަރު ސެމީގައި ކުޅުނު ކުޑަހުވަދޫ މިރޭ ބައްދަލުކުރާ މެޗަކީ ކުއާޓާ ފައިނަލުގެ ހަތަރު މެޗުގެ ތެރެއިން ގިނަ ބަޔެއް ސަމާލުކަން ދޭނެ މެޗެކެވެ.












