ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލު ހިންގަ ކަމަށް ތުހުމަތުކޮށް މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މުހްޔިއްދީން ޔާސީންއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހު އިންތިހާބުން ބަލިވުމާ އެކު އާ ބޮޑު ވަޒީރު އަންވަރު އިބްރާހިމްގެ ވެރިކަމުގައި އުމުރުން 75 އަހަރުގެ މުހްޔިއްދީން ހައްޔަރު ކުރި އެވެ.
އެމަނިކުފާނަށް ތުހުމަތު ކުރަނީ ކުރީ ސަރުކާރުން ކޮވިޑަށް ކަނޑައެޅި ފަންޑު މެދުވެރިކޮށް މަނީ ލޯންޑާ ކުރި ކަމަށާއި ރިޝްވަތުގެ އަމަލުތައް ހިންގެވި ކަމަށެވެ.
އެމަނިކުފާނު ތުހުމަތުތައް ދޮގުކުރައްވަ އެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ބުނަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
މުހްޔިއްދީންއާ ދެކޮޅު ޖިނާއީ މައްސަލައެއް ފަށާފައިވާ، އަންނަ ޖުލައި މަހު މެލޭޝިއާގެ ސްޓޭޓްތަކުގެ އިންތިހާބު އޮންނާނެ އެވެ.
މުހްޔިއްދީންއަކީ ކޮރަޕްޝަންގެ ދައުވާ ކުރިމަތިވި މެލޭޝިއާގެ ދެ ވަނަ ބޮޑު ވަޒީރެވެ. އޭގެ ކުރިން ކުރީގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ހުކުމް ކުރި އެވެ.
ކުށް ސާބިތުވެއްޖެ ނަމަ މުހްޔިއްދީނަށް 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. ހުކުރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން އެމަނިކުފާނު ދޫކޮށްލީ ކަފާލާތުގެ ދަށުން ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.










