ޗައިނާގެ ޕާލަމެންޓުން އާ ޕްރިމިއާގެ މަގާމަށް ލީ ޗިއާންގް ހަމަޖައްސައިފި އެވެ.
ޕްރިމިއާގެ މަގާމަށް ލީ ޗިއާންގްގެ ނަން ހުށަހެޅުއްވީ ރައީސް ޝީ ޖިންޕިން އެވެ.
ލީ ޗިއާންގްއަކީ ޗައިނާގެ އެންމެ ބޮޑު ސިޓީ ޝަންހާއީގެ ކޮމިއުނިސްޓް ޕާޓީ ލީޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޗައިނާގެ ޕާލަމެންޓް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 2،900 އަށް ވުރެ ގިނަ ޑެލެގޭޓުންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ ޑެލެގޭޓުންގެ ވޯޓު އުމުރުން 63 އަހަރުގެ ލީ ޗިއާންގްއަަށް ލިބިވަޑައިގެންނެވި އެވެ.
ލީ ޗިއާންގްއަކީ ރައީސް ޝީ ޖިންޕިންގެ ގާތް ބޭފުޅެކެވެ. ރިޕޯޓުތައް ބުނާ ގޮތުން 2،936 ޑެލެގޭޓުންގެ ވޯޓު ލީ ޗިއާންގްއަަށް ލިބިވަޑައިގެންނެވި އިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ ތިން ޑެލެގޭޓުންނެވެ. އަށް ޑެލެގޭޓުން ވޯޓުގައި ބައިވެރިނުވެ އެވެ.
އޭގެ ފަހުން ލީ ޗިއާންގް ވަނީ ޕްރިމިއާ ކަމުގެ ހުވާ ކުރައްވައިފަ އެވެ. ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޝަންހާއީގެ ލޮކްޑައުންގެ ކަންކަން ބެލެހެއްޓެވީ ލީ ޗިއާންގް އެވެ.
ޕްރިމިއާ ކަމަށް ލީ ޗިއާންގް ހަމަޖެއްސި އިރު، ރައީސް ކަމަށް ތިން ވަނަ ދައުރަކަށް ޝީ ޖިންޕިން ހަމަޖެއްސީ ހުކުރު ދުވަހު އެވެ.
ޗައިނާގައި މީގެ ކުރިން އޮންނަނީ ރައީސްކަމުގެ ދެ ދައުރެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރު ޝީ ޖިންޕިން ވަނީ އެ އުސޫލު ބަދަލުކުރައްވައިފަ އެވެ.










