ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ޒޯން ބުރުގެ ފަހު ފައިނަލް މެޗުތަކުން މޮޅުވެ، މ. ދިއްގަަރާއި ކ. ގާފަރު އަދި ދ. ކުޑަހުވަދޫން ޒޯން ތަށި އުފުލާލައިފި އެވެ.
ޒޯން .ހަތަރެއްގެ ތަށި ދިއްގަރުން ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-6 އިން އދ. މާމިގިލި އަތުން މޮޅުވެގެންނެވެ. ޒޯން ތިނެއްގެ ފައިނަލުގައި އއ. ބޮޑުފޮޅުދޫގެ މައްޗަށް 1-0 އިން ކުރިހޯދައި، ކ. ގާފަރުން އެ ޒޯން ކާމިޔާބުކުރިއިރު، ފަހަތުން އަރައި 2-1 އިން ތ. ތިމަރަފުށި ބަލިކޮށް، ދ. ކުޑަހުވަދޫން ވަނީ ޒޯން ފަހެއްގެ ތަށި އުފުލާލައިފަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭގެ މެޗުތައް ކުޅުނުއިރު، މި މެޗުތައް އެންމެ ފުރަތަމަ ކުޅެން ރޭވިފައި އޮތީ އާދިއްތަ ދުވަހުގެ ރެ އަށެވެ. އެކަމަކު، ވިއްސާރައިގެ ސަބަބުން ރެ އަށް ފަސް ކުރަން ޖެހުނީ އެވެ.

ޒޯން ހަތަރެއްގެ ތަށްޓާ އެކު ދިއްގަރު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރޭގެ މެޗަށް ދިއްގަރުން ނުކުތީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ކެޕްޓަން އިބްރާހީމް ރިއްފަތު ނެތި އެވެ. އެކަމަކު، މެޗު ފެށިގެން މާ ގިނައިރެއް ނުވެ، ނޫހު މައްސޫދު ރަނގަޅު ތަނަށް އަރައި، ނިންމާލި ބޯޅައިން ދިއްގަރު ލީޑުނެގި އެވެ. ދިއްގަރަށް މާ ގިނައިރު ލީޑު ހިފަަހައްޓައިނުލެވުނެވެ. މާމިގިލިން ނެގި ކޯނަރެއްގައި ދިއްގަރު ކުޅުންތެރިން ނުވިސްނައި ހުއްޓައި، ނޫހު ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ބޯޅަ ވަނީ ބައިކޮޅަށެވެ.
ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނު މި ފައިނަލުގައި، ދިއްގަރުން ވަނީ ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ވައްދާލައިފަ އެވެ. މާމިިގިލިން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ހައިޝަމް އަރީފް އާއި އިބްރާހިމް ރިޒުހާން (ރިޒްކޮ)ގެ ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. ދިއްގަރުން ޕެނަލްޓީ ނާކާމިޔާބުވީ މުހައްމަދު އަލީ އަތުންނެވެ. މާމިގިލީގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ނިޒާމް (ނިޒާމްބެ)، ހިސާމް ސަލީމް (ކޮކީ)، އިބްރާހިމް މައިސާން އަދި އިސްމާއިލް ސައިފް (ސާއިއްޓެ) އެވެ. ދިއްގަރުގެ އަހުމަދު މިދުހަތު މަހުމޫދު، ނޫހު، ހުސެއިން ފާރިޝް، އަލީ މާޖިދު އަދި އަލީ ވިއާމް ވަނީ ޕެނަލްޓީ ވައްދާލައިފަ އެެވެ.
މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހީ މާމިގިލީގެ ކޮކީ އެވެ. އަދި މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްގަރުގެ މުހައްމަދު އަލީ އެވެ.

ޒޯން ތިނެއްގެ ފައިނަލުގައި ބޮޑުފޮޅުދޫ އާއި ގާފަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގާފަރުން ރޭ ކުޅުުނު ޒޯން ތިނެއްގެ ފައިނަލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ޖެހި ގޯލުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ޒޯނުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަލީ މާއިސް (މައްޓު) އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ އަކުން ރޭގެ ފައިނަލުގައި ގާފަރުގެ ހަމައެކަނި ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން، ސާމިން މުހައްމަދު ނަސީރު އެވެ.
މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހީ ގާފަރުގެ ނާއިހު މުފީދު (ނާހު) އެވެ. ރޭގެ ފައިނަލުގައި ނާހު ރަނގަޅު ހަމަލާތަކެއް ފޮނުވާލިއިރު، އެއް ޝޮޓް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
ޒޯން ބުރުގެ ފަހު މެޗުގައި ތިމަރަފުށި އަތުން ބަލިވި ނަމަވެސް ޒޯން ފައިނަލުގައި ރޭ ކުޑަހުވަދޫން ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އެ ގޮތުން، ތިމަރަފުށިން މެޗުގެ ކުރީކޮޅުގައި އިބްރާހިމް އަސްވަދު (ގަބޭ) އިން ބޯޅަ އަކަށް އޭރިއާތެރެއިން އަރައި، އިބްރާހިމް ހަމްދާން (މެސީ) ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަަމަކު، ކުޑަހުވަދޫން ވަނީ ކޮންމެ ހާފަކު ގޯލެއް ޖަހައި، ތިމަރަފުށި ބަލިކޮށް ޒޯން ތަށި އުފުލާލައިފަ އެވެ. ކުޑަހުވަދޫގެ ދެ ގޯލު ވެސް ޖެހީ ހާރޫން އިބްރާހިމް (ހާންޑޯ) އެވެ.
ކުޑަހުވަދޫގެ ޖުމައިލް ޖަލީލް (ޖުމްބެ) ޒޯން ފަހެއްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނުއިރު، މި ޒޯނުގައި އެންމެ ގިނަ ގޯލު ޖެހީ ތިމަރަފުށީ ޓީމުގެ ހަމްދާން އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ބުރުގެ މެޗުތައް އޮންނާނީ މާދަމާރޭ އެވެ.












