ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ދިން ހަމަލާއެއްގައި ނުވަ ސެކިއުރިޓީ އޮފިސަރުން މަރުވެ އިތުރު 13 މީހުންނަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގީ ބަލޮޗިސްތާން ޕްރޮވިންސްގައި ސެކިއުރިޓީ އޮފިސަރުން ފެސްޓިވަލެއް ނިންމާލުމަށް ފަހު ގެތާ ސިޓީއަށް ދަތުރު ކުރަނިކޮށެވެ.
ފޮޓޯތަކުން ފެންނަނީ ފުލުހުންގެ ޓްރަކެއް ފުރޮޅާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. މިއީ ބަލޮޗިސްތާންގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ސެކިއުރިޓީ ފައުޖުތަކަށް އަމާޒުކޮށް ދިން ދެ ވަނަ ހަމަލާ އެވެ.

އެ ހަމަލާތަކުގެ ޒިންމާ އެއްވެސް ގްރޫޕަކުން މިހާތަނަށް އުފުލާފައެއް ނުވެ އެވެ. ރޮއިޓާޒްއިން ބުނީ ހަމަލާ ދިނީ މީހަކު ސައިކަލެއްގަައި ދުއްވާފައި ގޮސް ޓްރަކުގައި ޖައްސައިގެން ކަމަށެވެ. ބަލޮޗިސްތާންގެ ސަރުކާރުން ހަމަލާ ކުށްވެރިކޮށް ބުނީ ތަހުގީގެއް ކުރިއަށް ދާ ކަމަށެވެ.
ޕާކިސްތާނުގެ ސެކިއުރިޓީ ފައުޖަށް އަމާޒުކޮށް ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އާދީއްތަ ދުވަހު ބަލޮޗިސްތާން ޕްރޮވިންސްގެ ގްވާދާރް ސިޓީގައި ދިން ބޮމުގެ ހަމަލާއެއްގައި ސެކިއުރިޓީ އޮފިޝަލަކު މަރުވެ އިތުރު އަށް މީހުންނަށް އަނިޔާވި އެވެ.
އެ ހަމަލާގެ ޒިންމާ ނެގީ ސަރުކާރާ ވަކިވެގެން އުޅޭ ޓެރަރިސްޓް ގްރޫޕެއް ކަމަށްވާ ބަލޮޗިސްތާން ލިބެރޭޝަން ފްރަންޓުންނެވެ.
ޖެނުއަރީ 30 ވަނަ ދުވަހު ޕެޝާވަރް ސިޓީގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 80 އަަށް ވުރެ ގިނަ ފުލުހުން މަރުވި އެވެ.










