ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުމަށް ހަމަޖެހިފައި އޮތް މެޗުތައް ވިއްސާރައިގެ ސަބަބުން ކެންސަލް ކުރަން މުބާރާތް އިންތިޒާމްކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އިން ނިންމައިފި އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މިރޭ ބުނީ މާލެ ސަރަހައްދަށް ކުރާ ވިއްސާރައިގެ ސަބަބުން މެޗުތައް މިރޭ ކުޅެވޭތޯ ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށާއި މިހާރު އޮތް ގޮތުން، ހަމަކުރިން އޮތް ޝެޑިއުލަށް މާދަމާރޭ ފަހު ތިން ޒޯންގެ ފައިނަލް ކުޅޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ރޭވިފައި އޮތްގޮތުން، މިރޭ އެންމެ ފުރަތަމަ 20:00 ޖަހާއިރު ކުޅެން އޮތީ ޒޯން ހަތަރެއްގެ ފައިނަލުގައި، އދ. މާމިގިއްޔާއި މ. ދިއްގަރު ކުޅޭ މެޗެވެެ. އެ އަށް ފަހު، 21:00 ގައި ޒޯން ތިނެއްގެ ފައިނަލުގައި، ކ. ގާފަރާއި އއ. ބޮޑުފޮޅުދޫ ވާދަކުރާ މެޗެވެ. އަދި 22:00 ގައި ކުޅެން ޝެޑިއުލްކުރީ، ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ބައްދަލުކުރާ ޒޯން ފަހެއްގެ ފައިނަލެވެ.
މިހާރު މި ތިން މެޗު ވެސް ކުޅޭނީ މޫސުން ތަންދޭނަމަ މާދަމާރޭ އެވެ.
މި ތިން މެޗާ އެކު މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރު ނިމޭނެ އެވެ. އެ އަށް ފަހު އަށް ޒޯނުގެ ފައިނަލުގައި ވާދަކުރި 16 ޓީމުގެ މެދުގައި ފަށާނީ ގަދަ 16ގެ ނޮކައުޓް ބުރެވެ.












