ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރޭގެ މެޗުތަކަށް ފަހު، ރ. އިނގުރައިދޫ އާއި ޏ. ފުވައްމުލަކު ދަނޑިމަގުން ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.
ޒޯން ދޭއްގެ ތަށި އިނގުރައިދޫން ހޯދީ ދެ ވަަނަ ލެގުގައި ބ. އޭދަފުށި 2-0 އިން ބަލިކޮށް، 5-1 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރިހޯދައިގެންނެވެ. ޒޯން ހަތެއްގެ ޗެމްޕިއަންކަން، ދަނޑިމަގުން ހޯދީ ރޭގެ މެޗުން 4-3 އިން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު، ސ. ފޭދޫގެ މައްޗަށް 7-4 އިން ކުރިލިބޭތީ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އިނގުރައިދޫން ލީޑުނެގީ މުހައްމަދު މަމްދޫހު ޖެހި އެކްރޮބެޓިކް ކިކުންނެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅުގައި އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު ކުރިއަށް އަރައި ހުރި ވަގުތުގައި ލިބުނު ފުރުސަތުން، އަހުމަދު އައިހަމް (އައިހު) ވަނީ އިނގުރައިދޫގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ޒޯނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިއަކީ އައިހު އެވެ.
ދަނޑިމަގާއި ފޭދޫގެ ކުރިމަތިލުން ރޭ ފޯރިގަދަކޮށް ދިޔައިރު، ދަނޑިމަގުގެ މުހައްމަދު ސާދު ނިޒާރު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ އަބްދުﷲ ރަޝީދު އެވެ. ފޭދޫގެ ލަނޑުތައް ޖެހީ ހުސެއިން ސާމު ސައީދު އާއި އަލީ ނާފިއު (ކަޅޭ) އަދި ހުސެއިން ލައުހު އެވެ.

ދަނޑިމަގު ކުޅުންތެރިން ތަށްޓާ އެކު އުފާާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގަދަ 16 ބުރުގައި ބައްދަލުކުރަން ޖެހެނީ ޒޯން ދޭއްގެ ޗެމްޕިއަން، އިނގުރައިދޫ އާއި ހަތެއްގެ ރަނަރަޕް، ފޭދޫއާ އެވެ. ޒޯން ދޭއްގެ ރަނަރަޕް އޭދަފުށިން ކުޅޭނީ ޒޯން ހަތެއްގެ ޗެމްޕިއަން ދަނޑިމަގާ އެވެ.
ބޮޑުފޮޅުދޫ އާއި ދިއްގަރު ޒޯން ފައިނަލަށް
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ވަނީ ޒޯން ތިނަކާއި ހަތަރެއް އަދި ފަހެއްގެ ލީގު ބުރުގެ ބާކީ މެޗުތައް ކުޅެފަ އެވެ.
ޒޯން ތިނެއްގައި ދިއްފުށި އަތުން 6-1 އިން މޮޅުވެ، ބޮޑުފޮޅުދޫ ވަނީ އެ ޒޯނުގެ ފައިނަލުގެ އަނެއް ޖާގަ ހޯދައިފަ އެވެ. ބޮޑުފޮޅުދޫން ފައިނަލުގައި ކުޅޭ ކ. ގާފަރު ވަނީ ރޭ ޅ. ކުރެންދޫ އަތުން 2-0 އިން މޮޅުވެފަ އެވެ.
ޒޯން ހަތަރެއްގައި ރޭ މ. ދިއްގަރުން ވަނީ 3-2 އިން އދ. މަހިބަދޫ ބަލިކޮށް، އެ ޒޯނުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ވެސް ޒޯން ހަތަރެއްގެ ފައިނަލުން ފުރުސަތު ހޯދާފައިވާ އދ. މާމިިގިލި ވަނީ 4-3 އިން މ. ނާލާފުށި އަތްދަށުވެފަ އެެވެ.
ޒޯން ފަހެއްގެ ފައިނަލަށް ދަތުރުކޮށްފައިވާ، ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫ ރޭ ކުޅުނު މެޗުން ތިމަރަފުށި ވަނީ 2-0 އިން މޮޅުވެފަ އެވެ. މި ޒޯނުގެ އަނެއް މެޗުން ތ. ކިނބިދޫން ވަނީ 8-2 އިން ފ. މަގޫދޫ ބަލިކޮށްފަ އެވެ.
އެއްވަރުކޮށްލައިގެން ވެސް ޒޯން ފައިނަލަށް ދެވެން އޮތް ދިއްފުށި ރޭގެ މެޗުގައި ބޮޑުފޮޅުދޫ އަތުން ބަލިވިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ޖާދުﷲ އަހުމަދު ހެޓްރިކަކާއި އަލީ ޝަނީޒް، މުހައްމަދު ޝިރުހާން އަދި ރުކުޝާން ޖަމީލް އެވެ. ދިއްފުށީގެ ހަމައެކަނި ލަނޑު ޖެހީ ރިލްވާން ރަޝީދު އެވެ. ގާފަރުން ކުރެންދޫ ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ ނާއިހު މުފީދު (ނާހު) އާއި އަޒްޔާން އިބްރާހިމް އެވެ.
ތިމަރަފުށިން ކުޑަހުވަދޫ ބަލިކުރިި މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުށީގެ ލަނޑުތައް ޖެހީ އާދަމް ނާސިހު (އާދަންނާ) އާއި އިބްރާހިމް ހަމްދާން އެވެ. މަގޫދޫ ކޮޅަށް ކިނބިދޫގެ ލަނޑުތައް ޖެހީ މުހައްމަދު ސަހާއު (ބޭލް) ދެ ގޯލާއި އަލީ އަޒުހަދު، އަލީ ފަޔާހު، އަލީ ހަމްދާން ހުސެއިން، އިބްރާހިމްް އިމްރާހު އަދި މުހައްމަދު ޝާފިއު އެވެ. މަގޫދޫން ލަނޑު ޖެހީ މިޖުވާދު އަބްދުލް ސައްތާރާއި އައްމާރު ބިން އަހުމަދު މުސްތަފާ އެވެ.
މަހިބަދޫ ކޮޅަށް ދިއްގަރުގެ މުހައްމަދު އަލީ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު މިދުހަތު މަހުމޫދު އެވެ. މަހިބަދޫގެ ދެ ގޯލު ވެސް ޖެހީ ސުއައިދު ސައީދު އެވެ. މާމިިގިލި ބަލިކުރަން ނާލާފުށީގެ އަހުމަދު ރަފާހު އާއި ޝަފްރާޒް އަބްދުލް ސައްތާރު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މި މެޗުގައި މާމިގިލީގެ ހިސާމް ސަލީމް (ކޮކީ) ވަނީ ހެޓްރިކެއް ހަދައިފަ އެވެ.












