މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނަޔަމް ޖަޔަޝަންކަރާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މިބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތަކާއި ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް އަބަދުވެސް ދެމުންގެންދާ އެހީއަށް ޝުކުރުއަދާކުރައްވައި, ދެ ގައުމުގެ މެދުގައި ގަވައިދުން މަޝްވަރާތައް ބޭއްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ޖަޔަޝަންކަރުގެ ވާހަކާގައި ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި ދެ ގައުމުގެ އިގްތިސޯދީ ގުޅުމުގެ ކާމިޔާބީ ފާހަގަކުރައްވައި, އިންޑިއާގެ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިންޑިއާ އާއި ރާއްޖެއިން ވެސް ދެ ގައުމުގެ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ދެ ގައުމަށް މުހިއްމު ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ އަށްވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ގައެވެ.













