ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އަދި މެތެމެޓިކްސްއަށް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ސްޓެމް ފެއާ" އަށް ދަރިވަރުން ހުށަހެޅި ޕުރޮޖެކްޓުތައް ބަލައިލުމުގެ ފުރުސަތު އާންމުންނަށް ހުޅުވައިލުމަށް ނިންމައިފި އެވެ.
ފެއާއަށް ކުދިން ތައްޔާރު ކުރި ޕްރޮޖެކްޓުތައް ބަލައިލުމަށް އާންމުންނަށް ހާއްސަ ކޮށްފައިވާ ގަޑިއަކީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
އެޑިއުކޭޝަން މިނިސްޓަރީ އާއި ވިމެން އިން ޓެކްއާ ގުޅިގެން އުރީދޫން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާގައި ހަތް ސްކޫލަކުން ބައިވެރިވެ އެވެ. އޭގެތެރޭގައި އަރަބިއްޔާ، އިސްކަންދަރު، ބްރައިޓުވޭގެ އިތުރުން މަޖީދިއްޔާ އަދި ކަލާފާނު ސްކޫލު ހިމެނެ އެވެ.

އުރީދޫ ސްޓެމް ފެއާއަށް އިސްކަންދަރު ސްކޫލުގެ ދަރުވަރުން ތައްޔާރު ކުރި ޕްރޮޖޮކްޓެއް ދައްކާލަނީ -- ފޮޓޯ: އުރީދޫ
މާލެ، އިއްޒުއްދީން ސްކޫލުގައި ފެށި އެ ފެއާގައި އިއްޔެ އޮތީ ބައިވެރިން ތައްޔާރުކުރި ޕްރޮޖެކްޓުތަކަށް ފަނޑިޔާރުން އިންސާފު ކުރުމެވެ.
ފަނޑިޔާރުން ދެއްވާ މާކުހާއި އެއްގޮތަށް ވަނަތައް ހޮވައި އިނާމު ދިނުން އޮންނާނީ މިއަދު ހަވީރު 4:00 އިން 6:00 އަށް އޮންނަ އެވޯޑު ހަފުލާގަ އެވެ.
އެ ފެއާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒު ވިދާޅުވީ ސްޓެމް ފެއާއެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބު ހޯދުމަށްޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ އިލްމާއި ހުނަރުން އެކުދިން ބާރުވެރި ކުރުން ކަމަށެވެ.
"ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސްޓެމް ފެއާ ބޭއްވުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ނިޔާޒު ވިދާޅުވީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ހިދުމަތްތަކާ އެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ދަނީ ބޮޑެތި ބަދަލު ތަކެއް އަންނަމުންކަމަށާއި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުން މިދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ ކަމަށް ދެކިލައްވާ ކަމަށެވެ.
އުރީދޫއިން ބުނީ އެ ފެއާގައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެނީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމަށާއި ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުމަށް ކަމަށެވެ.










