އެސްޓީއޯގެ ރަމަޟާން ބާޒާރާ ގުޅުވައިގެން ކުރިއަށްގެންދާ 'ވީކެންޑު ފިއެސްޓާ' މިއަދު ފަށައިފި އެވެ.
މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ކޮންމެ ހަފުތާ ބަންދެއްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ފިއެސްޓާގައި އެސްޓީއޯއިން ވިއްކާ މުދަލުގެ އިތުރުން އެސްޓީއޯގެ ރެކުތައް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރާ ފަރާތްތަކުން ވިއްކާ މުދަލުންވެސް ހާއްސަ ޑިސްކައުންޓު ލިބޭނެ އެވެ.
ވީކެންޑު ފިއެސްޓާ ފެށުމުގެ ގޮތުން މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިއަށް ގެންދިޔަ ރަހަ ބެލުމުގެ އިވެންޓަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ.
އެ ފިއެސްޓާ ކުރިއަށް ގެންދާ ހަފުތާތަކުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 1000ރ. އަށްވުރެ މަތިން އައިސް އަލަމާރި އާއި ދޮންނަ މެޝިނާއި އަވަން ފަދަ ގޭތެރޭގައި ބޭނުން ކުރާ ސާމާނުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
އެސްޓީއޯ ވީކެންޑު ފިއެސްޓާ ކުރިއަށް ދާނީ މި ހަފުތާ ނުހިމަނައި ކުރިއަށް އޮތް ދެ ހަފުތާ ބަންދުގެ ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 10:00 އަށެވެ.
އެސްޓީއޯގެ ވީކެންޑު ފިއެސްޓާ މިމަހު ނިމުނު ނަމަވެސް އެސްޓީއޯގެ ރަމަޟާން ބާޒާރު އަންނަ މަހު 29 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި ރީޖަނަލް ފިހާރަތަކުން 500ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ އެވެ.
ކޫޕަން ފުރާފައި ހުށަހަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އެސްޓީއޯއިން ހުށަހަޅާފައި ވަނީ ދެ މީހުންގެ އުމްރާ ދަތުރެކެވެ.











