ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅުނު މެޗުތަކަށް ފަހު ށ. ކަނޑިތީމު، ހދ. ނައިވާދޫ، ގދ. ވާދޫ، މާފަންނު އަދި ވިލިމާލެ ވަނީ ޒޯން ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ރޭ ޒޯން އެކެއްްގެ ސެމީ ފައިނަލުގައި ނައިވާދޫން ވަނީ ފަސޭހަކަމާ އެކު 4-0 އިން ށ. އަތޮޅުގެ ޗެމްޕިއަން، ފޯކައިދޫ ބަލިކޮށްފަ އެވެ. އެ ޒޯނުގެ އަނެއް ސެމީގައި ށ، އަތޮޅުގެ ރަނަރަޕް، ކަނޑިތީމުން ވަނީ ފޯރިގަދަ މެޗަކަށް ފަހު 2-1 އިން ހދ. އަތޮޅުގެ ރަނަރަޕް ނޭކުރެންދޫ ބަލިކޮށްފަ އެވެ.

ޒޯން އެކެއްގެ ސެމީ ފައިނަލްގައި ކަނޑިތީމާއި ނޭކުރެންދޫ ކުޅުުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޒޯން ހައެއްގައި ރޭގެ މެޗުތަކަށް ނުކުތްއިރު ވެސް ލ. ގަން ވަނީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ގަން ވަނީ ފަހު މެޗުން 3-0 އިން ގއ. ނިލަންދޫ ބަލިކޮށްފަ އެވެ. އެ ޒޯނުގެ ފައިނަލުގެ އަނެއް ޖާގަ ހޯދީ 1-0 އިން ގއ. މާމެންދޫ ބަލިކުރި ގދ. ވާދޫ އެވެ. ލަން، ޒޯންގެ ލީގު ބުރު އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ވާދޫ އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މާމެންދޫން ޕޮއިންޓެއް ހޯދިއިރު، ނިލަންދޫ އަށް ޕޮއިންޓެއް ނުލިބި އެވެ.
މާލޭ ޒޯންގައި ރޭ މައްޗަންގޯޅިން ވަނީ 7-0 އިން ހުޅުމާލެ ބަލިކޮށްފަ އެވެ. ވިލިމާލެ އާއި މާފަންނުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ޒޯނުގެ ފައިނަލުން ޖާގަ ހޯދި ގަދަ ދެ ޓީމު ކަމަށްވާ ވިލިމާލެ އާއި މާފަންނަށް ފުރުސަތު ލިބުނީ ފަަސް ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔައީ ހަތަރު ޕޮއިންޓް ލިބުނީ މައްޗަންގޯޅި އަށެވެ. ފުލުގައި ނިންމި ހުޅުމާލެ އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ޒޯން އެކެއްގެ ސެމީ ފައިނަލްގައި ނައިވާދޫ އާއި ފޯކައިދޫ ކުޅުނު މެޗުގެ ތެރެއިން: ނައިވާދޫގެ ޝާއްޕެ ބޯޅަ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ނައިވާދޫގެ ގޯލުތައް ޖެހީ އަހުމަދު ހަމީދު (އައްމަޑޭ)، ޔާމީން މުހައްމަދު (ޔާންޓެ)، އަބްދުﷲ ވިސާމް (ވިސާންޓެ) އަދި އިސްމާއިލް ވަހީދު އެވެ. މި މެޗުގައި ފޯކައިދޫގެ ކުޅުންތެރިން ފޮނުވާލި ގިނަ ބޯޅަތަކެއް ނައިވާދޫގެ ކީޕަރު އަބްދުﷲ ސާމިން ވަނީ މަތަކޮށްފަ އެވެ.
ކަނޑިތީމަށް އިބްރާހިމް ނަދާދު (ކުޑައްޓޭ) ލީޑުނަގައިދީފައިވަނިކޮށް، މުހައްމަދު ވިލްފް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. ކަނޑިތީމު މޮޅު ކޮށްދިން ގޯލު ޖެހީ ވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުޑައްޓޭ އެވެ.
ޒޯން އަށެއްގައި ހުޅުމާލެ ކޮޅަށް މައްޗަންގޯޅިން ހަތް ގޯލު ޖެހިއިރު، ހުސެއިން ސަވީލް ދެ ގޯލު ޖެހި އެވެ. ދެން މައްޗަންގޯޅީގެ ގޯލުތައް ޖެހީ މުހައްމަދު ޝާހު، މުހައްމަދު ފާރިޝް އާދަމް، އިސްމާއިލް ޒާން އާމިރު، ހުސެއިން ޝާވިން އަދި ރިލްވާން ވަހީދު (ރިލޭ) އެވެ. ރިލޭ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނުއިރު، އޭނާ ގޯލެއް ޖެހީ ކީޕަރަކަށް ކުޅެމުންނެވެ.

މާފަންނު ޓީމުގެ ސުހައިލް (ކ) ކައިރިން ވިލިމާލޭގެ ޝިޔާހު ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ވިލިމާލެ އަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ އަހުމަދު ވަޖީހު (ވައްޖެ) އެވެ. ހުސެއިން ސުހެއިލް (ސޮކޭ)، މާފަންނު ޓީމަށް އެއްވަރުކޮށްދިންއިރު، މުހައްމަދު ޔަފާއު (ޔާ) ވަނީ މާފަންނަށް ކުރި ހޯދައިދީފަ އެެވެ. ވިލިމާލެ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން، އަލީ ޝިޔާހު (ޝިޔަޅޭ) އެވެ.
ގަމުން ރޭގެ މެޗުގައި ނިލަންދޫ ކޮޅަށް ޖެހި ގޯލުތަކަށް ބަލާއިރު، ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދެ ގޯލު ޖަހައިގެންނެވެ. ގަމުގެ އަނެއް ގޯލު ޖެހީ ޒައިދާން އަބްދުﷲ އެވެ. މާމެންދޫ ކޮޅަށް ވާދޫގެ ހަމައެކަނި ލަނޑު ޖެހީ އަޔާޒް އަހުމަދު (އަޔާ) ތަނަވަސްކޮށްދިން ފުރުސަތެއްގައި މުސަންނިފު މުހައްމަދު (މުއްސަ) އެވެ.
ދެ ޒޯން ފައިނަލާއި ޒޯން ބުރުގެ ހަ މެޗެއް މިރޭ ކުޅޭނެ އެވެ.
މިރޭގެ މެޗު ޝެޑިއުލް:
20:00: ޒޯން ދޭއް ފައިނަލް: ރ. އިނގުރައިދޫ - ބ. އޭދަފުށި
20:00: ޒޯން ހަތެއް ފައިނަލް: ޏ. ފުވައްމުލަކު ދަނޑިމަގު - ސ. ފޭދޫ
21:00: ޒޯން ފަހެއް: ތ. ތިމަރަފުށި - ދ. ކުޑަހުވަދޫ
21:00: ޒޯން ފަހެއް: ފ. މަގޫދޫ - ތ. ކިނބިދޫ
22:00: ޒޯން ތިނެއް: ކ. ގާފަރު - ޅ. ކުރެންދޫ
22:00: ޒޯން ތިނެއް: ކ. ދިއްފުށި - އއ. ބޮޑުފޮޅުދޫ
23:00: ޒޯން ހަތަރެއް: އދ. މާމިގިލި - މ. ނާލާފުށި
23:00: ޒޯން ހަތަރެއް: އދ. މަހިބަދޫ - މ. ދިއްގަރު












