ހުޅުމާލޭގައި ގާއިމުކޮށްފައި ހުރި ރަށު މާރުކޭޓުން ގޮޅިތައް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ހުޅުވާލައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޮޅި ކުއްޔަށް ދޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. ބީލަން ފެށޭ އަގަކީ 3500ރ. (ތިންހާސް ފައްސަތޭކަ ރުފިޔާ) އެވެ.
ހުޅުމާލޭ ރަށު މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ 23 ގޮޅި އެވެ. ގޮޅި ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ފޯމެވެ.
ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ މީހުންނަކީ ދިވެހިން ކަމުގައި ވާން ޖެހޭނެ އެވެ. އަދި އެމީހުންނަކީ މިހާރު ރަށު މާރުކޭޓުގައި ގޮޅި ހިންގަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.
ރަށު މާރުކޭޓުގައި ކުރުމަށް ހުއްދަ ކުރާ ވިޔާފީރީގެ ތަފުސީލު:
- ރޯ ތަކެތި (ކަނޑާއި އެއްގަމު މަހާއި ގުޅުން ހުރި ތަކެތި)
- މޭވާއާއި ތަރުކާރީ
- ރާއްޖޭގައި އުފައްދާ ކާބޯތަކެތި
- އާޓްސް އަދި ކްރާފްޓްސް
- ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ތަކެތި
- އިލެކްޓްރޯނިކްސް އަދި ގޭގައި ގެންގުޅޭ ސާމާނު
- ޕެޓް ފުޑް
- ސުވެނިއާ އަދި އާސާރީ ތަކެތި
- ރީޓެއިލް ފިހާރަ
- ތައްޔާރުކޮށްފައިވާ ކާބޯތަކެތި ވިއްކާ ކިއޮސްކު
ގޮޅި ކުއްޔަށް ހިފުމަށް އެދި ބީލަން ހުށަހަޅަންޖެހޭ ތާރީހަކީ އަންނަ ބުދަ ދުވަހުގެ ހެނދުނު 9:30 އިން 11:00 އެކެވެ. ބީލަން ހުށަހަޅަންޖެހޭ ތަނެއް ފަހުން އިއުލާނު ކުރާނެ އެވެ. އެ ދުވަހުގެ 11:00 އަށްފަހު ބީލަން ހުޅުވައި ބެލުމަށްފަހު އަގުތައް އެތަނަށް ހާޒިރުވާ އެންމެންގެ ކުރިމަތީގައި އިއުލާނު ކުރާނެ އެވެ. އެއަށްފަހު ގޮޅި ލިބޭ މީހުން ކަނޑައަޅައި އެ މީހުންގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި އާންމު ކުރާނެ އެވެ. އަދި އެމީހުންނަށް ލިޔުމުން ވެސް އެކަން އަންގާނެ އެވެ.
އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށް ތަރުތީބުން ގޮޅި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާއިރު, ގިނަ ފަރާތްތަކަކުން އެއް އަގެއް ހުށަހަޅާފައި ވާނަމަ ގޮތެއް ނިންމާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށްފަހު ކަމަށް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.
ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ ފަރާތްތަކުން ހުށަހަޅާ ބީލަން އަގުގެ ތިން މަހަށްވާ ކުލި ލީސް ޑިޕޮސިޓުގެ ގޮތުގައި އެޗްޑީސީއަށް ދައްކަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފާ ފަރާތްތަކުން އަދާ ކުރަންޖެހޭ ޒިންމާތަކާއި ބީލަން ހުށަހަޅާން ޖެހޭނެ ގޮތް ވަރަށް ތަފުސީލުކޮށް އެ ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތު ޝީޓުގައި ލިޔެފައިވެ އެވެ.










