ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްްގައި އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، ތ. ތިމަރަފުށި، ކ. ގާފަރު، އދ. މާމިގިލި އަދި ދ. ކުޑަހުވަދޫ ޒޯން ފައިނަލަށް ދަތުރުކޮށްފި އެވެ.
މީގެއިން ކޮންމެ ޓީމެއް ވެސް ޒޯން ފައިނަލަށް ދިޔައީ ބާކީ މެޗެއް އޮއްވަ އެވެ.
ރޭގެ ނަތީޖާތަކަށް ބަލާއިރު، ޒޯން ހަތަރެއްގައި އދ. މަހިބަދޫގެ މައްޗަށް ފަހަތުން އަރައި، އދ. މާމިގިލި ކާމިޔާބު ހޯދީ 3-1 އިންނެވެ. މި ޒޯނުގައި ރޭ މ. ނާލާފުށި އަތުން މ. ދިއްގަރު ވަނީ 4-0 އިން މޮޅުވެފަ އެވެ. ޒޯން ފަހެއްގައި ތިމަރަފުށިން 3-0 އިން ފ. މަގޫދޫ ބަލިކުރިއިރު، ދ. ކުޑަހުވަދޫން ވަނީ 3-0 އިން ތ. ކިނބިދޫ ބަލިކޮށްފަ އެވެ. އަދި ޒޯން ތިނެއްގައި ރޭ ކ. ގާފަރުން ކ. ދިއްފުށި އަތުން 3-1 އިން މޮޅުވިއިރު، އެ ޒޯނުގައި އއ. ބޮޑުފޮޅުދޫ އާއި ޅ. ކުރެންދޫ ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ޒޯން ހަތަރެއްގެ މެޗުގައި މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވަނީ މަހިބަދޫ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދީފަ އެވެ. ހާފު ނިމުމުގެ ކުރިން މާމިގިއްޔަށް އެއްވަރުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، ހިސާމް ސަލީމް (ކޮކީ) އެވެ. ދެ ވަނަ ހާފުގައި މާމިިގިލިން އިތުރު ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ އަހުމަދު ނިޒާމް (ނިޒާމްބެ) އާއި ކޮކީ އެވެ.
ރޭ ދިއްގަރުން ނާލާފުށި ކޮޅަށް ޖެހި ހަަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި، ދިއްގަރުގެ އިބްރާހީމް ރިއްފަތުގެ ހެޓްރިކް ހެދިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު މިދުހަތު މަހުމޫދު އެވެ.
މާމިގިއްޔަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، މަހިބަދޫ އާއި ދިއްގަރަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗުން ޒޯން ހަތަރެއްގެ ފައިނަލުގެ އަނެއް ޖާގަ ކަނޑައެޅިގެންދާނެ އެވެ.

ތިމަރަފުށީގެ އިބްރާހިމް ހަމްދާން (ވ) ޖަހާ ޝޮޓެއް ބްލޮކްކުރަން މަގޫދޫ ކުޅުންތެރިއަކު މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ޒޯން ފަހެއްގައި ތިމަރަފުށިން މަގޫދޫ ބަލިކުރީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ޝިފާއު (ރޮނާ)ގެ ދެ ގޯލާއި އާދަމް ނާސިހު (އާދަންނާ) ޖެހި ހިލޭ ޖެހުމުންނެވެ. ކުޑަހުވަދޫން ކިނބިދޫ ބަލިކުރީ ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން އިބްރާހިމް (ހާންޑޯ) އަދި މާޔިޒް ވަހީދު ޖެހި ގޯލުންނެވެ.
ޒޯން ފަހެއްގައި ތިމަރަފުށްޓާއި ކުޑަހުވަދޫ އެ ޒޯނުގެ ފައިނަލުން ފުރުސަތު ހޯދިއިރު، ޒޯނުގައި ދެން އޮތީ މި ދެ ޓީމުގެ ކުރިމަތިލުމެވެ. ކިނބިދޫ އާއި މަގޫދޫ ވަނީ ފުރަތަމަ ދެ މެޗުން ބަލިވުމުން ކަޓައިފަ އެވެ.
ގާފަރަށް ރޭގެ މެޗުގައި ދިއްފުށި ކޮޅަށް ތިން ގޯލު ޖަހައި ނާއިހު މުފީދު (ނާހު) ވަނީ ހެޓްރިކް ހަދައިފަ އެވެ. ދިއްފުށީގެ ޒައިން ޒަފަރު ނުލައި އެ ޓީމުން ކުޅެން ޖެހުނު މި މެޗުގައި، އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ކ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ހޮވުނު، އަހުމަދު މާޒިން އެވެ.
އަތޮޅު ފައިނަލުގައި ދިއްފުށިން ގާފަރު ބަލިކުރި މެޗު ފޯރިގަދަކޮށް ކުރިއަށްދިޔައިރު، ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ދިޔައީ ދަނޑުބޭރު ވެސް ފޯރިގަދަކޮށެވެ. ރޭގެ މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިން އެކުވެލައި، ސަޕޯޓަރުންގެ ތަރުހީބަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޒޯން ތިނެއްގައި އއ. ބޮޑޮފޮޅުދޫން މޮޅުވާން ދަނިކޮށް ކުރެންދޫ ވަނީ އެއްވަރުކޮށްފަ އެވެ. މި މެޗުގައި ބޮޑުފޮޅުދޫގެ ގޯލުތައް ޖެހީ ރުހުޝާން ޖަމީލް، ޖާދުﷲ އަހުމަދު އަދި އަލީ ޝާނީޒް އެވެ. މި މެޗުގައި ކުރެންދޫގެ ގޯލުތައް ޖެހީ މުހައްމަދު ނަބީހު އާއި މުހައްމަދު ރަފްހާންގެ އިތުރުން ބޮޑުފޮޅުދޫގެ ހުސައިން ނަވާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭގެ ޝެޑިއުލް:
20:00: ޒޯން އެކެއް: ހދ. ނައިވާދޫ - ށ. ފޯކައިދޫ
20:00: ޒޯން އެކެއް: ށ. ކަނޑިތީމު - ހދ. ނޭކުރެންދޫ
21:00: ޒޯން އަށެއް: ހުޅުމާލެ - މައްޗަންގޯޅި
21:00: ޒޯން އަށެއް: ވިލިމާލެ - މާފަންނު
22:00: ޒޯން ހައެއް: ލ. ގަން - ގއ. ނިލަންދޫ
22:00: ޒޯން ހައެއް: ގއ. މާމެންދޫ - ގދ. ވާދޫ












