ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއާ އެކު، ޒޯން އެކެއްގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް ހދ. ނައިވާދޫ އާއި ހދ. ނޭކުރެންދޫ އަދި ށ. ފޯކައިދޫ އަށް ލިބިއްޖެ އެވެ.
މިރޭގެ މެޗުތަކަށް އައިއިރު، ޒޯން އެކެއްގެ ސެމީން ފުރުސަތު ލިބިފައި އޮތް ހަމައެކަނި ޓީމަކީ ށ. ކަނޑިތީމު އެވެ. ޒޯން އެކެއްގެ އެއް ސެމީގައި ބައްދަލުކުރާނީ ކަނޑިތީމާއި ނޭކުރެންދޫ އެވެ. އަނެއް ސެމީގައި ނައިވާދޫން ކުޅޭނީ ފޯކައިދޫއާ އެވެ.
ޒޯން އެކެއްގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހއ.ގެ ޗެމްޕިއަން އުތީމު އާއި ނައިވާދޫ އެއްވަރުވީ 1-1 އިންނެވެ. މި ޒޯނުގެ އަނެއް މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު، ށ. އަތޮޅުގެ ޗެމްޕިއަން ފޯކައިދޫ ވަނީ 4-3 އިން ހއ.ގެ ރަނަރަޕް، ފިއްލަދޫ ބަލިކޮށްފަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗަށް ނުކުތްއިރު ވެސް އުތީމަށް ސެމީގެ ފުރުސަތެއް އޮތީ ރަނގަޅު ލީޑަކުން މޮޅުވެގެންނެވެ. އެ ޓީމުން މެޗުގައި ފުރަތަމަ ލީޑު ވެސް ނެގި އެވެ. މި ލަނޑު ޖެހީ މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އުތީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހުމަދު އައިހަމް އެވެ. ނައިވާދޫން އެއްވަރުކުރި ގޯލު އެ ޓީމަށް ޖަހައިިދިނީ އުތީމު ޑިފެންސް ތެރެއިން ލިބުނު ބޯޅައަކުން އަބްދުﷲ ވިސާމް އެވެ.
ފޯކައިދޫ އާއި ފިއްލަދޫ ބައްދަލުކުރި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބެން އޮތްއިރު، އެ މެޗު ދިޔައީ ވާދަވެރިކޮށެވެ. އެ ގޮތުން މި މެޗުގައި ފޯކައިދޫގެ ގޯލުތައް ޖެހީ އެ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިއަަކަށް ހޮވުނު މުހައްމަދު ރިސްވާން (ފުކޭ) ދެ ގޯލާއި އަހުމަދު ޝަމާލް އަދި އިބްރާހިމް މުޝީރު އެވެ. ފިއްލަދޫގެ އާދަމް އަބްދުލް ރަހީމް ދެ ގޯލު ޖެހިއިރު، އެ ޓީމުގެ މުހައްމަދު ހުސާމް ވަނީ ގޯލެއް ޖަހައިފަ އެވެ.
ގަން، ވާދޫ، މާފަންނު އަދި ވިލިމާލެ އަށް ޒޯނުގައި ފުރަތަމަ މޮޅު
ޒޯން ހައެއްގެ ގދ. ވާދޫ އާއި ލ.ގަން ކުޅުނު ފުރަތަމަ މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ޒޯން އަށެއްގައި ފުރަތަމަ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ޒޯން ހައެއްގައި ވާދޫ މިރޭ ވަނީ 4-0 އިން ގއ. ނިލަންދޫ ބަލިކޮށްފަ އެވެ. އެ ޒޯނުގައި ކުޅުނު އަނެއް މެޗުން، ލ. ގަން ވަނީ ގއ. މާމެންދޫގެ މައްޗަށް 3-1 އިން ކުރިހޯދައިފަ އެވެ. މާލެ ޒޯންގައި ރޭ މާފަންނުން 7-3 އިން ހުޅުމާލެ ބަލިކުރިއިރު، ވިލިމާލެ އިން ވަނީ 8-4 އިން މައްޗަންގޯޅި ބަލިކޮށްފަ އެވެ.
ވާދޫން ނިލަންދޫ ބަލިކުރިއިރު، ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ދެ ގޯލުގެ އިތުރުން އިބްރާހިމް ޝައުފް އަހުމަދާއި މުހައްމަދު ނާއިލް އެވެ. ގަމުން ރޭގެ މެޗުގައި އަހުމަދު ހަލީމް (އައްމަޑޭ)ގެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނެގިއިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ނަޒީފް ޝަރީފް ވަނީ ގޯލެއް ޖަހައި މާމެންދޫ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އައްމަޑޭ އާއި އަލީ ޝާމިސް (ތޮއްޕޭ) ޖެހި ގޯލުތަކުން ގަން ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ގޯލެއް ނުޖެހި ކަމުގައި ވިޔަސް ގަމުގެ ކެޕްޓަން، ހުސެއިން ޝަރީފް (އޮންލީ) ވަނީ ޑިފެންސާއި އެޓޭކްގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މާފަންނުން ރޭ ހުޅުމާލެ ކޮޅަށް ގޯލުތައް ޖެހީ ހަސަން ސުހައިލް (ސޮކޭ) ހަތަރު ގޯލާއި ހުސެއިން އަފްސަލް (އޮޒިލް) ދެ ގޯލުގެ އިތުރުން މުހައްމަދު ޔަފާއު (ޔާ) ގޯލެކެވެ. ހުޅުމާލޭގެ ތިން ގޯލު ޖަހައި އެ ޓީމުގެ މުސްތަފާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މުސްތަފާ ދެ ގޯލު ޖެހީ ހިލޭ ޖެހުމުންނެވެ.
ވިލިމާލޭން މައްޗަންގޯޅި ބަލިކުރިއިރު، ވިލިމާލެ ޓީމުގެ ލަނޑުތައް ޖެހީ އިސްމާއިލް ވަޖީހު (ވައްޖެ) ހެޓްރިކެއްގެ އިތުރުން އަބްދުﷲ ޝައްފާން (ޝާކާ) އާއި ހަސަން އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން އަލީ ޝިޔާހު (ޝިޔަޅޭ) ގޯލެކެވެ. މައްޗަންގޯޅީގެ ލަނޑުތައް ޖެހީ ހުސެއިން ސަވީލް، އިސްމާއިލް ޒާން އާމިރު، ހުސެއިން ޝާވިން އަދި ރިލްވާން ވަހީދު (ރިލޭ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ހަ މެޗު ކުޅޭނެ:
20:00: ޒޯން ހަަތަރެއް: އދ. މާމިގިލި - އދ. މަހިބަދޫ
20:00: ޒޯން ހަތަރެއް: މ. ދިއްގަރު - މ. ނާލާފުށި
21:00: ޒޯން ފަހެއް: ތ. ތިމަރަފުށި - ފ. މަގޫދޫ
21:00: ޒޯން ފަހެއް: ތ. ކިނބިދޫ - ދ. ކުޑަހުވަދޫ
22:00: ޒޯން ތިނެއް: އއ. ބޮޑުފޮޅުދޫ - ޅ. ކުރެންދޫ
22:00: ޒޯން ތިނެއް: ކ. ގާފަރު - ކ. ދިއްފުށި












