ބައެއް އެކައުންޓުތަކުން ފައިސާ ގެއްލެނީ އެ ބޭންކުގެ އެއްވެސް ސިސްޓަމެއްގެ މައްސަލައަކުން ނޫން ކަމަށާއި ފައިސާ ގެއްލެނީ ކަސްޓަމަރުންނަށް ހެދޭ ގޯސްތަކުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭތީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައި، ބޭންކުން މިއަދު ނޫސްތަކަށް ފޮނުވި ލިޔުމެއްގައި ބުނެފައި އޮތީ ބޭންކުގެ އެއްވެސް ސިސްޓަމެއް ކޮމްޕްރަމައިޒްވެފައިނުވާ ކަމަށާއި ފައިސާ ގެއްލެނީ ކަސްޓަމަރުންނަށް ހެދޭ ގޯސްތަކުން ކަމަށެވެ.
"ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކުގެ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމަށާއި އެކަމުގައި ބޭންކުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތްކަމަށް މި ބޭންކުންވާނީ އެކި ފަހަރުމަތިން މިކަމުގެ ޔަގީންކަންދީފައި،" ބީއެމްއެލުން ބުނެފައިވެ އެވެ.
ބީއެމްއެލުން އަބަދުވެސް އަންނަނީ ސެކިއުރިޓީއަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެ ބަދަލުތައް ގެންނަމުން ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.
"ސްކޭމް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ދާއިރު އެ ޓްރެންޑްތައް ބަދަލުވާ ގޮތަށް ބަލައި ބީއެމްއެލްއިން އަންނަނީ އެވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަމުން،" ބީއެމްލުން ބުނެފައިވެ އެވެ.
ބީއެމްއެލުން ބުނީ އެ ބޭންކަށް އަދިވެސް ހުށަހަޅާ މައްސަލަތަކުގައި ގިނައީ ކަސްޓަމަރުން ކޮންމެވެސް ސްކޭމަކަށް ހެއްލިގެން ފައިސާ ގެއްލޭ މައްސަލަތައް ކަމަށެވެ.
"އެހެން ނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު އެބަހުރި ލިންކްތަކަށް ފިތައިގެން އިންޓަރނެޓް ބޭންކިން ޔޫސާ ނޭމް އަދި ޕާސްވޯޑް ކޮމްޕްރޮމައިޒް ވެފައި. އަދި ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާ ލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ ޑީޓެއިލް ވެސް ޖަހާފައި އެބަ ހުރޭ، މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލްވެސް ލިބޭ. ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓާ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި،" ބީއެމްއެލްގެ ލިޔުމުގައިވެ އެވެ.
އިންޓަނެޓް ބޭންކިން ޔޫސާ ނޭމް އަދި ޕާސްވޯޑް ވެސް އަދި ކާޑުގެ މައުލޫމާތު ވެސް ސައްހަ ނޫން ވެބްސައިޓްތަކުގައި ބޭނުން ނުކުރުމަށް އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުފިތުމަށް ބީއެމްއެލުން އިލްތިމާސްކޮށްފައިވެ އެވެ.
"ބޭންކުން ކެނޑިނޭޅި މި ދަނީ ކަސްޓަމަރުންގެ އެކައުންޓުން ހިންގާ މުއާމަލާތްތަކުގެ އެލާޓް އެސްއެމްއެސް މެދުވެރިކޮށާއި ޕުޝް ނޯޓިފިކޭޝަން މެދުވެރިކޮށް ފޮނުވަމުން، އެހެންކަމުން އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްވެފައިވާ ކަމަށް ޝައްކު ކުރެވޭނަމަ ޕާސްވޯޑް ބަދަލުކުރުމަށް ވެސް އިލްތިމާސްކުރަން،" ބީއެމްއެލް އިން ބުންޏެވެ.











