އިންސާނީ ތާރީހުގެ ދިގުމިނުން ވަޒަން ކުރާނަމަ، 75 އަހަރަކީ އެސްފިޔައެއް ޖެހުންހާ ކުޑަ ވަގުތުކޮޅެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެެއްޖެެ އެވެ.
ފޮރިން މިނިސްޓަރު މިފަދައިން ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 52 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓުގައި ދެއްވި ހިތާބުގަ އެވެ.
ޝާހިދު ވިދާޅުވީ 1948 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހޯދިފައިވާ ކުރިއެރުމަކީ އާޝޯހުވާފަދަ ކުރިއެރުމެއް ކަމަށެވެ.
އެންމެހާ އިންސާނުންނަށް ލިބިފައިވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި "ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އެކުލަވާލުމަށްޓަކައި މުޅި އދ. އެއްބައިވެގެން މަސައްކަތްކުރީ މީގެ 75 އަހަރު ކުރިން ކަމަށާއި އޭގެ ފަހުން ފާއިތުވެގެން ދިޔަ އަހަރުތަކުގައި، އެ މުއާހަދާގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކުގެ ރަން ޒަމާނެއް އައިސްފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ޔުނިވާސަލް ޑެކްލަރޭޝަންގެ ސަބަބުން އެންމެހާ އިންސާނީ ހައްގުތަކަކީ އާލަމީ، ވަކިނުކުރެވޭނެ، އަދި އެއް ހައްގު އަނެއް ހައްގުގެ މައްޗަށް ގުޅިލާމެހިފައިވާ ހައްގުތަކެއްގެ ގޮތުގައި އެކަށައެޅިފައިވާ ކަމަށެވެ.
"އޭގެ ސަބަބުން، މިނިވަންކަމާއި ހަމަހަމަ ކަމާއި އަބުރުވެރިކަމަށް މިސްރާބު ޖަހާނެ ތަސައްވުރެއްފެނި ހައްގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއްމިވަނީ ކޮށިފައި. އޭގެ ސަބަބުން ހުރިހާ ގައުމަކަށާއި ހުރިހާ އެންމެންގެ މެދުގައި ހަމަހަމަ ގޮތެއްގައި މިނެކިރޭނެ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ، އިންސާނީ ހައްގުތަކާ ގުޅޭ 70 އަށް ވުރެ ގިނަ މުއާހަދާ އުފަންވުމަށް މަގުފަހިވެފައިވޭ،" ޝާހިދު ވިދާޅުވި އެވެ.
ޔުނިވާސަލް ޑެކްލަރޭޝަނަށް 75 އަހަރު ފުރޭ މުނާސަބަތުގައި ކުރެވޭނެ، އަދި ކުރަންޖެހޭ ކަމަކީ މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކާ މެދު ވިސްނާ ފިކުރުކުރުން ކަމަށާއި ކުރަންޖެހޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކުގެ މުގުލުގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ވެފައިވާ އަހުދު އަލުން ހަނދާންކޮށް އެ އަހުދު އާ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރަންވީ ކަމަކީ އަދުލުވެރި، ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަ އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ދުނިޔެއެއް ބައްޓަންކުރުމަށް އަހުދުވުން،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ޑިމޮކްރަސީއަކަށް ވެފައި މި އާބާދީގެ ދެބައިކުޅަ އެއްބަޔަކީ 35 އަހަރުން ދަށުގެ ޒުވާނުން ކަމުން، ރާއްޖޭގެ ނަޒަރު އޭގެ ޒާތުގައި ވެސް ހުއްޓިފައިވަނީ މުސްތަގުބަލަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ މުސްތަގުބަލަށް. އަޅުގަނޑުމެންގެ ޑިމޮކްރަސީގެ މުސްތަގުބަލަށް. އަދި އަޅުގަނޑުމެންގެ ދުނިޔޭގެ މުސްތަގުބަލަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މީގެ 25 އަހަރު ފަހުން، ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 100 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރާއިރު އެކަން ފާހަގަކުރެވެނީ އަދަށް ވުރެ މާ ހަމަހަމަ، ގިނަބައެއްގެ ބައިވެރިވުން ހިމެނޭ، ދެމެހެއްޓެނިވި ދުނިޔެއެއްގައިކަން ކަށަވަރުކުރުމަށްޓަކައި މިއަދު ރާއްޖެއިން އަލުން އަހުދު ވަނީ އިންސާނީ ހައްގުތައް ކުރިއަރުވައި ރައްކާތެރި ކުރުމަށެވެ.











