ރިޔާދް (ފެބްރުއަރީ 26) - މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކަކާ އެކު ސައުދީ ޕްރޯ ލީގުގައި ރޭ ދަމަކް އަތުން 3-0 އިން މޮޅުވެ، އަލް ނަސްރު ސައުދީ ޕްރޯ ލީގު ތާވަލްގެ އެއް ވަނަ އަށް އަލުން ޖެހިލައިފި އެވެ.
މެޗުގެ 18 ވަނަ މިނިޓުގައި ރޮނާލްޑޯ އަލް ނަސްރަށް ؛ލީޑު ހޯދައިދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އަދި މެޗުގެ 23 ވަނަ މިނިޓުގައި ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އަލް ނަސްރުން އުފެއްދި ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި ރޮނާލްޑޯ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި، ހެޓްރިކެއް ހަދައިފަ އެވެ.
މިއީ ރޮނާލްޑޯގެ ކެރިއަރު އޭނާ ހެދި 62 ވަނަ ހެޓްރިކެވެ. މީގެ ތެރެއިން 30 ހެޓްރިކް އޭނާ ހެދީ އުމުރުން 30 އަހަރުވުމުގެ ކުރިންނެވެ. އަދި 32 ހެޓްރިކް ހަދާފައިވަނީ އެނާގެ އުމުރުން 30 އަހަރުވީ ފަހުންނެވެ.
ރޮނާލްޑޯ ވަނީ އެންމެ ފަހުން އޭނާ އަލް ނަސްރަށް ކުޅުނު ހަތަރު މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. ސައުދީ ޕްރޯ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި ރޮނާލްޑޯ ވެސް އަންނަނީ ރަން ބޫޓަށް ވާދަކުރަމުންނެވެ.
ލީގުގައި ރޭ އަލް އިއްތިހާދާއި އަލް ރައޭދް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމާ ގުޅިގެން، އަލް ނަސްރަށް ވަނީ ތިން ޕޮއިންޓާއެކު އަލުން އެއްވަނަ ލިބިފައެވެ. އަލް ނަސްރު ތާވަލްގެ އެއްވަނައިގައި އޮތީ ދެ ޕޮއިންޓްގެ ލީޑަކާއެކުއެވެ.
ރޮނާލްޑޯގެ މި ވަގުތުހުރި ފޯމާ ގުޅިގެން، ސޯޝަލް މީޑިއާގައި ރޮނާލްޑޯ އަށް ތައުރީފްކޮށް، ގިނަ ބަޔަކު ދަނީ ޕޯސްޓްތައް ކުރަމުންނެވެ.












