ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކަށް ފަހު ކ. ދިއްފުށި، ބ. އޭދަފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި. ސ. ފޭދޫ އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
ފޯރިގަދަ ފައިނަލް މެޗުތަކެއް ފެނިގެންދިޔައިރު، ގާފަރު އަތުން ދިއްފުށި މޮޅުވީ 4-3 އިންނެވެ. ފެހެންދޫ އަތުން އޭދަފުށި ފަަހަތުން އަރައި 2-1 އިން މޮޅުވިއިރު، ދިއްގަރުން ވަނީ ނާލާފުށި އަތުން 1-0 އިން މޮޅުވެފަ އެވެ. ކުޑަހުވަދޫން ވަނީ ދ. އަތޮޅު ފައިނަލުގައި މާއެނބޫދޫ އަތުން 3-2 އިން މޮޅުވެފަ އެވެ. އަދި ސ. އަތޮޅު ފައިނަލްގެ ދެ ވަނަ ލެގުން، ފޭދޫ ވަނީ 2-1 އިން މަރަދޫފޭދޫ ބަލިކޮށްފަ އެވެ.
ރެެހެންދި ފުޓްސަލް ދަނޑުގައި ރޭ ކ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ގާފަރު އަތުން ދިއްފުށި މޮޅުވި މެޗުގައި ކޮންމެ ފަހަރަކު ވެސް މެޗުގައި ލީޑުނެގި ދިއްފުށިންނެވެ. ދިއްފުށީގެ ފުރަތަމަ ލަނޑާއި ފަހު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް އެ އަތޮޅުން ހޮވުނު އަހުމަދު މާޒިން އެވެ. ދިއްފުށީގެ އަނެއް ދެ ގޯލު ޖެހީ ރިލްވާން ރަޝީދު އާއި ޝައިހާން ފާއިޒު އެވެ. ގާފަރުގެ ގޯލުތައް ޖެހީ އަލީ މާއިސް (މައްޓު) ދެ ގޯލާއި އިބްރާހިމް ރިމާހު (ރިމޭ) ގޯލެކެވެ.

އޭދަފުށިން އަތޮޅު ޗެމްޕިއަންކަން ދިފާއުކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް.އެމްވީ
ފެހެންދޫގެ މުހައްމަދު ރީހާންގެ ގޯލުން އެ ޓީމު ލީޑުނަގާފައިވަނިކޮށް، އޭދަފުށިން ނަތީޖާ އަނބުރާލީ ފަހު ވަގުތު އެވެ. އޭދަފުށްޓަށް އެއްވަރުކޮށްދިނީ އޭރިއާބޭރުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލުންނެވެ. އޭދަފުށި މޮޅުކޮށްދިން ގޯލު ޖެހީ ސައްޓު ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ. ބ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެެހެންދޫގެ އަހުމަދު ބައްސާމް (ބައްކު) އެވެ.
ނާލާފުށި އަތުން ދިއްގަރު މޮޅުވިއިރު، ފައިނަލުގައި ދިއްގަރުގެ ހަމައެކަނި ގޯލު ޖެހީ އަލީ މާޖިދު އެވެ.
ކުޑަހުވަދޫން ވަނީ ދ. އަތޮޅު ފައިނަލުގައި ފަހަތުން އަރައި މާއެނބޫދޫގެ މައްޗަށް ކުރިހޯދައިފަ އެެވެ. ކުޑަހުވަދޫގެ ގޯލުތައް ޖެހީ ކެޕްޓަން، ޖުމައިލް ޖަމީލް (ޖުމްބެ) އާއި ހާރޫން ރަޝީދު އަދި އިރުފާން އާދަމް ނަސީރު އެވެ. މާއެނބޫދޫގެ ދެ ގޯލު ވެސް ޖެހީ އެ ޓީމުގެ ކެޕްޓަން، އަހުމަދު މަހްދޫމް އެވެ.
ފުރަތަމަ ލެގުގައި ވެސް މަރަދޫފޭދޫ އަތުން ފޭދޫ ކުރިހޯދިއިރު، ރޭގެ މެޗުގައި ވެސް ވަނީ ކާމިޔާބު ހޯދައިފަ އެވެ. ރޭ މަރަދޫފޭދޫގެ އިބްރާހިމް ސައިފް ގޯލު ޖަހާފައިވަނިކޮށް، ފޭދޫން ނަތީޖާ އަނބުރާލީ އަލީ ނާފިއު (ކަޅޭ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ އޮތީ ޒޯން އެކެއްގައި ހދ. ނޭކުރެންދޫ އާއި ހއ. އުތީމު ކުޅޭ މެޗާއި ށ. ކަނޑިތީމާއި ހއ. ފިއްލަދޫ ބައްދަލުކުރާ މެޗެވެ. އަދި ޒޯން ހައެއްގައި މިރޭ ލ. ގަމާއި ގދ. ވާދޫ އެއް މެޗުގައި ބައްދަލުކުރާއިރު، ދެން އޮތީ އެ ޒޯނުގައި ގއ. ނިލަންދޫ އާއި ގއ. މާމެންދޫ ބައްދަލުކުރާ މެޗެވެ.












