މޮރޮކޯގެ މަގްބޫލް ލަވަކިޔުންތެރިއެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެ، ފްރާންސްގައި ހަ އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.
ފްރާންސްގެ ނޫސްތަކުން ބުނީ އުމުރުން 37 އަހަރުގެ ސާދް ލަމްޖަރެދްގެ މައްޗަށް ހުކުމް އިއްވީ ހުކުރު ދުވަހު ކަމަށެވެ. އޭނާ މިހާރު ހުރީ ބަންދުކޮށްފަ އެވެ.
ކުރު ޝަރީއަތުގައި ސާދް ލަމްޖަރެދް ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާއަށް ތުހުމަތު ކުރީ ޕެރިހުގެ ހޮޓަލެއްގައި 2016 ވަނަ އަހަރު ޒުވާން އަންހެނަކު ރޭޕްކުރި ކަމަށެވެ.
ލަމްޖަރެދްއަކީ އަރަބި މިޔުޒިކް ދުނިޔޭގައި ތަރިއެކެވެ. އޭނާގެ ހިޓު ލަވައަކަށް ޔޫޓިއުބުގައި ބިލިއަނަކަށް ވުރެ ގިނަ ވިޔުޒް ލިބިފައިވެ އެވެ.
މޮރޮކޯގެ އެންމެ ޝަރަފުވެރި ގައުމީ އެވޯޑް ލަމްޖަރެދްއަށް ލިބިފައިވެ އެވެ. ފްރާންސްގައި 2016 ވަނަ އަހަރު އޭނާ ހައްޔަރު ކުރުމާ އެކު، ގާނޫނީ ފީތައް ހަމަޖައްސައިދެއްވާނެ ކަމަށް މޮރޮކޯގެ ރަސްގެފާނު ވިދާޅުވި އެވެ.

ލަމްޖަރެދްގެ ބައެއް ފޭނުން ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ މޮރޮކޯއާ ގުޅުން ހީނަރުވެފައިވާ އަވަށްޓެރި އަލްޖީރިއާއިން ރާވައިގެން ހިންގި އަމަލަކުންނެވެ.
ހައްޔަރު ކުރުމަށް ފަހު ލަމްޖަރެދް ނެރުނު ފުރަތަމަ ލަވަ ހާއްސަ ކުރީ މޮރޮކޯގެ ރަސްގެފާނަށެވެ. އެ ލަވަޔަށް ވެސް 140 މިލިއަނަށް ވުރެ ގިނަ ވިޔުޒް ލިބުނެވެ.










