ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ގޮތްތަކާ ބެހޭ ގޮތުން ޗައިނާއިން ގެންގުޅޭ ހުށަހެޅުމާ މެދު މަޝްވަރާ ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރަން ބޭނުންވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޔޫކްރެއިންގެ އިރުމައްޗަށް ރަޝިއާގެ ސިފައިން އަރައި ފެށި ހަނގުރާމައަށް އެއް އަހަރު ފުރުނީ ހުކުރު ދުވަހު އެވެ. ޒެލެންސްކީ ވިދާޅުވީ އެފަދަ ހުށަހެޅުމަކުން ރަމްޒުކޮށްދެނީ ސުލްހަ ގެނައުމަށް ކުރާ މަސައްކަތުގައި ޗައިނާއިން ބައިވެރިވަމުންދާ މިންވަރު ކަމަށެވެ.
"ޗައިނާއިން ރަޝިއާއަށް ހަތިޔާރު ނުދޭނެ ކަމަށް ގަބޫލުކުރަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން،" ޒެލެންސްކީ ވިދާޅުވި އެވެ.
ޗައިނާގެ ހުށަހެޅުމުގައި ގޮވާލަނީ ސުލްހައިގެ މަޝްވަރާ ފެށުމަށާއި ގައުމުތަކުގެ އިސްތިގުލާލަށް އިހްތިރާމް ކުރުމަށެވެ. އެކަމުގެ ތަފްސީލް ހާމަކޮށް ޗައިނާއިން ނެރުނު ލިޔުމުގައި 12 ނުކުތާ ހިމެނެ އެވެ.
ޝީ ޖިންޕިންއާ ބައްދަލުކުރަން ބޭނުންވާ ކަމަށް ޒެލެންސްކީ ވިދާޅުވި އިރު، ޗައިނާއިން މިހާތަނަށް އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ރަޝިއާއިން ވަނީ ޗައިނާގެ ހުށަހެޅުމަށް މަރުހަބާ ކިޔައިފަ އެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "ޗައިނާއާ ހިޔާލު އެއް ގޮތް" ކަމަށެވެ.
ޗައިނާގެ ހުށަހެޅުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އޭބީސީ ނިއުސްއަށް ވިދާޅުވީ "ރަޝިއާ ނޫން ބަޔަކަށް އޭގެން ކުރާނެ ފައިދާއެއް ނުފެންނަަ" ކަމަށެވެ.
ޔޫކްރެއިންގައި މިހާރު ކުރަމުންދާ ހަނގުރާމައަކީ ދެ ވަނަ ބޮޑު ހަަނގުރާމައަށް ފަހު ޔޫރަޕްގައި އުފެދުނު އެންމެ ބޮޑު ހަމަނުޖެހުމެވެ.










